ހިތުގެ ސިއްރު، ސައިންސްގެ އަލީގައި

އިންސާނާގެ ހިތަކީ ވަރަށް އަޖައިބުކުރުވަނީ، އޭގައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ހިމެނޭ ގުނަވަނެކެވެ. ރޯދަމަހު މިހެން 'ކަމެއް ނެތި' ތިބޭ އިރު އެ ހިތުގެ ސިއްރުތަކަށް ކުޑަކޮށް ބަލައިލަމާ ހިނގާށެވެ.
ދުވާލަކު 100،000 ފަހަރު ހިތުން ވިންދު ޖަހަ އެވެ. އަހަރަކަށް ބަލާ ނަމަ އެއީ ގާތްގަނޑަކަށް 35 މިލިއަން ވިންދެވެ. އިންސާނުންގެ އާންމު އުމުރުގެ މުއްދަތު ހިމަނައިފި ނަމަ އެއީ 2.5 ބިލިއަަން ވިންދެވެ.
ހަށިގަނޑުގައި ހިމެނޭ ނާރުތަކުގެ ވިއުގައިގެ ތެރެއަށް އޭގެ ކޮންމެ ވިންދަކާ އެކު ލޭ ފޮނުވާލަ ދެ އެވެ. އެ ލޭ މެދުވެރިކޮށް ސެލްތަކަށް އެ ލިބެނީ އޮކްސިޖަން އާއި ބޭނުންވާ އެހެން ކާނާ އެވެ. މިގޮތަށް ލޭ ދައުރުކުރާ އިރު ކާބަން ޑިއޮކްސައިޑް އާއި ބޭނުން ނެތް އެހެން ބައިތައް، އޭގެ ތެރެއިން ބޭރު ވެސް ކުރަނީ އެވެ.
ހިތުން ޕަމްޕްކޮށްދޭ ލޭ ހަށިގަނޑުގެ ތެރޭގައި ދަތުރުކުރާ ގޮތުން ވެސް، ވިސްނާ ބަޔަކު ހައިރާންވެ އަންތަރީސް ވެދާނެ އެވެ. ހިތުން އެ ލޭތައް ޕަމްޕްކުރާއިރު ހަށިގަނޑުގެ ތެރޭގައި ދަތުރުކުރާ ރާސްތާއަކީ، މިން އަޅައިފި ނަމަ، ކޮންމެ ދުވަހަކު، 19،000 ކިލޯމީޓަރެވެ. މިއީ ދުނިޔޭގެ ވަށަމިނުގެ ދެ ގުނަ އެވެ.
މި އާދަޔާ ހިލާފު ގުނަވަން ވަރުބަލިކަމެއް ނެތި އޭގެ ވާޖިބު އަދާކުރެ އެވެ. އަހަރުން އަހަރަށް ހަށިގަނޑު ބަލަހައްޓައިދެނީ ހިތުގެ އެ މަސައްކަތުންނެވެ. ހިތުގެ ވިންދު ޖަހާ އަދަދުން އެކަނި ވެސް ދައްކައިދެނީ މި ކުޑަކުޑަ ގުނަވަނަށް ލިބިފައިވާ އަޖައިބެއް ފަދަ ވަރުގަދަ ބާރެވެ.
ތުއްތު ކުއްޖެއްގެ ގޮތުގައި އޮންނަ އިރާއި ބޮޑުވަމުން އަންނަ އިރާއި ބޮޑުވެފައި ތިބޭ އިރު ހިތް އެ އުމުރުތަކަށް ފެތެ އެވެ. އިންސާނާ ކުރާ ކަންކަމަށް ހިތް އެހީތެވެދެ އެވެ. މިސާލަކަށް ކަސްރަތުކުރާ އިރު ހިތުގެ ވިންދު އަވަސްވެ އެވެ. ކަމެއް ނުކޮށް ހުންނަ އިރު އާންމު ހާލަތަކަށް އެ ވިންދު ވެއްޓެ އެވެ.
ހަނދާން ބަހައްޓަންވަނީ ކޮން ކަމަކަށް ހެއްޔެވެ؟ ތިބާގެ ހިތަށް ރަނގަޅަށް އަޅާލައިފި ނަމަ ތިބާގެ ހަށިގަނޑަށް އެ ހިތް ވެސް އަޅާލާނެ ކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ