މިއަދުގެ އަޑުއެހުން ކުރިއަށްދާއިރު، ގިނަ ބަޔަކު ސުޕްރީމް ކޯޓު ސަރަހައްދުގައި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގެ އަޑު އެހުން ކުރިޔަށްދާތީ، ޕީޕީއެމް އާއި އިދިކޮޅު ޕާޓީތަކަށް ތާއީދު ކުރާ ފަރާތްތަކުން މިއަދު ވެސް ސުޕްރީމް ކޯޓު ކައިރިޔަށް އެއްވެއްޖެއެވެ. ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ރައީސް ޔާމީން ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގައި އިއްޔެ ބޭއްވި ފުރަތަމަ އަޑު އެހުން ކުރިޔަށް ދިޔަ ވަގުތުވެސް ގިނަ އަދަދެއްގެ ބަޔަކު ސުޕްރީމް ކޯޓު ކައިރިއަށް އެއްވެފައިވެއެވެ.  މިއަދުގެ އަޑު އެހުން ފަށާފައިވަނީ 10:30ގައެވެ. އަޑުއެހުން ކުރިއަށްދާއިރު، ޕީޕީއެމް އާއި އިދިކޮޅު ޕާޓީތަކުގެ ސަޕޯޓަރުން ވަނީ ސުޕްރީމް ކޯޓު ކައިރިޔަށް އެއްވެ އިހުތިޖާޖުކޮށްފައެވެ. އެހެންނަމަވެސް އެސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުންނާއި ސިފައިން ވަނީ އެ މީހުން ފަހަތަށް ޖައްސާ އެސަރަހައްދު ހުސްކޮށްފައެވެ. މިއަދުގެ ޝަރީއަތުގެ އަޑުއެހުމަށް ވަންނަން ބޭނުންވާ މީހުން ނަން ނޯޓު ކުރުން އޮތީ މިއަދު ހެނދުނު 8:30ގައެވެ. އެމައްސަލައިގައި އިއްޔެ ބޭއްވި ޝަރީއަތުގައި އޮތީ ރައީސް ޔާމީންގެ ފަރާތްޕުޅުން ދައުވާ ހުށަހެޅުމާއި އިލެކްޝަންސް ކޮމިޝަނާއި އިދިކޮޅު ކޯލިޝަނުން ޖަވާބުދާރީވުމެވެ. އިއްޔެ ސުޕްރީމް ކޯޓުގައި ޝަރީއަތް ފެށިގެން ކުރިއަށް ދިޔައިރު ގިނަ ބަޔަކު ވަނީ އެސަރަހައްދަށް ޖަމާވެފައެވެ.  އެގޮތުން 13:00ގައި ޝަރީއަތް ފެށިއިރު ހެނދުނުން ފެށިގެން ޝަރީއަތުގެ އަޑުއެހުމަށް ވަނުމަށްޓަކާ ގިނަ ބަޔަކު ވަނީ ސުޕްރީމް ކޯޓު ކައިރިއަށް އެއްވެފައެވެ.  ޕީޕީއެމްގެ ސަޕޯޓަރުންނާއި، މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީސް މެންބަރުން ކިއޫގައި ތިއްބެވިއިރު، އެމްޑީޕީގެ ސަޕޯޓަރުން ވެސް ވަނީ އެ ސަރަހައްދަށް އެއްވެފައެވެ. ނަމަވެސް އެމްޑީޕީ ސަޕޯޓަރުން އެސަރަހައްދުގައި ހަމަނުޖެހުން ހިންގަން ފެށުމުން ފުލުހުންނާއި ސިފައިން ވަނީ މީހުންތައް ސުޕްރީމް ކޯޓު ކައިރިން ދުރަށް ޖައްސައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ