ހަފްތާ ބަންދުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން އިލްތިމާސްކޮށްފި އެެވެ.
އެއިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ މި ދުވަސްވަރަކީ ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރު ކަމަށެވެ. މޫސުން ބަދަލުވާ ދުވަސްވަރު މި ސަރަހައްދުގައި ކޮޅިގަނޑުތައް އުފެދުމުގެ ފުރުސަތު އޮންނަ ކަމަވެސް މެޓުންވަނީ ބުނެފަ އެވެ.
ހަފްތާ ބަންދުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް ދަންނަވަން.މޫސުމާބެހޭ އެންމެ ފަހުގެ ނިމުތު އަދި ސަމާލުތަކާގުޅޭ މައުލޫމާތު މިސާރވިސްގެ ވެބްސައިޓް އަދި ވައިބަރ ގުރޫޕުން ލިބިލައްވާނެ. All are advised to be cautious of the adverse… pic.twitter.com/eRAQEk2J8b— Maldives Meteorology (@MetMaldives) December 19, 2024
މެޓް އިން ބުނީ އާންމު ގޮތެއްގައި ދެކުނަށާއި މެދު ރާއްޖޭގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން އުތުރުގެ އަތޮޅުތަކުގައި ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭއިރު، ދެކުނާއި މެދު ރާއްޖެތެރޭގެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވެފައި ވެއެވެ.
މި ދުވަސްވަރު ގަދަވަޔާއެކު ވިއްސާރަކޮށް ގުގުރުމާއިއެކު ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 40 -55 މޭލަށް ވައިގަދަވުން ވެސް އެކަށީގެންވާ ކަމަށާއި ދެކުނާއި މެދު ރާއްޖެތެރޭގެ ސަރަހައްދަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް ވެސް މެޓްއިން ވަނީ ބުނެފަ އެވެ.
މިއާއެކު ހުރިހާ ފަރާތްތަކުން ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން އެންމެ ފަހުގެ މޫސުމީ ނިމުންތަކާއި ސަލާމުތަކަށް އިސްކަން ދިނުމަށް މެޓްއިން ވަނީ އިލްތިމާސްކޮށްފައެވެ.
ދުވަސްވަރަކީ ސްކޫލްތައް ބަންދުކޮށް، ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ މިޑް ބްރޭކް ފަށާފައިވާ ދުވަސްވަރުކަމުން ގިނަބަކު ދަނީ ޗުއްޓީއަށް ރަށުންބޭރަށްވެސް ދަތުރުކުރަމުންނެވެ. އެހެންކަމުން ދަތުރަށް ފެށުމުގެ ކުރިން މޫސުން ރަނގަޅަށް ބަލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ މުހިންމު ކަމެކެވެ.
ހަފްތާ ބަންދުގައި މޫސުން ވަރަށް ގޯސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ