ޔޫއޭއީގައި ދިރިއުޅުއްވާ ގަތަރުގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށްވާ ޝޭހް ނާއިފް ބިން އީދު އަލް ތާނީގެ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކުންފުންޏާއި ދިވެހި ސަރުކާރާ ގުޅިގެން އުފައްދާ މާލީ ފްރީ ޒޯން، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ)ން ދިވެހީންނަށް އެތައް ހާސް ވަޒީފާއެއް އުފެދިގެން ދާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިރޭ ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒާއި ޝޭހް ނާއިފް ބިން އީދު އަލް ތާނީގެ ހާޒިރުގައި ކުރުނބާ މޯލްޑިވްސް ރިސޯޓުގައި މިރޭ ބޭއްވި ހަފްލާއެއްގައި، 8.8 ބިލިއަން ޑޮލަރު (135.6 ބިލިއަން ރުފިޔާ)ގެ މާލީ ފްރީ ޒޯން ގާއިމުކުރުމަށް ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. އެގޮތުން:
ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ޔޫއޭއީގައި ގާއިމްކޮށްފައިވާ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ޗެއާމަން މަރުވާން އަލްހާޖެރީ
ބުނީ ކީކޭ؟ - އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ މިއަދު އިފްތިތާހުކުރާ މަޝްރޫއަކީ ދިވެހި އިގުތިސޯދަށާއި ދިވެހި ދައުލަތުގެ މިނިވަންކަމަށް ވެސް ހާއްސަ މަޝްރޫއެއް ކަމަށެވެ.
އޭނާ ވިދާޅުވީ ދިވެހި އިގުތިސޯދު މިވީހާ ދުވަހު ބަރޯސާވެފައިވަނީ ޓޫރިޒަމްގެ ސިނާއަތަށް އެކަނި ކަމަށާއި އިސްތިގުލާލުގެ ރައްކާތެރިކަން ހަރުދަނާ ކުރުމަށް ޓޫރިޒަމްގެ އިތުރުން ވެސް ދާއިރާތައް ތަރައްގީކުރަން ޖެހޭ ކަމަށެވެ.
ރާއްޖޭގައި މި ގާއިމުކުރާ މާލީ ފްރީ ޒޯނުން ބޭރުގެ އިންވެސްޓަރުންނާއި ވިޔަފާރީގެ ފުރިހަމަ ތަސައްވުރުތައް ގެންގުޅޭ ފަރާތްތަކަށް ދުނިޔޭގެ ފެންވަރުގެ ހިދުމަތެއް ލިބޭ ތަނެއްކަން ކަށަވަރު ކުރެވޭނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.
މީގެ ސަބަބުން ދިވެހިންނަށް ލިބެން އޮތް ހިތްހަމަޖެހުމާއި ފުރުސަތުތައް ވެސް ގިނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއް ކަމަކަށް، ކުރިއަށް އޮތް އަހަރުތަކުގައި ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް، ޖީޑީޕީއަށް އަަހަރީ ކުރިއެރުންތަކެއް ބިލިއަނުން ލިބިގެންދާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
މަތީ ތައުލީމު ހާސިލުކުރާ ދިވެހިންނަށް އެކަށޭނަ މުސާރައެއް ލިބޭ ވަޒީފާތައް ބޭރުން ލިބުނު ނަމަވެސް އެކަން ބަދަލުވެ ރާއްޖޭގައި، އަމިއްލަ ގައުމުގައި ތިބެގެން ވެސް އެ ފުރުސަތު ދެން ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެމްއައިއެފްސީގެ ސަބަބުން ދިވެހީންނަށް އެތައް ހާސް ވަޒީފާއެއް އުފެދިގެންދާނެ. މާލީ، ގާނޫނީ، ފަތުރުވެރިކަން، ތައުލީމީ އަދި އެހެނިހެން ދާއިރާތަކުން ވެސް. މީގެ ސަބަބުން ރާއްޖޭގެ ތައުލީމީ ޒުވާނުންނަށް، ހަމައެކަނި ރާއްޖެއިން ބޭރުގައި ނޫނަސް، މި ތަނުގައި، އަމިއްލަ ގައުމުގައި ވެސް އިސްކޮށް އުޅުމުގެ ފުރުސަތު ފަހިވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - މި މަޝްރޫއުގެ ދަށުން ތަރައްގީކުރާނެ ތަންތަނުގެ ތެރޭގައި ހިމެނެނީ، އެމްއައިއެފްސީން ބުނި ގޮތުގައި:
3،500 މީހުންގެ ޖާގައިގެ އެންމެ ޒަމާނީ ކޮންފަރެންސް ސެންޓަރެއް؛ ބައިނަލްއަގުވާމީ ފެންވަރުގެ ކޮންފަރެންސްތަކާއި ސަގާފީ ހަރަކާތްތަކާއި އާ އީޖާދުތަކަށް މަގުފަހިކުރާ ހެކަތޯންތައް ބާއްވާނެ
ބައިނަލްއަގުވާމީ އޮފީސްތަކަށް ހާއްސަ ތިން އޮފީސް ޓަވަރު
މޫދު ކައިރީގައި ތަރައްގީކުރާ މަތީ ފެންވަރުގެ ގެތައް
ދުނިޔޭގެ ނަން މަޝްހޫރު ހޮޓާތައް
މަތީ ފަންތީގެ ފިހާރަތައް
އޯޝަނޮގްރަފިކް މިއުޒިއަމެއް
ދުނިޔޭގެ ފެންވަރުގެ ކުޅިވަރާ ބެހޭ ތަންތަން
ދުޅަހެޔޮކަމުގެ އެންމެ ޒަމާނީ މަރުކަޒުތައް
މިސްކިތެއް
އިންޓަނޭޝަނަލް ސްކޫލެއް ހިމެނޭ ގޮތަށް ފެންވަރު ރަނގަޅު ތައުލީމީ ވަސީލަތްތައް
އެމްއައިއެފްސީގައި ހަރަކާތްތެރިވާ ކުންފުނިތަކުން ޓެކްސް ދައްކަން ނުޖެހޭއިރު، އެ ތަނުގައި އަހަރުގެ ވަކި މުއްދަތެއްގައި ދިރިއުޅެން މަޖުބޫރެއް ވެސް ނުވާނެ ކަމަށް އެމްއައިއެފްސީން ބުންޏެވެ.
މީގެ އިތުރުން، ފައިސާގެ އެކި މުއާމަލާތްކުރެވޭ ބޭންކިން އަދި އޮފްޝޯ ބޭންކިންގެ ހިދުމަތް ވެސް ލިބޭނެ އެވެ. އަދި ޑިޖިޓަލް އެސެޓްތަކާއި ތިމާވެއްޓާ ރަށްޓެހި ގޮތްގޮތުން ފައިސާ ހޯދުމުގެ މަގުތައް ވެސް ފަހިކުރާނެ ކަމަށް އެމްއައިއެފްސީން ބުންޏެވެ.
މި ސަރަހައްދު:
ފަރުމާކޮށްފައިވަނީ މާސްޓަ ޕްލޭނަރު އާކިޓެކްޓް ޖިއާނީ ރަނާއުލޯ؛ އޭނާ ވަނީ އެ ސެންޓަރު ފަރުމާކޮށްފައިވާ ގޮތާ ބެހޭ ޕްރެޒެންޓޭޝަނެއް މިރޭގެ ހަފްލާގައި ދެއްވާފައި
އިމާރާތްތަކާއި އާންމު ތަންތަނަށް ހަކަތަ ފޯރުކޮށްދޭނީ އިއާދަކުރަނިވި ހަކަތައިން
ހިނގާ މީހުންނަށް ފަސޭހަވާނެ، ހުޅުވިފައިވާ މާހާއުލެއް ދެމެހެއްޓުމަށްޓަކައި ދަތުރުފަތުރާއި ލޮޖިސްޓިކްސްގެ ވަސީލަތްތައް ހުންނާނީ ބިމުގެ އަޑީގައި
އެނގުން މުހިންމު - އެމްއައިއެފްސީން ބުނި ގޮތުގައި، މި މަޝްރޫއުގެ ސަބަބުން ފަސް އަހަރުގެ ތެރޭގައި 1 ބިލިއަން ޑޮލަރަށް ވުރެ މަތިން އާމްދަނީ ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.
އެމްއައިއެފްސީން ދިވެހިންނަށް އެތައް ހާސް ވަޒީފާއެއް އުފެދޭނެ: ޒަމީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ