ފަހު ސިކުންތުގައި ގޯލު ޖަހައި ރެއާލަށް މަޔޯކާ އަތުން މޮޅެއް ފަހު ސިކުންތުގައި ގޯލު ޖަހައި ރެއާލަށް މަޔޯކާ އަތުން މޮޅެއް

މެޑްރިޑް (މެއި 15) - ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން ފަހު ސިކުންތު ކޮޅުގެ ތެރޭގައި ގޯލު ޖަހައި، ރެއާލް މަޔޯކާ އަތުން 2-1 އިން މޮޅުވެއްޖެ އެވެ.
މި މެޗުން ރެއާލް ބަލިވިނަމަ، ބާސެލޯނާ އަށް ޗެމްޕިއަންކަން ލިބޭނެ އެވެ. އެކަމަކު، ރެއާލް މޮޅުވިއިރު، އެއް ވަނައިގައި އޮތް ބާސެލޯނާ އަށް މިރޭ ކުޅޭ މެޗުން އެސްޕަންޔޯލް އަތުން ޕޮއިންޓެއް ހޯދައިގެން ވެސް ޗެމްޕިއަންކަން ހޯދޭނެ އެވެ.
ރެއާލްގެ ދަނޑުގައި ރޭ މަޔޯކާ އިން ލީޑުނެގީ 11 ވަަނަ މިނިޓްގަ އެވެ. އަނިޔާގެ ސަބަބުން ގިނަ ކުޅުންތެރިންތަކެއް ނުލައި ކުޅެން ޖެހުނު ރެއާލް ކޮޅަށް މަޔޯކާގެ ގޯލު ޖެހީ، މާޓިން ވަލްޔެންޓް އެވެ. މި ގޯލާ އެކު، މަޔޯކާ އިން ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެ އެވެ. ރެއާލުން ފުރަތަމަ ހާފުގައި ގޯލެއް ޖަހައި، އެއްވަރުކުރަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ.
މެޗުގައި، ރެއާލަަށް އެއްވަަރުކޮށްދިން ގޯލު ޖެހީ، 68 ވަނަ މިނިޓްގައި ކީލިއަން އެމްބާޕޭ އެެވެ. މިއީ، ރެއާލްގެ ލޫކަ މޮޑްރިޗް ދިން ބޯޅައެއް ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން އެމްބާޕޭ ޖެހި ގޯލެކެވެ. މެޗު އެއްވަރުވާން ދަނިކޮށް ރެއާލް މޮޅުވި ގޯލު ޖެހީ މެޗުގެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި، ޒުވާން ކުޅުންތެރިޔާ، ޖެކޯބޯ ރަމޯން އެވެ. މިއީ، އޭނާ ރެއާލަށް ލީގުގައި ކުޅެދިން ދެ ވަނަ މެޗެވެ.
މެޗަށް ފަހު، ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ، މިއީ ހާލަތު އޮތްގޮތުން ވަރަށް މަސައްކަތުން އެ ޓީމު ހޯދި މޮޅެއް ކަމަށާއި ސީޒަނުގެ ފަހު މެޗުތަކުގައި މޮޅުވުމުގެ އަމާޒުގައި ކުރިއަށްދިއުމަށް މި މެޗުގައި ރަނގަޅު ގިނަ ކަަންތައްތަކެއް ފެނުނު ކަމަށެވެ.
ލީގު ނިމުމުން އަންޗެލޮޓީ މި މަހު، 26 ވަނަ ދުވަހު ރެއާލް ދޫކޮށް ބްރެޒިލް ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވާން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ