ރައްޔިތުން ތިބީ ޤާނޫނުގެ ވެރިކަމެއް ޤާއިމްކުރުމަށް ބޭނުންވެފައި - ތަސްމީން

2008 ވަނަ އަހަރެކޭ އެއްފަދައިން ރާއްޖޭގެ ރައްޔިތުން މިއަދުވެސް ތިބީ ޤާނޫނުގެ ވެރިކަމެއް ޤާއިމްކުރުމަށް ބޭނުންވެފައި ކަމަށް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެއެވެ.
ޑީއާރުޕީއިން ށ އަތޮޅު ކަނޑިތީމުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ތަސްމީން ވިދާޅުވީ، 2008ވަނަ އަހަރު ދިވެހި ރައްޔިތުން، އަޅުގަނޑުމެންގެ ސިޔާސީ ނިޒާމަށް ގެނައި ބޮޑު ބަދަލު ގެންނަން މަސައްކަތް ކުރީ ހަމަހަމަކަމާ، އިންސާފުން ބޭރުން، ވަކި ބަޔަކަށް މަންފާވާގޮތަށް ދައުލަތުގެ ކަންތައްތައް ބައްޓަންވެފާ އޮންނަން ބޭނުން ނުވާތީ ކަމަށެވެ.
2008 ވަނަ އަހަރު ރައްޔިތުން ރާއްޖޭގެ ވެރިކަމަށް ގެނައި ބަދަލު ގެނައީ އުންމީދުތަކާއެކުގައި ކަމަށާއި، އެކަމަކީ، ރައްޔިތުންގެ ހިތުގައި އޭރު އުފެދިފައިވާ އެތައް އެތައް އުދާސްތަކާއި، ނުތަނަސްކަމެއް ނައްތާލާނެކަމުގެ އުންމީދުގައި ކުރިކަމެއް ކަމަށް ތަސްމީން ވިދާޅުވިއެވެ.
” އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ރާއްޖޭގެ ރައްޔިތުން މިއަދުވެސް އެތިބީ ޤާނޫނުގެ ވެރިކަމެއް ޤާއިމްކުރުމަށް ބޭނުންވެފަ، އެކަމަށް އެދިއެދި. ހަމަހަމަ ކަމާއެކު ރައްޔިތުންގެ މެދުގައި ކަންތައްތައް ހިންގާނެ ނިޒާމަކަށް އެދިއެދި" ތަސްމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ތިބީ މީހަކު ނިސްބަތްވާ އާއިލާއަކަށް ނުވަތަ އެމީހެއްގެ އަތުގައި ހުރި މުއްސަނދި ކަމަކަށް ނުވަތަ ވަސީލަތްތަކަށް ނުވަތަ އެމީހެއްގެ ގައިގައި ހުރި ކުލައަކަށް ނުވަތަ ވިސްނުމުގައި ގެންގުޅޭ ފިކުރަކަށް ބެލުމެއް ނެތި ހަމަހަމަކަމާއެކު ކަންތައްތައް ކޮށްދޭނެ ސަރުކާރަކަށް އެދި އެދި ތިބި ކަމަށެވެ.
މީގެއިތުރުން ޑީއާރުޕީގެ ލީޑަރު ތަސްމީން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ އުންމީދުގެ ހުޅުކޮޅު ނިވައެއް ނުލެވޭނެ ކަމަށާއި، ޑީއާރުޕީއަކީ ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދޭނެ ޕާޓީއެއް ކަމަށެވެ.
ކަނޑިތީމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑީއާރުޕީގެ ކައުންސިލް މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ މެމްބަރު އަބުދުﷲ ޝާހިދު ވިދާޅުވީ، ޤައުމު ސަލާމަތް ކޮށްދެވޭނީ ޤަވާއިދާ ހަމަތަކުގެ މަތިން މަސައްކަތް ކުރާ ބަޔަކަށް ކަމަށާއި، ޤައުމު ސަލާމަތް ކޮށްދެވޭނީ ޑީއާރުޕީއަށް ކަމަށެވެ.
ޑީއާރުޕީއިން ބޭއްވި މިޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ށ ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސެއިން ވިދާޅުވީ، މާދަމާ ކާމިޔާބު ކުރުމަށް މީހުންގެ ފަހަތުން ނުގޮސް، ސިޔާސަތުތަކުގެ ފަހަތުން ދާންޖެހޭ ކަމަށެވެ. އަދި ކިޔަމުންއައި ސަފްހާތައް ނިމުމަކަށް އައުމުން އާސަފްހާތަކެއް ހުޅުވުމުގެ ހިތްވަރާއި އަޒުމް އަޅުގަނޑުމެންގެ ގައިގައި ހުންނަންޖެހޭ ކަމަށްވެސް މުހައްމަދު ހުސެއިން ވިދާޅުވިއެވެ.
މިޖަލްސާގައި ވާހަކަދައްކަވަމުން ޤައުމީޕާޓީގެ ނައިބު ރައީސް އިމާދު ސޯލިހު ވިދާޅުވީ، ޑީއާރުޕީ ޤައުމީ ޕާޓީގެ ޓީމަކީ ވަރުގަދަ ޓީމެއް ކަމަށާއި، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނީ މިޓީމަށް ކަމަށެވެ.
ޑީއާރުޕީއިން ކަނޑިތީމުގައި ބޭއްވި މިޖަލްސާގައި ގިނައަދަދެއްގެ ޑީއާރުޕީގެ އާންމު މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ