އެމެރިކާއިން ޔުކްރެއިނަށް ދޭ އެހީތައް ކަނޑާލައިފި، ދެންވާނީ ކިހިނެތް؟

ޔުކްރެއިނަށް ދޭ އަސްކަރީ އަދި މަދަނީ އެހީތައް އެއްކޮށް ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ނިންމައިފިއެވެ. މިކަން އެމެރިކާގެ ރިޔާސީ އޮފީސް އަދި ގަނޑުވަރު ވައިޓް ހައުސް އިންވަނީ ކަށަވަރުވެސް ކޮށްދީފައެވެ. ނަންހާމަ ކުރަން ދޭނޭ ވައިޓް ހައުސްގެ މަސްއޫލުވެރިއަކު ވިދާޅުވީ އެމެރިކާއިން ޔުކްރެއިނަށް ދޭ އަސްކަރީ އަދި މަދަނީ އެހީތައް އެއްކޮށް ހުއްޓާލުމުގެ ރިޔާސީ އަމުރެއްގައި ރައީސް ޑޮނަލްޓް ޓްރަމްޕް އިއްޔެ ސޮއިކުރައްވާފައިވާ ކަމުގައެވެ. އަދި އެ އަމުރު އެމެރިކާ ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި އިދާރާތަކަށް ފޮނުވާފައިވާ ކަމަށާއި މި އަމުރާއެކު ޔުކްރެއިނަށް އެމެރިކާ ދޭ އަސްކަރީ އަދި އަދި އިގްތިސާދީ އެހީތައްވެސް ނިމުމަކަށް އަންނާނެކަމަށް، ނަން ހާމަކުރަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިއާ ވިދާޅުވިއެވެ. ޓްރަމްޕް ވިދާޅުވެފައިވާ ގޮތުގައި 2022 ވަނަ އަހަރު ޔުކްރެއިން ހަނގުރާމަ ފެށުނުފަހުން އެމެރިކާ ޔުކްރެއިނަށް ވަނީ އަސްކަރީ އަދި މަދަނީ އެހީގެ ގޮތުގައި 350 ބިލިޔަން ޑޮލަރު ދީފައެވެ. ނަމަވެސް ޔުކްރެއިންގެ ރައީސް ވްލަދިމިޔާ ޒެލެންސްކީ ވިދާޅުވާގޮތުގައި އެމެރިކާއިން ޔުކްރެއިނަށް ދިނީ ގާތްގަނޑަކަށް 178 ބިލިޔަން ޑޮލަރުގެ އެހީއެވެ. ރިޕޯޓްތައް ބުނާގޮތުން އެމެރިކާ ޔުކްރެއިނަށް ދިން އެހީގެ މިންވަރަކީ ގާތްގަނޑަކަށް 300 މިލިޔަން ޑޮލަރެވެ. އޭގެތެރެއިން 178 ބިލިޔަން ޑޮލަރަކީ ހިލޭ އެހީގެ ގޮތުގައި އެމެރިކާ ދިން އެހީއެވެ. މަދަނީ އަދި އަސްކަރީ އެހީއެވެ. އަނެއް 122 ބިލިޔަން ޑޮލަރަކީ ލޯން އެހީއެވެ. ނޫނީ ފަހުން އަނބުރައި ދައްކާގޮތަށް ދިން ލޯނެވެ. ޒެލެންސްކީ ޔުކްރެއިނަށް ދޭ އަސްކަރީ އަދި މަދަނީ އެހީތައް އެއްކޮށް ހުއްޓާލުމަށް ޓްރަމްޕް އިއްޔެ ނިންމަވާފައިވާއިރު މިދިޔަ ހަފުތާގައި ޔުކްރެއިންގެ ރައީސް ޒެލެންސްކީ އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޑޮނަލްޑް ޓްރަމްޕް އާއެކު ވައިޓް ހައުސްގައި ބޭއްވި ރަސްމީ ބައްދަލު ކުރެއްވުމުގައި ދެބޭފުޅުންގެ ދެމެދުގައި ވަނީ ވަރަށް ހޫނު ޒުވާބެއް ހިނގާފައެވެ. މި ޒުވާބަށް ފަހު ޒެލެންސްކީ ވައިޓް ހައުސްއިން ބޭރުކޮށްލިކަމުގެ ޚަބަރުތަކެއް ފެތުރިގެން ދިޔައެވެ. ޒެލެންސްކީ ރަސްމީ ސިފައެއްގައި ވައިޓް ހައުސްއިން ބޭރުކޮށްލިކަން ކަށަވަރު ނުވިނަމަވެސް އޭނާ ވަނީ ޒުވާބަށްފަހު ޕްރޮޓޯކޯލްތަކާ މުޅިން ޚިލާފަށް ކުއްލި ގޮތަކަށް ވައިޓް ހައުސްއިން ނުކުމެވަޑައިގެން އަދި އަވަސް ގޮތަކަށް އެމެރިކާ އިންވެސް ފުރާވަޑައިގެންފައެވެ. މި ދަތުރުފުޅުގައި އެމެރިކާއާއެކު ސޮއިކުރަން ރާވާފައިވާ އެއްބަސްވުމުގައި ސޮއިކުރުމަށް ވެސް ޒެލެންސްކީ ވަނީ ދެކޮޅު ހައްދަވާފައެވެ. ދެހާސް ބާވީސް ވަނަ އަހަރުގެ ކުރީކޮޅު ޔުކްރެއިން އާ ދެކޮޅަށް އިސްވެ ހަނގުރާމަ ފެށީ ރަޝިއާއެވެ. ނަމަވެސް އޭގެކުރިން އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކާ ގުޅިގެން ޔުކްރެއިން ވަނީ ރަޝިއާއަށް ޖެއްސުންކުރުމާއި ރަޝިއާގެ މަސްލަހަތަށް ގެއްލުންވާގޮތަށް ގިނަ ކަންތައްތަކެއް ކޮށްފައެވެ. މީގެ ތެރޭގައި ޔުކްރެއިންގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ ރަޝިއާ ދަރިކޮޅުގެ މީހުންގެ ހައްގުތަކަށް އަރައިގަތުމާއި ޔުކްރެއިން ނޭޓޯއަށް ވަދެގެން ރަޝިއާގެ އަމަނާއި ސަލާމަތަށް ނުރައްކާވާފަދަ އަމަލުތަކެއް ހިންގަން ރޭވުން ފަދަ އެތައް ކަމެއް ހިމެނެއެވެ. ޔުކްރެއިނަށް މަދަނީ އިންގިލާބު ގެނުވައި ރަޝިއާއާ އިދިކޮޅު ހުޅަނގުގެ ޕަޕެޓް ނިޒާމެއް ޔުކްރެއިންގައި އުފެއްދީ އެމެރިކާއާއި ޔޫރަޕްގެ ބާރުތައް އަޑީގައި ތިބެގެންނެވެ. އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ ހަތިޔާރަކަށް ހަދައި ޔުކްރެއިންގެ ރައްޔިތުން ވާވައްދައިގެންނެވެ. ޔޫރަޕާއި އެމެރިކާ އަޑީގައި ތިބެގެން އެ ދެ ފަރާތުގެ ޖިއޮޕޮލިޓިކަލް މަގްސަދުތައް ހާސިލްކުުރުމަށްޓަކައި ޔުކްރެއިންގައި މިކަންކަން ތަންފީޒު ކުރުވީ ހުޅަނގުގެ އަވާގައި ޖެހިފައިވާ ޔުކްރެއިންގެ ސިޔާސީ މީހުންތަކެއް ބޭނުންކޮށްގެންނެވެ. ޔުކްރެއިންގައި ހުޅަނގުގެ ޕަޕެޓް ނިޒާމެއް އުފެއްދުމާއެކު ރަޝިއާއާއި ޔުކްރެއިން އާ ދެމެދު ގިނަ މައްސަލަތަކެއް ޖެހެން ފެށިއެވެ. މި މައްސަލަތައް ހައްލުކުރުމަށް ރަޝިއާއާއި ޔުކްރެއިނުން 2014 ވަނަ އަހަރު ބެލަރޫސްގެ ވެރިރަށް މިންސްކްގައި ރަޝިއާ އާއި ޔުކްރެއިނުން އެއްބަސްވުމެއްގައިވެސް ސޮއިކުރިއެވެ. ނަމަވެސް ހުޅަނގުގެ އެއްބާރުލުމާއެކު މި އެއްބަސްވުމަށް ޔުކްރެއިނުން އަމަލު ނުކޮށް ރަޝިއާއަށް ޖެއްސުން ކުރަމުން ގެންދިޔައެވެ. ރަޝިއާ ޔުކްރެއިނަށް އަރައިގަނެ ހަނގުރާމަ ފެށުމަށް މަގުފަހިވި ސަބަބަކީ މިއެވެ. ޔުކްރެއިން މެދުވެރިކޮށް ރަޝިއާގެ ސަރަހައްދާ ހަމައަށް ނޭޓޯ ފުޅާކުރަން އެމެރިކާއާއި ޔޫރަޕުން ކުރި މަސައްކަތްތަކެވެ. ރަޝިއާ ކަޅުކަނޑުން ބޭރުކޮށްލުމަށް ރޭވި ރޭވުންތަކެވެ. ރަޝިއާ ކޮންޓެއިންކޮށް ރަޝިއާ ސްޓްރެޓީޖިކް ގޮތުން ހިސާރުކުރުމަށް ޔުކްރެއިން ބޭނުންކޮށްގެން ހުޅަނގުން ރޭވި ނުބައި ރޭވުންތަކެވެ. ބޭރުފުށުން ޑިމޮކްރަސީގެ ދަޅައަރާ ނިޒާމެއް ޔުކްރެއިންގައި ގާއިމް ކޮށްގެންނެވެ. ނަމަވެސް މި ނިޒާމު ލައްވައި އަޑިން ކުޅުނީ ރަޝިއާ އިނދަޖައްސާލުމުގެ ޖިއޮޕޮލިޓިކަލް ކުޅިގަނޑެކެވެ. ދެހާސް ބާވީސް ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިއާ ޔުކްރެއިނަށް އަސްކަރީ ގޮތުން ހަމަލާދޭން ފެށުމަށްފަހުވެސް ރަޝިއާ ވަނީ ހަނގުރާމަ ހުއްޓާލުމަށް މައިގަނޑު ދެ ޝަރުތެއް ހުށަހަޅާފައެވެ. އެއީ ޔުކްރެއިން ނޭޓޯގެ މެންބަރަކަށް ނުވެ އަސްކަރީ ގޮތުން ނިއުޓްރަލް ގައުމެއްގެ ގޮތުގައި އޮންނާނެކަމުގެ ޔަގީންކަން ދިނުމެވެ. އަނެއްކަމަކީ ޔުކްރެއިންގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ ރަޝިއާ ދަރިކޮޅުގެ މީހުންގެ ހައްގުތަކަށް ޔުކްރެއިން އިހްތިރާމް ކުރާނެކަމުގެ ޔަގީންކަން ދިނުމެވެ. ނުވަތަ މިކަމާބެހޭ ގޮތުން ދެ ގައުމުން ސޮއިކޮށްފައިވާ މިންސްކް އެއްބަސްވުން ތަންފީޒު ކުރާނެކަމުގެ ޔަގީންކަން ޔުކްރެއިނުން ދިނުމެވެ. ނަމަވެސް ޔުކްރެއިން ވަނީ މި ދެ ޝަރުތު ގަބޫލުކޮށް ހަނގުރާމަ ނިމުމަކަށް ގެނައުމަށް ދެކޮޅު ހަދާފައެވެ. މީގެ ބަދަލުގައި ހުޅަނގުގެ ބަސް އަހައިގެން ޔުކްރެއިނުން ފެށީ އެމެރިކާއާއި ޔޫރަޕުން އަސްކަރީ އެހީ އާއި ބަރު ހަތިޔާރު ހޯދައިގެން އަސްކަރީ ގޮތުން ރަޝިއާ އިނދަޖައްސާލުމުގެ މަސައްކަތެވެ. ނަމަވެސް ރަޝިއާއަކީ ނޭޓޯގައި ހިމެނޭ 32 ގައުމުން ހަތިޔާރު އުފައްދާ މިންވަރަށް ހަތިޔާރު އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ އަދި ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިޔާ ބާރެވެ. ބޭރުގެ ފަރާތަކުން ހަތިޔާރު ކޮޅެއް ލިބިގެން ރަޝިއާ ފަދަ އަސްކަރީ ބޮޑު ބާރެއް އިނދަޖައްސާނުލެވޭނެކަން އަދި ރަޝިއާގެ މައްޗަށް އަސްކަރީ ގޮތުން ކާމިޔާބު ނުހޯދޭނެކަން ހުޅަނގަށް ބަރޯސާވާ ޔުކްރެއިންގެ ލީޑަރުންނަކަށް ނުވިސްނުނެވެ. ޔުކްރެއިންގެ ލީޑަރުން ހީކުރެއްވީ ރަޝިއާގެ މައްޗަށް އަސްކަރީ ގޮތުން ކުރި ހޯދޭނެކަމަށެވެ. ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ރަޝިއާ އިގްތިސާދީ ގޮތުން އިނދަޖެހި އެއާއެކު ހަނގުރާމައިގާ ބަލިވާނެކަމުގައެވެ. ނަމަވެސް މިއީ އެމެރިކާއާއި ޔޫރަޕް ގެ އެހީއާއެކުވެސް ޔުކްރެއިންއަށް ނުކުރެވޭނެ ކަމެއްކަމަށް އެ ދުވަސްވަރުވެސް އަސްކަރީ ތަޖުރިބާކާރުން ބުނަމުން ގެންދިޔަ ވާހަކަތަކެކެވެ. ބަޔާންތައް ދެމުން ގެންދިޔައެވެ. ނަމަވެސް ޔުކްރެއިންގެ ލީޑަރުން މިއަޑުތަކަށް ދެއްވީ ބީރު ކަންފަތެކެވެ. ނަތީޖާާއަކީ ހަނގުރާމަ ދިގުލައިގެން ދިޔުމުވެ. އަދި ރަޝިއާއިން ޔުކްރެއިންގެ ބިމުގެ ގާތްގަނޑަކަށް 20 އިންސައްތަ ހިފައި އެ ތަންތަން ރަޝިއާގެ ތަންތަނުގެ ގޮތުގައި ހެދުމެވެ. އަނެއްކޮޅުން ރަޝިއާގެ ގަދަފަދަ ހަމަލާތަކުގައި ޔުކްރެއިންގެ ބޮޑުބައި މުޅިން ފުނޑުފުނޑުވެ ޣައްޒާގެ ހާލަތަށް ވެއްޓިގެން ދިޔުމެވެ. މިލިޔަނެއްހާ ސިފައިން ޔުކްރެއިނުން މަރުވެ އެއްގަމުން ހަނގުރާމަ ނުކުރެވޭފަދަ ހާލަތަކަށް ޔުކްރެއިންގެ އަސްކަރިއްޔާ ދިޔުމެވެ. ރަޝިއާ ސިފައިންނަށްވެސް ގެއްލުންތަކެއް ލިބުނެވެ. ނަމަވެސް އެއީ ރަޝިއާފަދަ ބިޔަ ގައުމަކަށް ތަހައްމަލް ކުރެވޭވަރުގެ ގެއްލުމެކެވެ. ސިފައިންނަށް ގެއްލުން ލިބުން ފިޔަވައި އިތުރު ގެއްލުންތަކެއް ހަނގުރާމައިގައި ރަޝިއާއަކަށް ނުލިބެއެވެ. ރަޝިއާގެ ތެލާއި ގޭހަށް ޗައިނާއާއި އިންޑިއާގެ މާކެޓް ލިބުމުން ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މާބޮޑު އަސަރެއް ރަޝިއާއަކަށް ނުކުރެއެވެ. އެމެރިކާގެ ވެރިކަން ބަދަލުވެ ޓްރަމްޕްގެ ވެރިކަމަށް އައުމާއެކު ޔުކްރެއިން އާމެދު އެމެރިކާ ގެންގުޅުނު ސިޔާސަތު މިވަނީ 180 ޑިގްރީ އަނެއްކޮޅަށް ޖަހާފައެވެ. އެމެރިކާގެ ސިޔާސަތު މުޅިން ބަދަލުވެއްޖެއެވެ. އެމެރިކާ މިހާރު ބޭނުންވަނީ ރަޝިއާ އެދޭގޮތަށް ޔުކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށެވެ. ނަމަވެސް ޔުކްރެއިން ގެންދަނީ މިކަމަށް ދެކޮޅު ހަދަމުންނެވެ. ނަތީޖާއަކަށް މިވީ އެމެރިކާ ޔުކްރެއިންއަށް ދެމުން ގެންދިޔަ އަސްކަރީ އަދި މަދަނީ އެހީތައް އެއްކޮށް ކަނޑާލުމެވެ. ޔޫރަޕްގެ އެހީ ލިބުނުނަމަވެސް މިހާލަތުގައި މާ ގިނަ ދުވަހު ޔުކްރެއިންއަށް ހަނގުރާމަ ކުރިޔަށް ގެންދިޔުމަކީ މުސްތަހީލް ކަމެއްކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. ރިޕޯޓްތައް ބުނާގޮތުން ޔޫރަޕާއި ކުރީގެ އެމެރިކާ ސަރުކާރުން ގާތްގަނޑަކަށް ޔަގީންކުރީ ހަނގުރާމަ ފެށުމާއެކު އެމެރިކާއާއި ޔޫރަޕުން ރަޝިއާއާ ދެކޮޅަށް އެޅި އިގްތިސާދީ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކާއެކު ރަޝިއާ އިގްތިސާދީ ގޮތުން އިނދަޖެހޭނެކަމުގައެވެ. ނަމަވެސް މިކަން މިގޮތަކަށް ނުވިއެވެ. މިއަދު ޔޫރަޕަށް ޖެހިފައިވަނީ މި ހެދުނު ގޯސްތަކުގެ ހިތި ތަހައްމަލް ކުރާށެވެ. ދަތިކުރުމުގެ ފިޔަވަޅުތަކުންވެސް ބޮޑު ގެއްލުމެއް ލިބުނީ ރަޝިއާގެ ބަދަލުގައި ޔޫރަޕަށްކަން ޔޫރަޕްގެ ލީޑަރުންނަށް މިއަދު އިހްސާސް ކުރެވެއެވެ. އަނެއްކޮޅުން އެމެރިކާއާ ނުލައި ދިގުމުއްދަތަކަށް ޔުކްރެއިންއަށް އެހީވުމުގެ ބޮޑު ބުރައަކީވެސް ޔޫރަޕަށް ތަހައްމަލް ކުރެވޭ ވަރުގެ ބުރައެއް ނޫންކަންވެސް ޔޫރަޕްގެ ލީޑަރުންނަށް އިހްސާސް ކުރެވެއެވެ. ނަމަވެސް މިހާރު ވަނީ ވަގުތު ފާއިތުވެފައެވެ. ޔޫރަޕްގައި ރަޝިއާ އާ އަސްކަރީ ގޮތުން ކުރިމަތިލެވޭވަރުގެ ގައުމެއް ނެތޭ ވެސް ދެންނެވިދާނެއެވެ. ދެވަނަ ބޮޑު ހަނގުރާމައަށްފަހު އަސްކަރީ އަދި ދިފާއީ ކަންކަމުގައި ޔޫރަޕް ބަރޯސާ ވަނީ އެމެރިކާއަށެވެ. ޔޫރަޕްގެ ގައުމުތަކުގައި 100 އަށް ވުރެގިނަ އަސްކަރީ މަރުކަޒުތައް އެބަހުއްޓެވެ. އެމެރިިކާގެ އެތައް ލައްކަ ސިފައިން އެބަތިއްބެވެ. ހަނގުރާމައިގެ ލަޝްކަރަކަށް ވާފަދަ ލަޝްކަރެއް އޮތީ ހަމައެކަނި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުގައެވެ. މި ދެ ގައުމަށް ވެސް ރަޝިއާ އާ ކުރިމަތިލުމަކީ ކުރަން ކެރޭނެކަމެއް ނޫނެވެ. މި ދެ ގައުމުގައި ނިއުކްލިޔާ ޑިޓަރެންޓެއް އޮތުމަކީ ލިބޭ ހިމާޔަތެކެވެ. ޔުކްރެއިން ހަނގުރާމަ ރަޝިއާއަށް ކާމިޔާބުވެގެން ނިމިއްޖެނަމަ ވަރަށް ބާރުގަދަ ގަދަފަދަ ގައުމެއްގެ ގޮތުގައި ރަޝިއާ ނުކުންނާނެއެވެ. ރަޝިއާގެ ކުރިމަތީގައި އަސްކަރީ ގޮތުން ބޮޑު ބައްޔަކުން ބަލިވުމާއެކު ރަޝިއާގެ ކުރިމަތީގައި ކުޑަކަކޫ ޖަހަންޖެހޭ ހާލަތަކަށް ޔޫރަޕް ވެއްޓިގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ. ނަތީޖާއަކީ ރަޝިއާގެ އަސްކަރީ ބިރުގެ ޝިކާރައަކަށް ވެފައިވާ އަދި އަބަދު ބިރު އިހުސާސް ކުރަން ޖެހިފައިވާ ގައުމުތަކަކަށް ޔޫރަޕްގެ ގައުމުތައް ވެގެން ދިޔުމެވެ. ޔޫރަޕަކީ އާބާދީ މުސްކުޅިވުމުގެ އިތުރުން ގުދުރަތީ ރިސޯސްތައް ގާތްގަނޑަަކަށް ހުސްވެފައިވާ ގައުމުތަކެކެވެ. ނޯވޭފަދަ ވަރަށް މަދު ގައުމެއްގައި ނޫނީ އެއްވެސް ރެސޯސެއް ނެތެވެ. ރަޝިއާއަކީ ދުނިޔޭގެ އެންމެ ރެސޯސްފުލް އެއްގައުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ