ރ. މީދޫގެ ކަރަންޓުގެ މައްސަލައަށް ހައްލެއް ލިބިފައިނުވާތީ އެ ރަށުގެ ގިނަ ރައްޔިތުންތަކެއް އިހުތިޖާޖަށް ނުކުމެއްޖެއެވެ.
މީދޫއަށް ކަރަންޓު ފޯރުކޮށްދެމުންދަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. އެ ކުންފުނިން ބޭނުންކުރަމުންދިޔަ 400 ކިލޯވޯޓު ޖަނަރޭޓަރު ހަލާކުވުމުގެ ސަބަބުން އެ ރަށަށް ކަރަންޓު ދިނުމަށް ވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް މީދޫ ރައްޔިތަކު "ވަން އޮންލައިން"އަށް މައުލޫމާތުދެމުން ބުނީ އެ ޖަނަރޭޓަރަށް މައްސަލަތައް ކުރިމަތިވެ، ކަރަންޓުގެ މައްސަލަތައް ކުރިމަތިވާތާ މިހާރު މަހެއްހާ ދުވަސް ވެފައިވާ ކަމަށެވެ.
"ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑޭތާ މަހެއްހާ ދުވަސްވެއްޖެ. މީގެ ދެ އަހަރެއްހާ ދުވަސްކުރިން ފެނަކައިން ކަރަންޓު ދިނުމަށް ހަވާލުވީ. އޭރު ފެނަކައިން ގެނައި 400 ކިލޯވޯޓުގެ ޖަނަރޭޓަރު މި ބޭނުންކުރަނީ. އޯވާހޯލެއް ނުކުރޭ، ހަމައެކަނި އެ ޖަނަރޭޓަރުގެ އަޑީތެޔޮ ބަދަލުކޮށްލާކަން. އެހެންވެގެން ޖަނަރޭޓަރަށް މައްސަލަތައް ދިމާވާން ފެށީ،" އޭނާ ބުންޏެވެ.
އޭނާ ބުނީ އެ ޖަނަރޭޓަރު ހަލާކުވުމުގެ ސަބަބުން މިހާރު އެ ރަށަށް ކަރަންޓު ދެމުންދަނީ 150 ކިލޯވޯޓުގެ ޖަނަރޭޓަރަކުން ކަމަށާއި އޭގެން ބޭނުންކުރެވެނީ ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދާލުމަށް ކަމަށެވެ. އަދި ރައްޔިތުން ކަނު އަނދިރީގައި ތިބޭތާ މިއީ ދެވަނަ ރޭ ކަމަށެވެ.
"މިހާރު ގިނަ ރައްޔިތުންތަކެއް އިހުތިޖާޖު ކުރަމުންދަނީ. އެމީހުން ގޮވާލަމުންދަނީ ކަރަންޓު ޔަގީންކޮށްދިނުމަށް. އަދި ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމަށް އެމީހުން ގޮވާލަމުންދަނީ،" އޭނާ ބުންޏެވެ.
އޭނާ ބުނީ ސަރުކާރާ ގުޅިގެން އެ މައްސަލަ ހައްލުކުރަމުންދާ ކަމަށް ކައުންސިލުން ބުނެފައިވާ ކަމަށާއި މިހާރުވެސް 400 ކިލޯވޯޓުގެ ޖަނަރޭޓަރު މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިހާރު އެ މަސައްކަތް ވާނީ ވަރަށް އުނދަގޫ އަދި ގިނަ ވަގުތުތަކެއް ނަގާނެ މަސައްކަތަކަށް ކަމަށް ވެސް އޭނާ ބުންޏެވެ.
އެކަމާ ގުޅޭގޮތުން "ވަން އޮންލައިން"އިން ކައުންސިލްގެ ބަހެއް ހޯދާލުމަށް މީދޫ ކައުންސިލްގެ މެމްބަރުންނަށް ގުޅާލުމުން ވިދާޅުވީ މިވަގުތު އެބޭފުޅުން ތިއްބެވީ ބައްދަލުވުމެއްގައި ކަމަށެވެ.
މީދޫ މިރޭވެސް ކަނު އަނދިރީގައި، ހައްލެއް ނުލިބޭތީ ރައްޔިތުން އިހުތިޖާޖުގައި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ