އެސްޓޯނިއާ: މުއްސަދި ތާރީޚެއް އޮތް، ޓެކްނޮލޮޖީގެ ނަމޫނާ ޤައުމެއް

ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ދަތުރުކޮށްލައި އެކި ޤަައުމުތައް ބަލާލައި ތަޖުރިބާ ކޮށްލުމަކީ ދިިރިއުޅުމުގެ ބިޒީ ކަމުން ދުރުވެލައި ތާޒާ ވެލައި ހިތްހަމަޖައްސައިލުމަށް މުހިންމު ކަމެކެވެ. އެގޮތުން ޗުއްޓީތަކުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނާއި ޢާއިލާތައް ދަނީ އެެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. ނަމަވެސް މި ގޮތަށް ދަތުރުކުރުމުގައި ދިވެހިން އާންމުކޮށް ގޮސް އުޅެނީ އެއް މަންޒިލްތަކަކަށެވެ. މެލޭޝިޔާއާއި ތައިލޭންޑު ފަދަ ޤައުމުތަކަށް ގިނަ ޢަދަދެއްގެ ދިވެހިން ދަތުރުކުރާއިރު ފަހަކަށް އައިސް ދުބާއީއާއި ތުރުކީވިލާތާއި އިންޑޮނޭޝިޔާގެ ބާލީ ދަނީ ދިވެހިންގެ މެދުގައި މަޤުބޫލުކަން ހޯދަމުންނެވެ. އޭގެ އިތުރުން ވިލާތުގެ މަޝްހޫރު ޤައުމުތައް ކަމަށްވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި އިޓަލީވިލާތަށް ދަތުުރުކުރާ ދިވެހިންގެ ޢަދަދު ވެސް ދަނީ އިތުރު ވަމުންނެވެ. މިިއިން ކޮންމެ މަންޒިލަކުން ވެސް ހިތްގައިމު ތަޖުރިބާތައް ލިބޭނެކަން ޔަޤީނެވެ. ނަމަވެސް މިހާރު ދެން ވީ ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ފޮރުވިފައިވާ ޖަވާހިރުތައް ހޯދަންށެވެ. އެގޮތުން ބަކެޓު ލިސްޓުގައި ޖާގައެއް ހައްޤުވާ އެ ފަދަ އެއް ޤައުމަކީ އެސްޓޯނިޔާއެވެ.
ވިލާތުގެ އުތުރުގައި، ބެލްޓިކް ކަނޑުގައި އޮންނަ އެސްޓޯނިއާއަކީ ކުޑަ ނަމަވެސް މީހުން ގަޔާވާ ފަދަ ޖާދުލެއް ހުންނަ ޤައުމެކެވެ. މުއްސަނދި ތާރީޚެއް އޮންނަ އެސްޓޯނިޔާއަކީ އެހާމެ ރީތި އަދި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޒަމާނީ ޤައުމެކެވެ. ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު، އެސްޓޯނިއާގެ %99.9 ސަރުކާރުގެ ޚިދުމަތްތަކަކީ ޑިޖިޓަލްކޮށް ދޭ ޚިދުމަތްތަކެކެވެ. މީގެ ތެރޭގައި ޓެކްސް ދެއްކުމާއި، ސިއްޙީ ރެކޯޑުތައް ބެލުމާއި، ގައުމީ އިންތިޚާބުތަކުގައި ވޯޓުލުން ހިމެނެއެވެ. އެސްޓޯނިއާއިން ވަނީ އީ-ރެސިޑެންސީ ޕްރޮގްރާމެއް ތަޢާރަފުކޮށްފައެވެ.
އެސްޓޯނިޔާއަކީ ނިޞްބަތުން ކުޑަ ޤައުމެއް ނަމަވެސް އެ ޤަައުމުން ލިބެން ހުރި ތަޖުރިބާތައް ތަފާތުވެފައި ގިނައެވެ. އެސްޓޯނިޔާއަކީ އަހަރަކު ހަތަރު މޫސުން އަންނަ ޤައުމެކެވެ. ބައެއް ޙާލަތްތަކުގައި ފަސް ވަނަ މޫސުމެެއް އެ ޤައުމަށް އާދެޔޭ ވެސް ބުނެވިދާނެއެވެ. ކޮންެމެ މޫސުމެއްގައި ވެސް އެ ޤައުމު ފެންނަނީ މުޅިން ތަފާތު ގޮތަކަށެވެ. ފިނިހޫނުމިނަށް އަންނަ ބަދަލުގެ އިތުރުން ލިބެން ހުންނަ ތަޖުރިބާތައް ވެސް ތަފާތެވެ.
މާރިޗު މަހުން ފެށިގެން ޑިސެމްބަރު މަހަށް އެސްޓޯނިޔާއަށް އަންނަނީ ބަހާރު މޫސުމެވެ. ފިނި މޫސުމުގެ ގަދަ ފިންޏަށް ފަހު ފިނި މަޑުވާން ފަށަނީ މި މޫސުމުގައެވެ. ބަހާރު މޫސުމުގައި އެސްޓޯނިޔާގެ ފިނިހޫނުމިން ހުންނަނީ 0 ޑިގްރީ ސެލްސިއަސާއި 15 ޑިގްރީ ސެލްސިއަސާ ދެމެދުގައެވެ. މިއީ ފިނިމޫސުމުގައި ވެހުނު ބޯ ސްނޯތައް ވިރި، ފެހި ގަސްތައް ފަޅައި މާމެލާމެލި ފެންނަން ފަށައި ރީތި ދުވަސްވަރެކެވެ.
ފިނި މޫސުން ނިންމައިލުމަށް ފަހު ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި އުޅޭ ދޫނިތައް އެހެން ސަރަޙައްދުތަކަށް ދަތުރުކުރަން ފަށަނީ މި ދުވަސްވަރެވެ. މި ގޮތަށް ދަތުރުކުރުމުގައި އެސްޓޯނިޔާއަކީ އީސްޓު އެޓްލާންޓިކް ފްލައިވޭއިން ދަތުރުކުރާ ދޫނިތައް ވަރަށް ގިނައިން ޖައްސާ ޤައުމެކެވެ. އެހެންކަމުން މި ދުވަސްވަރު އެކި ކަހަލަ ދޫނިތައް އެސްޓޯނިޔާއިން ފެންނާތީ ބަރޑް ވޮޗިންގ ޙަރަކާތްތައް ފުޅާ ގޮތެެއްގައި އެ ޤައުމުގައި އޮވެއެވެ. އެގޮތުން މަޓްސާލޫ ނޭޝަނަލް ޕާކަކީ މި ކަމަށް ޚާއްޞަ ސަރަޙައްދެކެވެ. ދޫނިތައް ކިޔާލާ ރީތި ލަވަތައް އަޑުއަހާލައި ގުދުރަތީ މާހައުލެއްގައި އުޅެލުމަކީ ހިތަށް ފިިނިކަން ގެނެސްދޭނެ ކަމެކެވެ.
އޭގެ އިތުރުން ބަހާރު މޫސުމުގެ ދުވަސްވަރަކީ ޖަންގަލިތަކާއި ކުޅިތައް ވެސް ހޭލަން ފަށައި ދުވަސްވަރެކެވެ. ފިނި މޫސުމުގައި މަރުވެފައިވާ އޮތް ބިމުން ގަސްތައް ފަޅައި ކުލަކުލައިގެ ރީތި މާތައް އަޅަން ފަށާ މަންޒަރަކީ ދިވެހިންނަށް އާންމުކޮށް ފެެންނާނެ މަންޒަރެއް ނޫނެވެ. މި ދުވަސްވަރު ލަހެމާ ނޭޝަނަލް ޕާކަށް ޒިޔާރަތް ކޮށްލުމަކީ ވަރަށް ފުރިހަމަ ތަޖުރިބާއަކަށް ވާނެއެވެ.
އެސްޓޯނިއާއަށް ހޫނު މޫސުން އަންނަނީ ޖޫން މަހުން އޮގަސްޓު މަހަށެވެ. އެ ޤައުމުގެ ހޫނު މޫސުން އާދެޔޭ ބުންޏަސް އާދައިގެ ދުވަހެއްގައި ދިވެހިރާއްޖެ އޮންނަ ފިނިހޫނުމިނަށް ވުރެ އެސްޓޯނިޔާގެ އެންމެ ހޫނު ދުވަސްތައް ވެސް ވަކި ހޫނެއް ނުވާނެއެވެ. ހޫނު މޫސުމުގައި އެސްޓޯނިޔާގެ ފިނިހޫނުމިން ހުންނަނީ 15 ޑިގްރީ ސެލްސިއަސާއި 30 ޑިގްރީ ސެލްސިއަސާ ދެމެދުގައެވެ. ދުވާލުގެ ދިގު ވަގުތުތައް ކުރުވެ ‘ވައިޓު ނައިޓު’ތައް އަންނަނީ މި މޫސުމުގައެވެ. އެއީ އިރު އެއްކޮށް ނުއޮއްސި އޮންނަ ދުވަސްކޮޅެކެވެ. އެ ދުވަސްވަރު ރޭގަނޑުގެ އެންމެ އަނދިރި ވަގުތުތަކުގައި ވެސް ފުރިހަމަ އަނދިރިކަމެއް އެ ޤައުމަކަށް ނާދެއެވެ. އެ ވަގުތުތަކުގައި ވެސް އުޑުމަތި އޮންނަނީ އިރާކޮޅުގެ ވަގުތުތައް ހެނެވެ. އާންމުކޮށް މި ފެނޯމެނަން ދިމާވަނީ ޖޫން މަހުގެ ތެރޭގައެވެ. މިއީ ވެސް ތަޖުރިބާ ކޮށްލަން ތަފާތު ކަމަކަށް ވާނެއެވެ.
ހޫނު މޫސުމުގައި ކޮށްލަން އެންމެ ފައްކާ ކަންކަމުގެ ތެރޭގައި އެސްޓޯނިގެ ޕާނޫގެ ގޮނޑުދޮއްތަކަށް ގޮސްލައި, ނުވަތަ އެސްޓޯނިޔާގެ ސަގާފީ ދިރިއުޅުން ދައްކުވައިދޭ ޖަޒީރާ ރަށްތައް ކަމަށްވާ ސާރެމާއާއި ހިއޫމާއަށް ޒިޔާރަތް ކޮށްލުން ހިމެނެއެވެ.
ހޫނު މޫސުމަކީ އެސްޓޯނިޔާއަށް އަންނަ ޢީދެކެވެ. އެ ދުވަސްވަރު އެކި ކަހަލަ ފެސްޓިވަލްތައް އެ ޤައުމުގައި ބާއްވާ އެ ޤައުުމުގެ ސަގާފަތް ދައްކައިލައެވެ. އެގޮތުން އެސްޓޯނިޔާގެ ސޯންގ އެންޑް ޑާންސް ފެސްޓިވަލަކީ ވަރަށް ޚާއްޞަ ޙަރަކާތެކެވެ. 1869ވަނަ އަހަރުން ފެށިގެން ބާއްވާ މި ފެސްޓިވަލަކީ އެ ޤައުމުގައި ބާއްވާ އެންމެ ބޮޑު ސަގާފީ ޙަރަކާތެވެ. އެ ފެސްޓިވަލް ފެށިގެން އައީ ސޯވިއެޓުން އެ ޤައުމު އިސްތިޢުމާރު ކުރުމާ ދެކޮޅަށް ކުރި ޞުލްޙަވަރި, ރީތި މުޒާހަރާއެއްގެ ގޮތުގައެވެ. އެއީ އެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންްނަ އެއްބައިވަންތަކަމާއި ޤައުމަށް އޮންނަ ފަޚުރާއި އެމީހުންގެ އަމިއްލަވަންތަކަން ދައްކުވައިދޭ ޙަރަކާތެކެވެ. އެކި ސަރަޙައްދުތަކުގެ ފަންނުވެރިން އެކި ސަގާފީ ހެދުން އަޅައިގެން މި ޙަރަކާތުގައި ބައިވެރިވެއެވެ. މިއަދު މި ފެސްޓިވަލަކީ ޔުނެސްކޯގެ އިންޓެންޖިބަލް ކަލްޗުރަލް ހެރިޓޭޖް އޮފް ހިއުމޭނިޓީގެ ތެރޭގައި ހިމެނޭ މުހިންމު ޙަރަކާތެކެވެ. މި ކުޅިވަރުތަކުގައި ބައިވެރިވާ މީހުންނާއި ބަލަން އަންނަ މީހުންގެ ޢަދަދު 100,000އަށް އަރައެވެ.
މީގެ އިތުރުން ހޫނު މޫސުމަކީ ވޯޓަރ ސްޕޯޓްސް ޙަރަކާތްތައް ތަޖުރިބާ ކޮށްލަން ރަނގަޅު ދުވަސްވަރެކެވެ. ކެނޯއާއި ކަޔަކު ދުއްވާލައި ޔޮޓު ދުއްވާލުމަކީ އެ ދުވަސްވަރު މަޤުބޫލު ޙަރަކާތްތަކެވެ. މި ޙަރަކާތްތައް ބާއްވަނީ ބަލްޓިކް ކަނޑާއި އެސްޓޯނިޔާގެ ލޭކުތަކުގައެވެ. އޭގެ އިތުރުން އެއްގަމު ޙަރަކާތްތަކުގެ ތެރެއިން ސައިކްލިންގ އަކީ ވެސް ގަޔާވާ ޙަރަކާތެކެވެ. ސައިކްލިންގ ޓުއަރ ތަކުގައި ބައިވެރިވެ އަވަށްތަކުގެ ތެރެއިން ބައިސްކަލު ދުއްވާލުމުން އެސްޓޯނިޔާގެ ޚާއްޞަ ރީތިކަން ފެނިގެންދާނެއެވެ.
ހޫނު މޫސުން ނިންމާލުމަށްފަހު ހަރީފު މޫސުން ފެށި އަނެއްކާ ވެސް ޖައްވު ފިނިވާން ފަށަނީ ސެޕްޓަމްބަރު މަހުގެ ތެރޭގައެވެ. ހަރީފު މޫސުން ނިމެނީ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މި ދުވަސްވަރު ފިނިހޫނުމިން ހުންނަނީ 5 ޑިގްރީ ސެލްސިއަސާއި 15 ޑިގްރީ ސެލްސިއެސާ ދެމެދެވެ. މި ދުވަސްވަރު އެސްޓޯނިއާއަށް ވާރޭ ވެހޭ މިންވަރު އިތުރުވެއެވެ. ހަރީފު މޫސުމުގައި އެސްޓޯނިއާގެ ގުދުރަތީ ރީތިކަން ވަކިން ބޮޑަށް ފާޅުވެއެވެ. ހަރީފު މޫސުމުގައި ގަސްގަހާގެހީގެ ފަަތްތަކުގެ ކުލަ ބަދަލުވެ ޖަންގަލިތައް އެއްކޮށް ބަދަލުވެއެވެ. މިއީ ފޮޓޯ ނެގުމަށް ލޯބިކުރާ މިހުންނަށާއި ފޮޓޮއަށް އެރުމަށް ލޯބިކުރާ މީހުންނަށް ވެސް ވަރަށް ކަމުދާނެ މަންޒަރުތަކެކެވެ. އެގޮތަށް ފޮޓޯ ނެގުމުގައި ވެރިކަންކުރާ ޓަލިންގައި ހުންނަ ކަޑްރިއޯގު ޕާކަކީ ފާހަގަ ކޮށްލެވޭ ތަނެކެވެ.
އަހަރެމެންނަށް ޓީވީއިންނާއި ފިލްމުތަކުން ބޮޑެތި ބަގީޗާތަކުން މީހުން އޮރެންޖާއި އާފަލާއި ސްޓޯބެރީ ފަދަ މީރު މޭވާތައް އަތުން ބިންދެލައިގެން ކާލާ މަންޒަރު ފެނޭ ނޫން ހެއްްޔެވެ؟ ހަރީފު މޫސުމުގައި އެސްޓޯނިޔާއަށް ޒިޔާރަތް ކޮށްލައިގެން މިއީ ހަޤީޤަތަކަށް ހެދިދާނެއެވެ. އެކި ކަހަލަ މަޝްރޫމާއި ބެރީތައް ބިނުމަކީ މީހުން ވަރަށް ލޯބިކުރާ ޙަރަކާތަކަށް އެ ޤައުމުގައި ވަނީ ވެފައެވެ.
އޭގެ އިތުރުން މިޑީވަލް ޒަމާނުގެ ގަނޑުވަރުތަކާއި ބިނާތައް ބަލާލައި އެ ޒަމާނުގެ މަގުތަކުގައި ހިނގާލައި އަވަށްތައް ތަޖުރިބާ ކޮށްލުމަކީ ވެސް މި މޫސުމުގައި ކޮށްލަން ރަނގަޅުކަމެކެވެ. އެސްޓޯނިއާގެ ސަގާފަތް ދައްކުވައިދޭ ގިނަ ޓުއާތައް މި ދުވަސްވަރު އޮވެއެވެ. މި ދުވަސްވަރު ދާރުލް އާސާރުތަކާއި މުހިންމު ބިނާތައް ބަލައިލަން ދާން ރަނގަޅުވާނެއެވެ.
ޑިސެމްބަރު މަހުން ފެށިގެން ފެބްރުއަރީ މަހަށް އެސްޓޯނިޔާގައި އޮންނަނީ ފިނި މޫސުމެވެ. އެ ޤައުމުގެ ފިނިހޫނުމިން ފިނި މޫސުމުގައި ވަރަށް ބޮޑަށް ދަށަށް ދެއެވެ. އެގޮތުން -10 ޑިގްރީ ސެލްސިއަސާއި 0 ޑިގްރީ ސެލްސިއަސްގައި އެސްޓޯނިއާގެ ފިނިހޫނުމިން ހުންނަ އިރު މިއީ ބޯކޮށް ސްނޯ ވެހޭ ދުވަސްވަރެކެވެ. މިއީ ދުވަސް ކުރު, ރޭ ދިގު މޫސުމުކެވެ. ފިނި މޫސުމުގެ މެދާ ހަމައަށް ދާއިރު އިރުގެ އަލިކަން ފޯރަނީ މަދު ގަޑިއިރުކޮޅަކަށެވެ.
ފިނި މޫސުމުގެ ޙަރަކާތްތަކުގެ ތެރޭގައި ސްނޯ ކުޅިވަރުތައް ހިމެނެއެވެ. އޭގެ ތެރޭގައި ސްކީ ކުރުމާއި ސްނޯ ބޯޑުކުރުމާއި އައިސް ސްކޭޓިންގއަކީ މަޤުބޫލު ކުޅިވަރުތަކެވެ. ފިނި މޫސުމުގައި މި ފަދަ ޚިދުމަތްތައް ހޯދުމަށް އެންމެ ރަނގަޅީ އޮޓެޕާ ކިޔާ ސަރަޙައްދަކުންނެވެ.
މި ދުވަސްވަރަކީ ދިވެހިން ވަރަށް ގަޔާވާ ނޮދަން ލައިޓްސްވެސް ތަޖުރިބާ ކޮށްލުމުގެ ފުރުޞަތު ލިބޭ ދުވަސްވަރެކެވެ. އޭގެ އިތުރުން ގަނޑުވެފައިވާ ޗަސް ބިންތަކުގެ މަތިން ހައިކު ކޮށްލުމަކީ ވެސް ތަފާތު ތަޖުރިބާއަކަށް ވާނެއެވެ. ފިނި މޫސުމުގެ ދުވަސްވަރު އެސްޓޯނިޔާގައި ތަފާތު މާކެޓުތައް ވެސް ބާއްވައެވެ. ރީތި ބޮކިތަކުން ޖަރީކޮށްލައިފައިވާ މި މާކެޓުތަކުން އެސްޓޯނިޔާގެ ސަގާފީ އުފެއްދުންތައް ލިބެން ހުރެއެވެ. ރަށުގައި ތިބި ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ހަދިޔާ ގަނެލަން މި މާކެޓުތައް ރަނގަޅު ވާނެ ނޫން ހެއްޔެވެ.
އެސްޓޯނިއާގެ ފަސްވަނަ މޫސުމޭ ކިޔާ އުޅެނީ ހަރީފު މޫސުމުގެ ފެށޭކޮޅު, މާރިޗު މަހާއި އޭޕްރިލް މަހުގައި ދިމާވާ ގުދުރަތީ ފެނޯމެނަމެއްގެ ސަބަބުން ދިމާވާ ޙާލަތަކުންނެވެ. އެ ދުވަސްވަރު ފިނިމޫސުމުގެ ސްނޯތައް ދިޔާވާއިރު އެސްޓޯނިޔާގެ ކޯރުތައް ފުރިގެން ބަންޑުންވެއެވެ. އޭގެ ސަބަބުން އެ ފެންތައް ޖަންގަލިތަކާއި މަގުތަކަށް އެޅި ފެންބޮޑުވެއެވެ. އޭގެ ސަބަބުން ކުޑަ ދުވަސްކޮޅަކަށް ފެނުގެ ދުނިޔެއަކަށް އެ ސަރަޙައްދުތައް ބަދަލުވެގެން ދެއެވެ. މި ޙާލަތް އާންމުކޮށް މެދުވެރިވަނީ މަދު ހަފުތާ ކޮޅަަކަށެވެ.
މި ދުވަސްވަރު އާންމުކޮޮށް ހިކިކޮށް އޮންނަ ޖަންގަލީ ތެރޭގައި ފެންބޮޑުވެއެވެ. ޖަންގަލީގެ ތެރޭގައި ގަސްތަކުގެ ތެރެއިން ކެނޯ ދުއްވާލުމަކީ ހަމަ ގައިމުވެސް ތަފާތު ތަޖުރިބާއަކަށް ވެގެން ދާނެއެވެ. ރީތި ފޮޓޯތައް ނަގާލަން ވެސް ތަފާތު މާހައުލެއް ‘ފިފްތު ސީޒަން’ގައި އޮވެއެވެ. އެތައް ޤަރުނެއް ވަންދެން މި މޫސުން ތަޖުރިބާ ކުރަމުންދާ އެސްޓޯނިއާގެ މީހުން މި ދުވަސްވަރަށް ދިރިއުޅުމަށް ގެންނަ ބަދަލުތައް ބަލައިލުމަކީ ވެސް ޝައުޤުވެރިކަމަކަށް ވާނެއެވެ.
ކޮންމެއަކަސް އެސްޓޯނިއާއަކީ އަހަރުގެ ކޮންމެ އިރެއްގައި އެ ޤައުމަށް ދަތުރު ކުރި ނަމަވެސް އެ ޤައުމަކުން ތަފާތު ތަޖުރިބާތައް ލިބޭނެ ޤައުމެކެވެ. ކުޅިވަރަށް ލޯބިކުރާ މީހަކަސް ތާރީޚަށް ލޯބި ކުރާ މީހެއް ނަމަވެސް ގުދުރަތީ ރީތިކަމަށް ޝަައުޤުވެރިވާ މީހެއް ނަމަވެސް ހަމަގައިމުވެސް ކޮންމެ މީހަކަށް ވެސް ހިތްގައިމު ތަޖުރިބާއެއް އެސްޓޯނިއާއިން ލިބޭނެކަން ޔަޤީނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ