ތަހުގީގަށް ހޯދާ އެއްވެސް ލިޔުމެއް، ހެއްކެއް ނައްތައެއް ނުލަން: ފުލުހުން

ފުލުހުންގެ ތަހުގީގަށް ހޯދާ އެއްވެސް ލިޔެކިޔުމަކީ ނައްތާލާއެއްޗެއް ނޫން ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން މިހާރު ކުރަމުން އަންނަ ބައެއް ތަހުގީގުތަކުގެ ލިޔެކިޔުންތައް ނައްތާލާފައިވާތީ ތަހުގީގު ކުރިއަށްނުގެންދެވޭ ކަމަށްބުނެ މަޖިލީހުގައި އިއްޔެވެސް ވަނީ ވާހަކަ ދައްކައިފަ އެވެ. ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ވިދާޅުވީ ފުލުހުންގެ ތަހުގީގަށް ހޯދާ ހެއްކާއި ލިޔެކިޔުންތަކަކީ ވަކި އުސޫލެއްގެ ދަށުން ފުލުހުން ބަލަހައްޓަމުން ގެންދާ ތަކެތި ކަމަށާއި އޭގެން އެއްވެސް އެއްޗެއް ނައްތާ ނުލާ ކަމަށެވެ. ވަކިވަކި ފުލުހުން އެމީހުންގެ ސިސްޓަމުން އެތަކެތި ޑިލީޓް ހުރާ ހާލަތްތަކުގައި ވެސް އެލިޔުންތައް ފުލުހުންގެ ނެޓްވޯކްތެރޭގައި ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. "މިތަނުގައި އެބަހުރި ހެދިފައި ހުންނަ ވަރަށް ރަނގަޅު އުސޫލްތަކެއް، އެ އުސޫލުގެ ދަށުން އެއްވެސް މައްސަލައެއްގެ ލިޔެކިޔުމެއް ނައްތައެއްނުލަން." އިސްމާއިލް ވިދާޅުވި އެވެ. މިހާތަނަށް ނައްތާލަނީ ބަނގުރަލާއި މަސްތުވާތަކެތި އެކަނި ކަމަށާއި އޭގެވެސް ހެއްކާއި ލިޔެކިޔުންތައް ނައްތާ ނުލާ ކަމަށް އިސްމާއިލް ވިދާޅުވި އެވެ. އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ އަވަހާރަކޮށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅޭ އެއްވެސް ލިޔެކިއުމް ފުލުސް އޮފީހުގައި މިހާރު ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ