ކަރަންޓް ބިލް ބޮޑުވާ މައްސަލާގައި ސްޓެލްކޯ އާއި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން އިލްމީ ދިރާސާއެއް ހެދުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ސްޓެލްކޯ އާއި އެމްއެންޔޫއިން އެއްބަސްވުމެއްގައި މިއަދު ސޮއިކުރީ 2014 އިން ފެށިގެން މިއަހަރާ ހަމައަށް ސްޓެލްކޯއިން ދޫކުރި ކަރަންޓު ބިލުތަކުގެ ފުރިހަމަ ތަހުލީލީ ދިރާސާއެއް ހެދުމަށްފަހު އާންމު ކުރުމަށެވެ.
އެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީ އެވެ. އެމްއެންޔޫގެ ފަރާތުން ސޮއިކުރީ އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. އައިޝަތު ޝެހެނާޒް އާދަމްއެވެ.
އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަހުމީ ވިދާޅުވީ ކަރަންޓު ބިލާ ގުޅޭގޮތުން ހިޔާލު ތަފާތުވުންތައް އެބަހުރި ކަމަށެވެ. އެހެންވެ އޭނާ ވަނީ ކަރަންޓު ބިލް ބޮޑުވާ މައްސަލާގައި އިންސާފުވެރިކަމާއެކު އިލްމީ ދިރާސާއެއް ކޮށްފައި ޕަބްލިޝް ކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
މި ފަހުމުނާމާގެ މައިގަނޑު ދާއިރާއަކީ، ބިލްކުރުމުގައި ދިމާވާ އެކި މައްސަލަތަކުގެ އަސްލު ސަބަބުތައް ދިރާސާކޮށް، ކަރަންޓު ބޭނުންކުރާ ވައްޓަފާޅި (ކޮންސިއުމަންޓް ޕެޓަރންސް) އާއި މޫސުމީ ބަދަލުގެ ސަބަބުން އެކަމަށް ކުރާ އަސަރު ދެނެގަނެ، ބިލްކުރުމުގެ ނިޒާމުގައި ހާމަކަން ބޮޑުކަމާއި، ޞައްޙަކަމާއި، ކަސްޓަމަރުންގެ ހިތްހަމަޖެހުން އިތުރުކުރުމަށް އިސްތިރާޖުތައް އެކުލަވާލުން.
މި ދިރާސާގައި ވޭތުވެދިޔަ 10 އަހަރު (2014 އިން 2024 އަށް) ގެ ޑޭޓާ އިވެލުއޭޓް ކުރާނެ ކަމށް ވަނީ ބުނެފައެވެ. މި ދިރާސާގެ އަސާސީ މަޤްޞަދަކީ އެކި ކަންކަން ޙާޞިލްކުރުމަށް ސްޓެލްކޯގެ ކަރަންޓް ބިލްތަކުގެ ފުރިހަމަ ދިރާސާއެއް ކުރުމެވެ. އޭގެތެރޭގައި:
• ކަރަންޓު ބޭނުންކުރާ ވައްޓަފާޅި
• ބިލްކުރުމުގެ ޞައްޙަކަން ވަޒަންކުރުން
• ހަކަތައިގެ ކުރުންތެރިކަން (އެނަރޖީ އެފިޝަންސީ) އިތުރުކުރުމަށް ހުރި ފުރުޞަތުތައް ދެނެގަތުން
• ކަސްޓަމަރުންގެ ހިތްހަމަޖެހުން
• މާލީ ގޮތުން މަސައްކަތް ކުރެވޭ ފެންވަރު
މި ދިރާސާއިން ޙާޞިލްކުރަން ބޭނުންވާ ކަންކަމަކީ:
1. ކަސްޓަމަރުންގެ އެކި ކެޓަގަރީތަކުގެ (ރެސިޑެންޝަލް، ކޮމާޝަލް، އިންޑަސްޓްރިއަލް) ކަރަންޓު ބޭނުންކުރާ ވައްޓަފާޅި ދެނެގަތުން
2. އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ ވަގުތުތަކާއި، މޫސުމީ ބަދަލުގެ ސަބަބުން ކަރަންޓު ބޭނުންކުރާ ވައްޓަފާޅިއަށް ކުރާ އަސަރު ދެނެގަތުން
3. މީޓަރ ކުރެވިފައިވާ ޔޫސޭޖް ޑޭޓާ އާއި ބިލްކުރެވޭ އަދަދުތަކާ އަޅާކިޔައިގެން ކަރަންޓް ބިލްތަކުގެ ޞައްޙަކަން ކަށަވަރުކުރުން
4. ބިލްކުރުމުގައި ގޯސްތަކެއް ހުރިނަމަ، ހުރި ގޯސްތަކާއި ހުރި މިންވަރު ދެނެގަނެ އަދަދުކުރުން
5. ކަސްޓަމަރުންނަށް ކަރަންޓް ބޭނުންކުރުން މަދުކޮށް، ޚަރަދު ކުޑަކުރެވޭނެ ދާއިރާތައް ދެނެގަތުން
6. ކަރަންޓް ބިލާ ގުޅޭގޮތުން ކަސްޓަމަރުންގެ ޝަކުވާތަކާއި ޚިޔާލު ދެނެގަތުން
7. ކުންފުނީގެ އިސްތިރާޖު ކަނޑައެޅުމާއި ގޮތް ނިންމުމުގެ މަރުޙަލާތަކަށް އެހީތެރިވުމަށްޓަކައި ޚިޔާލުދީ، ތަފާސް ހިސާބާއި ދިރާސާގެ މައްޗަށް ބިނާކުރާ މަޝްވަރާ ފޯރުކޮށްދިނުން
ކަރަންޓް ބިލް ބޮޑުވާ މައްސަލާގައި ސްޓެލްކޯ އާއި އެމްއެންޔޫ ގުޅިގެން ދިރާސާއެއް ހަދަނީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ