ދިއްދޫ އެއާޕޯޓުގެ އަމަލީ އެއްވެސް މަސައްކަތެއް ސަރުކާރުން ނުފަށާކަން ހާމަވެއްޖެ
ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ހއ. ދިއްދޫގައި އަޅަން ވިދާޅުވި އެއާޕޯޓުގެ އަމަލީ އެއްވެސް މަސައްކަތެއް ސަރުކާރުން މިހާތަނަށް ފަށާފައި ނުވާކަން މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ހާމަވެއްޖެއެވެ. މިފަހުން އުތުރުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ޖެނުއަރީ މަހުގެ 25ގައި ދިއްދުއަށް ވަޑައިގެން ރައީސް ވަނީ ދެން އަނބުރާ އެ ރަށަށް ވަޑައިގަންނަވާނީ އެ ރަށުގެ އެއާޕޯޓުގެ މަސައްކަތް ނިންމައި، އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ކަމަށް ވިދާޅުވެފައެވެ. އަދި މިހާރު ވަނީ އެ އެއާޕޯޓު އެޅުމަށް އަމަލީ މަސައްކަތް ފެށުމަށްޓަކައި ކަންކަން ތަރުތީބު ކުރެވިފައި ކަމަށް ވެސް އެމަނިކުފާނު އެ ރޭ ވިދާޅުވިއެވެ. މާލިއްޔަތު ކޮމިޓީން އެ މަޝްރޫއުގެ މައުލޫމާތު ހޯދަން މަަސައްކަތް ކުރުމުން، ޓްރާންސްޕޯޓް މިނިސްޓްރީން ކޮމިޓީއަށް ފޮނުވި ސިޓީގައިވަނީ، ދިއްދޫ އެއާޕޯޓުގެ އެއްވެސް މަސައްކަތެއް ކުރަން އެ މިނިސްޓްރީން ފަށާފައި ނުވާކަމަށް ބުނެފައެވެ. ހަމައެއާއެކު ކޮންސްޓްރަކްޝަން މިނިސްޓްރީން ކޮމިޓީއަށް ފޮނުވި ސިޓީގައި، ދިއްދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުން އެއްވެސް ފަރާތަކާ ހަވާލު ކޮށްފައި ވެސް ނުވާކަމަށް ބުނެފައިވެއެވެ. އަދި ދިއްދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 19ގައި އެމްޓީސީސީއާ ހަވާލުކޮށްފައިވީ ނަމަވެސް މިހާތަނަށް އެ މަސައްކަތް ވެސް ފެށިފައި ނުވާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. ހަމައެއާއެކު އެ މަޝްރޫއުގެ ފީސަބިލިޓީ ސްޓަޑީއެއް ވެސް ހަދާފައި ނުވާކަމަށް އެ މިނިސްޓްރީން ބުންޏެވެ. މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން -- ފޮޓޯ/ މަޖިލިސް އެއާއެކު ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ އެއާޕޯޓުގެ އެއްބަސްވުމުގައި ސޮއިކުރީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ކަމަށެވެ. އެހެންކަމުން އެ މަޝްރޫއުގެ މައުލޫމާތު އެމްއޭސީއެލްއިން ހޯދުމަށް އޭނާ ހުށަހެޅުއްވިއެވެ. އެ ހުށަހެޅުމަށް ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދުވަނީ ތާއީދުކުރައްވާފައެވެ. ނަމަވެސް ކޮމިޓީން އެ ހުށަހެޅުން ފާހެއް ނުވިއެވެ. "ކަމެއް ހިނގިތޯ ބަލައިލަން ތަނަކުން ލިޔުމެއް ގެންނަން ވެސް އެއްބަސް ނުވާ ބަޔަކާ އެކު ކޮމިޓީން ކޮން ދިރާސާއެއް ކުރާކަށް. އަޅުގަނޑު ބޭނުމެއް ނޫން ތި އެއްވެސް ތާކަށް ދާކަށް،" މެންބަރު އަބްދުލްޣަފޫރު ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ދިއްދޫގައި އެއާޕޯޓެއް އެޅުމަކީ، މި ސަރުކާރުން ގެންގުޅޭ ސަރަހައްދީ ތަރައްގީގެ ސިޔާސަތުގެ ތެރެއިން ކުރަންޖެހޭ ކަމެކެވެ. ދިއްދޫގައި އެއާޕޯޓު އެޅުމަކީ އެމްޑީޕީގެ ވިސްނުމެއް ކަމަށް ވިދާޅުވެ، 2026ވަނަ އަހަރުގެ ކުރިން އެ މަސައްކަތް ނިންމަން ރައީސް މުއިއްޒަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ ޗެލެންޖު ކުރައްވައިފައެވެ. އެއާޕޯޓަށް ފަހު، ރައީސް ދިއްދުއަށް ވެ ވަޑައިގަތް އެންމެ ބޮޑު އެއް ވައުދަކީ އެ ރަށުގައި އިންޓަނޭޝަނަލް ފެންވަރުގެ ފުޓުބޯޅަ ދަނޑެއް އަޅައިދިނުމެވެ. ރައީސްވަނީ އެ ދަނޑުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ބާރު ސްޕީޑުގައި ކުރިޔަށް ގެންގޮސްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފައެވެ. ދިއްދޫގެ ރައްޔިތުންނަށް އެ މަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ތަރުކާރުކޮށް ރައީސް ދެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ