ރީ ރެޖިސްޓްރޭޝަން ފޯމުތައް ނައްތާލީ އީސީ މެމްބަރު ނަޝާތު ވިދާޅުވެގެން - ސިއްރު ހެކި

ރީ ރެޖިސްޓްރޭޝަން ފޯމުތައް ނައްތާލީ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަލީ ނަޝާތު ވިދާޅުވެގެން ކަމަށް، ރިޔާސީ އިންތިހާބު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ވެއްދި މައްސަލައަށް ހުށަހަޅާފައިވާ ސިއްރު ހެކިންގެ ބަޔާންތަކުން ހާމަވެއްޖެއެވެ.
ސިއްރު ހެކީންގެ ބަޔާންތައް ލީކު ވެފައިވާއިރު، ސުޕްރީމް ކޯޓަށް ބަޔާން ދީފައިވާ ސިއްރު ހެއްކަކު ބުނީ އީސީގެ މެމްބަރު ނަޝާތު އޭނާ އާއި އޭނާގެ ސެކްޝަނުގައި މަސައްކަތްކުރާ އެހެން މުވައްޒަފަކަށް ގޮވާ ރީ ރެޖިސްޓްރޭޝަން ފޯމުތަކެއް ހަވާލުކުރި ކަމަށާއި އަދި އެ ފޯމުތައް ލިސްޓަކަށް އެޅުމަށް ވިދާޅުވި ކަމަށެވެ.
އެގޮތުން ފޯމުތައް ލިސްޓު ތައްޔާރުކޮށް ނަޝާތުއާ ހަވާލުކުރި ކަމަށާއި އަދި އޭގެފަހުން ދުވަހެއްގައި ކުރިން ހަވާލުކުރެވުނު ލިސްޓު ދެ ކުލަޔަކުން (ރެޑް އަދި ވައިޓް) ހައިލައިޓް ކުރުމަށްފަހު އަޅުގަނޑުމެންނާއި ހަވާލުކޮށް ފޯމުތައް ސޯޓުކޮށް ދިނުމަށް ނަޝާތު އެދުނު ކަމަށް ސިއްރު ހެކި ދިން މީހާ ބުނެފައިވެއެވެ. އަދި ހަމަ އެ ދުވަހު ފޯމުތައް ސޯޓުކޮށްފައި އަލުން ނަޝާތުއާ ހަވާލުކުރި ކަމަށްވެސް ބުނެފައިވެއެވެ.
"އޭގެފަހުން ދުވަހެއްގައި އަޅުގަނޑާއެކު މަސައްކަތް ކުރި، ކުރިން ހަވާލާދެވިފައިވާ މުވައްޒަފު އާއި މެމްބަރަކު އެ ފޯމުތައް ޝްރެޑް ކުރަން (ނައްތާލަން) ހަވާލުކުރުމުން ފޯމުތައް ޝްރެޑް ކުރިކަން އަޅުގަނޑަށް އެނގެއެވެ. އެކަން އަޅުގަނޑަށް އެނގުނީ އެކަމުގައި އެހީތެރިކަމަށް އެދުމުން އަޅުގަނޑު އެހީތެރިވެފައިވާތީއެވެ" އޭނާ ބުންޏެވެ.
ސިއްރު ހެކި ދިން މީހާ ބުނިގޮތުގައި ނައްތާލި ފޯމުތަކަކީ ޕީޕީއެމްގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމުތަކެކެވެ. އެކަން އެނގުނީ އެ ފޯމުތަކުގައި ޕީޕީއެމްގެ ލޯގޯ ޖަހާފައިވުމުން ކަމަށް އޭނާ ބުންޏެވެ. ޖުމްލަ ގާތްގަނޑަކަށް 15،000 ފޯމު މެމްބަރުންގެ އެންގުމަށް މި ދުވަހު ޝްރެޑްކޮށް ނައްތާލެވިފައިވާނެ ކަމަށްވެސް އޭނާ ބުންޏެވެ.
ސިއްރު ހެކި މިގޮތަށް ބުނެފައިވީ ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އަންނަނީ މި ވާހަކަތައް ދޮގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ