بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
އާދެ، ވަރަށް މުހިންމު މަސައްކަތެއް އަޅުގަނޑުމެންނަށް މިއަދު މި ފެށުނީ. އެއީ، ރާއްޖޭގައި، ރާއްޖޭގެ މާޙައުލުގައި ހިނގަމުންދާ ނުރަނގަޅު އާދަތަކުގެ ތެރޭގައި، ނޫނީވިއްޔާ، ހިނގަމުންދާ ކަންކަމުގެ ތެރޭގައި ހިމެނޭ އެއް މައްސަލަ، ގުރޫޕް ހަދައިގެން، ގޭންގު ހަދައިގެން ހިންގަމުންދާ ކުށްތަކުގެ މައްސަލައަކީ. މިކަމަށް އެކަށީގެންވާ ދާއިމީ ޙައްލެއް ގެނައުމަށްޓަކައި ޤާނޫނެއް މިއަދު މި ތަޞްދީޤު ކުރެވިގެން މިދިޔައީ.
މިތަނަށް ވަޑައިގެން ތިއްބެވި، މިކަމުގައި ޝާމިލުވެވަޑައިގަންނަވާ ހުރިހާ މުއައްސަސާތަކުގެ ވެރިންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ދެއްވި އެއްބާރުލެއްވުމާއި، އަދި މިކަން ތަންފީޒު ކުރުމުގައި، ތިޔަ ހުރިހާ މުއައްސަސާތަކުގެ ވެރިން ދެއްވަވާނެ ޔަޤީންކަމާއެކީ އަޅުގަނޑަށް އޮތް އެއްބާރުލެއްވުމަށް.
އާދެ، އަޅުގަނޑުމެންގެ މުޖުތަމަޢަކީ، އަޅުގަނޑު އަބަދުވެސް ދަންނަވަން، ވަރަށް އެކުވެރި، އަމާން މާޙައުލެއްގައި އުޅެން އަޅުގަނޑު އެދޭ މުޖުތަމަޢެކޭ. އާބާދީގޮތުން ކުޑަ ޤައުމެއް. އަޅުގަނޑުމެންގެ ތެރޭގައި ހުރި ނުރަނގަޅު އާދަތައް، އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކޮށްފިއްޔާ ޙައްލުކުރެވޭނެވަރުގެ ކުޑަ އާބާދީއެއް.
އެހެންވީމާ، އަޅުގަނޑު އެދެނީ، އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބި، އެއްބައެއްވަންތަ ބައެއް ކަމުގައިވާތީ، މިހެން ހުރި ކަންކަން ޙައްލުކުރުމުގައި، އަޅުގަނޑުމެން ހަމަ އެންމެން އެކައްޗެއް ކިޔަން. މިއީ ހަމަ މި އެކުވެރިކަން އަޅުގަނޑުމެންގެ ތެރޭގައި އެސްޓެބްލިޝް ކުރެވިއްޖިއްޔާ، ޤާއިމު ކުރެވިއްޖިއްޔާ، އިރާދަކުރެއްވިއްޔާ މާއުނދަގޫ ކަމެއް ނޫން.
އެހެންވީމާ، ގުރޫޕް ހަދައިގެން، އެކިކަހަލަ ކުށްކުށް ކުރުން، މީހުންގެ މުދަލަށް ގެއްލުން ދިނުން، މިހެންގޮސް މި ޒާތުގެ ހުރިހާ ކަމަކީ، އަޅުގަނޑުމެންނަށް ޙައްލު ކުރެވިދާނެ ކަންކަން.
އެހެންވީމާ، މިއަދު މި ތަޞްދީޤު ކުރެވުނު ޤާނޫނުން، އަޅުގަނޑުމެން އެންމެން މި ދެންނެވި ރޫޙުގައި މަސައްކަތް ކޮށްފިއްޔާ، އެއިން ނެރެން މި ބޭނުންވާ ނަތީޖާ، އަޅުގަނޑުމެން އެންމެންވެސް ދެކެން ބޭނުންވާ ނަތީޖާ ނެރެވޭނެ އިރާދަކުރެއްވިއްޔާ. ޔަޤީން.
އެހެންވީމާ، ލޮބުވެތި ދިވެހި ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެން ބޭނުންވަނީ، މި ރޫޙުގައި ހިނގާށޭ މަސައްކަތް ކުރަން. އޭރުން އަޅުގަނޑުމެންގެ މި ޤައުމުގައި ކުށްކުރުމުގެ މި މާޙައުލު ނައްތައިލެވޭނެ. އިންސާނުންގެ ތެރޭގައި ޠަބީޢަތުގައި ހިމެނޭ ކަމެއް، ކުށަށް އަރައިގަތުމަކީ. ފުރަތަމަ އިސްލާމީ ތާރީޚު ފެށިގެން އައި ހިސާބުން ފެށިގެންވެސް އެއީ، ކަން އޮތްގޮތް. އެހެންނަމަވެސް، ކުށްކުރުން މަދުކުރެވޭނެ. ކުށްކުރުން މަދުކުރުމުގައި، އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށްވާން މި ޖެހެނީ.
އެހެންވީމާ، މިއަދު މި ތަޞްދީޤު ކުރެވުނު ޤާނޫނު ތަންފީޒު ކުރުމުގައި، އަޅުގަނޑު އެދެނީ، އެންމެން އެކައްޗެއް ކިޔަން. އަޅުގަނޑު ބޭނުންވަނީކީ، ބަޔަކު ކުށްވެރިކުރާކަށް ނޫން. އަޅުގަނޑު ބޭނުންވަނީ، އެންމެން އެކުވެރިކަމާ އެކީގައި، ކުށްކުރުމުން ދުރުވާން. ދުރުވީމާ ކުށްވެރިވާނެ މީހަކު ނުހުންނާނެ.
އެހެންވީމާ، އެގޮތަށް މަސައްކަތް ކުރުމަށް އަޅުގަނޑު ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރަން. އަދި އެދެނީ، މި އެކުވެރިކަން އަޅުގަނޑުމެންގެ ތެރޭގައި ޤާއިމުކުރަން. ކޮށްގެން އެންމެން ގުޅިގެން މަސައްކަތް ކުރީމާ، އިރާދަކުރެއްވިއްޔާ މި މުޖުތަމަޢަކީ އަޅުގަނޑުމެން ދެކެން ބޭނުންވާފަދަ އަމާން ތަނަކަށް ވާނެ.
އަޅުގަނޑު މިހިސާބުން ވާހަކަ ކުރުކޮށްލާފައި، ނޫސްވެރިން ކޮށްލަން ބޭނުންވާ ސުވާލަކަށްވިއްޔާ، ކޮންމެ ނޫސްވެރިޔަކަށްވެސް އަޅުގަނޑު ހަމަ ފުރުޞަތު ދޭނަން. ހަމަ ބޭނުންވެލައްވާ ސުވާލެއް، މިއަދުގެ މައުޟޫޢާ ގުޅޭގޮތުން ކުރިއަށް ގެންދަވާ. އަދި އަޅުގަނޑު ޖަވާބުދޭއިރުގައި، ދަންނަވާލަން ބޭނުން. އަޅުގަނޑުގެ އިތުރުން، ތިޔަބޭފުޅުން މިއިން އެއްވެސް ބޭފުޅަކާ ސީދާ ސުވާލެއް ކުރައްވަން ބޭނުންވެލެއްވިޔަސް، އެ ފުރުޞަތުވެސް މިއަދު ލިބިލައްވާނެ.
ގޭންގުތަކުން ހިންގާ ކުށްތަކާއި، އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލް ތަޞްދީޤު ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ