އިމްރާނަށް ބޮޑެތި ތުރިލާ ފިލްމުތައް ކަމަކުނުދޭ

ފިލްމު "ޖާނޭ ތޫ ޔާ ޖާނެ ނާ"އިން ބޮޑު މަގުބޫލުކަމެއް ހޯދި ކުރިގެ އެކްޓަރު އިމްރާން ޚާނަށް ވަރުގަދަ ތަޅާފޮޅުންތައް ހިމެނޭ ތުރިލާ ފިލްމުތައް ކަމުނުދާ ކަމަށް އާމިރު ޚާން ބުނެފިއެވެ. މީޑިއާއަށް ދިން އިންޓަވިއުއެއްގައި އިމްރާންގެ ބޮޑު ބޭބެ އެކްޓަރު އާމިރު ޚާން ބުނެފައިވަނީ އިމްރާނަކީ ވަރަށް ސާދާ މިޒާޖެއްގެ މީހެއް ކަމަށާއި އިމްރާން ބޭނުންވަނީ ހަމައެކަނި އެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށެވެ. އިންޑަސްޓްރީގައި މާ ވިދުން ގަދަ ތަރިއަކަށްވުމީ އޭނާ އެއް އިރެއްގައި ވެސް ބޭނުންވާ ކަމެއް ނޫން ކަމަށް އާމިރު ވަނީ ބުނެފައެވެ. މީގެ 10 އަހަރު ކުރިން އިމްރާން ފިލްމީ އިންޑަސްޓްރީއާ ދުރުވާން ނިންމި ނިންމުމަކީ ވެސް މިހާރުގެ މެއިން ސްޓްރީމް ސިނަމާއަށް އޭނާ ނުފެތޭތީ ކަމަށާއި އެކަން އިމްރާނަށް އަމިއްލައަށް ގަބޫލުކުރެވިގެން ކަމަށް އާމިރު ވަނީ ބުނެފައެވެ. އިމްރާން ޚާން އެކްޓަރު އަދި ބޮޑު ބޭބެ އާމިރު ޚާންއާ އެކު--ފޮޓޯ/އެންޑީޓީވީ އިމްރާން ކުޅުނު ފިލްމުތައް ކަމަށްވާ "އައި ހޭޓް ލަވް ސްޓޯރީސް"، "ދެއްލީ ބެލީ" އަދި "މެރޭ ބްރަދާ ކީ ދުލްހަން" އަކީ މިހާރުގެ ސިނަމާއިން ފެންނަ ހިންދީ ފިލްމުތަކާ އަޅާބަލާއިރު ވަރަށް ތަފާތު ފިލްމުތައް ކަމަށާއި މިފަހުން ފެންނަން މިފެށި މެއިންސްޓްރީމް ފިލްމުތަކަށް އިމްރާންގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. އިމްރާނަށް އެފަދަ ފިލްމުތަކުން ވަރަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ހީރޯއެއްގެ ސްޓައިލްގައި ސްކްރީނުން ފެންނަން އިމްރާން ބޭނުންނުވީ ކަމަށް އާމިރު ވަނީ ބުނެފައެވެ. އިމްރާން ޚާން އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ 2015 ވަނަ އަހަރު ބަތަލާ ކަންގަނާއާ އެކު ކުޅުނު ފިލްމު "ކައްޓީ ބައްޓީ"އިންނެވެ. އޭގެ އަހަރުތަކެއް ފަހުން އެނބުރި ފިލްމު އިންޑަސްޓްރީއާ ގުޅެން އިމްރާން ނިންމާފައިވާއިރު އިމްރާން ސްކްރީނުން ފެންނާނެ އިރެއް އަދި އިއުލާނު ނުކުރެއެވެ. ޑިޒްނީ ޕްލަސް ހޮޓްސްޓާގެ ސްޕައި ސީރީސްއަކުން އިމްރާން ފެނިދާނެ ކަމުގެ އިޝާރާތެއް މީގެކުރިން ކޮށްފައިވީ ނަމަވެސް އެ ސީރީސްގެ މަސައްކަތް މިހާރު ވަނީ ހުއްޓިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ