މިނިވަން މުއައްސަސާއެއްގެ މެންބަރަކު ޕީއެންސީއަށް ސޮއިކޮށްފި މިނިވަން މުއައްސަސާއެއްގެ މެންބަރަކު ޕީއެންސީއަށް ސޮއިކޮށްފި

މިނިވަން މުއައްސަސާއެއްގެ ގޮތުގައި އުފައްދާފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ), ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތު ކުރިއަރުވަން އިގުރާރުވެ، ޕީއެންސީ އަށް ސޮއިކޮށްފި އެވެ.
ޕީއެންސީގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ސެނެޓަރުންގެ ގޮތުގައި ތިއްބެވި މެމްބަރުންގެ ތެރެއިން މި ސަރުކާރުގެ ވަޒީރުންނާއި ވެރިންގެ ތެރެއިން ޕީއެންސީއަށް ސޮއި ނުކުރައްވައި ތިއްބެވި ބައެއް ވެރިން އެ ޕާޓީއާ ގުޅިވަޑައިގެން، އިގުރާރު ފޯމް ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހަވާލުކުރެއްވި އެވެ.
މުހަންމާ ހިމެނިވަޑައިގަންނަވާހެން ރޭ ޕީއެންސީއާ ގުޅިވަޑައިގެންނެވި މެމްބަރުން އިގުރާރު ވެފައިވަނީ ކޮންގްރެސް ޕާޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ރައީސް މުއިއްޒުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން ޕާޓީގެ އަސާސްތައް ނަގަހައްޓައި ދެމެހެއްޓުމުގައި ލަޔާގަތާއި ގާބިލިއްޔަތު ތަންދިން އެންމެ ފުޅާމިނެއްގައި މަސައްކަތް ކުރާނެ ކަމަށެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުންގެ ޝަރުތުގެ ތެރޭގައި ސިޔާސީ ޕާޓީއެއް މެމްބަރަކަށް ނުވުން ގާނޫނީ ގޮތުން ލާޒިމުކޮށްފައި ނެތަސް، މިހާތަނަށް އެ ކޮމިޝަންގެ މެމްބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކޮށްފައެއް ނުވެ އެވެ. އަދި އެ ކޮމިޝަންގެ މެމްބަރަކު ސިޔާސީ ޕާޓީއެއްގައި ވެސް ހަރަކާތްތެރި ވެފައެއް ނެތެވެ.
ބްރޯޑްކާސްޓިން ކޮމިޝަނަށް މުހައްމާ އައްޔަންކުރީ މި އަހަރުގެ ޖެނުއަރީ މަހު އެވެ. އޭގެ ކުރިން އޭނާއަކީ ޕީޕީއެމްގެ ސެނެޓަރެކެވެ.
ވެރިކަމަށް ވަޑައިގަތުމަށް ފަހު ރައީސް ޑރ. މުއިއްޒު ބޭނުންވީ ޕީޕީއެމް އުވާލައި ޕީއެންސީ ވަރުގަދަ ކުރުމަށެވެ. ޕީޕީއެމްގެ މެމްބަރުން ޕީއެންސީއަށް ބަދަލުކުރަން ގިނަ ދުވަސްތަކެއް ވަންދެން ހިންގި ހަރަކާތަށް ފަހު، އެ ޕާޓީ އުވައިލީ މި އަހަރުގެ ޖެނުއަރީ މަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ