މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފި
މާލެއިން ފެށިގެން އައްޑޫއަށް ގޯސްވާނެކަމަށް ލަފާކޮށް، އެސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފިއެވެ. މޫސުމާ ބޭހޭ ގައުމީ އިދާރާ އިން ބުނީ އެސަރަހައްދުތަކަށް ގަދަ ވަޔާއިއެކު ބޯކޮށް ވާރެވެހޭނެކަމަށް ލަފާ ކުރެވޭ ކަމަށެވެ. މާލެއިން ފެށިގެން އައްޑޫ އަތޮޅާއި ދެމެދަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ފަތިހު ހަގަޑި ސުންމިނެޓުން ފެށިގެން މެންދުރު ބާރަ ޖެހުމާއި ހަމައަށެވެ. ރޭ މެންދަމުއްސުރެ މާލެއަށް ދަނީ ބޯކޮށް ވާރޭވެހެމުން. އާދިއްތަ ދުވަހުވެސް މާލެއަށް ބޯކޮށް ވާރޭވެހި ގިނަ މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. އެމްއެންޑީއެފްއިން ވަނީ، ޕަމްޕް ޖަހައިގެން ބައެއް މަގުތަކުން ފެން ހިންދާފައެވެ. ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި، މިއަދުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ. މެޓް އޮފީހުން ބުނީ ހުޅަނގު ދެކުނާއި ހުޅަނގުން އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާ 13 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި މެދުތެރެއާއި ދެކުނު އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 18 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ