ނަޖީބުގެ ގާތިލު މުއްރަތު މަރަން ސުޕްރީމް ކޯޓުން ތާއީދުކޮށްފި

ގާނޫނީ ވަކީލު އަދި މަޝްހޫރު ލިޔުންތެރިޔާ އަހުމަދު ނަޖީބު މަރާލިކަން މ. މަސްރޫރާ އަހްމަދު މުއްރަތުގެ މައްޗަށް ސާބިތުވެ ކްރިމިނަލް ކޯޓުން އޭނާ މަރަން ކުރި ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމް ދަމަހައްޓައި މުއްރަތު މަރަން ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ. މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މުއްރަތު މަރަން ކުރި ހުކުމަށް ތާއީދުކޮށްފައި ވަނީ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ބަލާފައި ވަނީ މުއްރަތުގެ މައްޗަށް ކޮށްފައިވާ ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމަކީ ނިހާއީހުކުމެއް ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުގެ ފަރާތުން ހުށަހެޅުމުންނެވެ. ދައުލަތުން އެ މައްސަލަ ހުށަހެޅީ މަރުގެ މައްސަލަތަކަކީ ތިން މަރުހަލާ ނުނިމެނީސް ތަންފީޒު އަދަބު ތަންފީޒު ނުކުރެވޭނެ މައްސަލަ ތަކަކަށްވާތީ އެވެ. އެމައްސަލަ ނިންމައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ނަޖީބު މަރާލިކަމަށް މުއްރަތުވަނީ ބަންދު މުއްދަތު މަޖިލީހުގައި އިއުތިރާފުވެފައި ކަމަށާއި ކަންހިނގައި ދިޔަގިތް ކިޔައިދީފައިވާ ކަމަށެވެ. އަދި ފަހުން އެއީ ފުލުހުން މަޖުބޫރުކޮށްގެން އިއުތުރާފުވީ ކަމަށް ބުނި ނަމަވެސް އެކަން ބަލައިނުގަނެވޭނެ ކަމަށް ހުކުމުގައިވެ އެވެ. މައްސަލައަކީ ތަހުގީގު ފުރިހަމަ ކުރެވި ދައުވާ ކުރެވިފައިވާ މައްސަލައެއްކަމަށް ވެސް ހުކުމުގައިވެ އެވެ. މުއްރަތު މަރަން ސުޕްރީމް ކޯޓުން އިއްވި ހުކުމަކީ މަރުގެ މައްސަލައެއްގައި އެކޯޓުން އިއްވި ދެވަނަ ހުކުމެވެ. އެންމެ ފުރަތަމަ މަރުގެ ހުކުމެއް ސުޕްރީމް ކޯޓުން އިއްވާފައި ވަނީ ޑރ. އަފްރާޝީމް އަލީގެ ގާތިލު ހ. ލޮބީ ހުސައިން ހުމާމްގެ މައްޗަށެވެ. ތޫނު އެއްޗަކުން ހަމަލާދީ ނަޖީބު މަރާލި ކަމަށް އިއުތިރާފުވަމުން ކްރިމިނަލް ކޯޓުގައި މުއްރަތު ބުނެފައި ވަނީ 2012 ވަނަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ދުވަހުގެ ރޭ މަސްރޫރާގެއަށް ނަޖީބު ވަޑައިގަތުމުން އެގޭގައި، އޭނާ އާއި ހަނާ ދިރިއުޅޭ ބައިގައި ހުރި ގޮނޑިއެއް (އޮފީސް ޗެއާ) އެއްގައި ނަޖީބު ބައިންދާ ފޮށި ބަންދުކުރާ ޓޭޕުން ނަޖީބުގެ ދެއަތާއި ދެފައި ބަނދެ، މޫނާއި އަނގަމަތިން ވަށައި ޖެހޭ ގޮތަށް ޓޭޕްއެޅި ކަމަށެވެ. ނަޖީބު އެގޮތަށް ގޮނޑީގައި އިންނެވި އިރު އަޑުގަދަ ކުރައްވާތީ އެކަމާ ހިތްހަމަނުޖެހިގެން ހަތަރު އިންޗި ހުންނަ ވަރުގެ ކަޅު ކުލައިގެ މުއްގަނޑުލީ ވަޅިއަކުން ނަޖީބުގެ ކަރަށް ހަމަލާދީ އޭނާ އަވަހާރަކޮށްލި ކަމަށް މުއްރަތު ވަނީ ބުނެފަ އެވެ. މުއްރަތާ އެކު އޭނާގެ ކުރީގެ ލޯބިވެރިޔާ ށ. ގޮއިދޫ ރިހާބު ފާތިމަތު ހަނާ މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. މައްސަލަ ހިނގާދިޔަ ގޮތް ގާނޫނީ ވަކީލު އަހުމަދު ނަޖީބު މަރާލާފައި ވަނީ އެކެއް ޖުލައި 2012ގައި މަރާލިކަމުގެ ތުހުމަތުގައި މުއްރަތާއި ހަނާ ހައްޔަރުކުރީ އެރޭގެ ވަގުތެއްގައި ނަޖީބު މަރާލި ކަމަށް މުއްރަތާއި ހަނާ ބަނދު މުއްދަތު މަޖިލީހުގައި ވަނީ އިއުތިރާފުވެފައި މައްސަލަ ޕީޖީއަށް ފޮނުވާފައި ވަނީ ތިނެއް ޖުލައި 2012ގައި މައްސަލައިގެ ޝަރީއަތް ފަށާފައިވަނީވެސް ހަމަ އެދުވަހު ނަޖީބުގެ ވާރިސުން ވަނީ މަރަށް މަރަށް ބޭނުންވާ ކަމަށް ތިނެއް ޖުލައި 2012 ވަނަ ދުވަހު ކޯޓުގައި ބުނެފައި މައްސަލަ 21 ދުވަސްތެރޭ ޖިނާއީ ކޯޓުން ބަލައި ނިންމުމަށް ފަހު މުއްރަތު މެރުމަށް ހުކުމްކުރީ 19 ޖުލައި 2012ގައި މުއްރަތު މަރަން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކޯޓަށް ބަލައިގެންފައި ވަނީ 19 ޖެނުއަރީ 2013ގައި މުއްރަތު މަރަން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކުރީ 31 މެއި 2015 ގައި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބާއްވާފައި ވަނީ ތިން އަޑުހެމެއް މުއްރަތު މަރަން ސުޕްރީމް ކޯޓުން ހުކުމް ކުރީ ފަހެއް ޖުލައި 2016ގައި މިއީ ސުޕްރީމް ކޯޓުން އިއްވި ދެވަނަ މަރުގެ ހުކުމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ