ޣައްޒާގައި އެއް ދުވަސް ތެރޭ 143 މީހުން ޝަހީދުކޮށްލައިފި

އިސްރާއީލުން އެއް ދުވަސް ތެރޭގައި ޣައްޒާގެ 143 މީހުން ޝަހީދުކޮށްލައިފިއެވެ. ޣައްޒާގެ ސިއްޚީ ޚިދުމަތްދޭ ތަންތަނާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބުރާސްފަތި ދުވަހު ފަތިހުން ފެށިގެން ޣައްޒާގެ އެކި ހިސާބުތަކަށް އިސްރާއީލުން ދިން ހަމަލާތަކުގައި މިހާތަނަށް 143 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. ޖަބަލިއާ ރެފިއުޖީ ކޭމްޕްގައި ހުންނަ އަލް ތައުބާ ކްލިނިކަށް އިސްރާއީލުން ބުރާސްފަތި ދުވަހު ދިން ހަމަލާގެ މަންޒަރު ދުށް މީހުން ބުނީ، އެ ކްލިނިކްގެ މަތީ ފަންގިފިލާފައި އެތައް ބަޔަކު ޒަޚަމުކޮށްލާފައިވާ ކަމަށެވެ. މި ހަމަލާތައް ދީފައިވަނީ ނަކްބާ ދުވަސް ނުވަތަ އިސްރާއީލުގެ ދައުލަތް އުފައްދައި 1948 ވަނަ އަހަރު ފަލަސްތީނުގެ ނަސްލު ނައްތާލައި ފަލަސްތީނުގެ ބިމުން އެމީހުން ބޭރުކޮށްލިތާ 77 އަހަރު ފުރުނު ދުވަހާ ދިމާކޮށެވެ. ބުރާސްފަތި ދުވަހުގެ އެ ލޭއޮހޮރުވުމާ އެކު، 2023 ވަނަ އަހަރުގެ އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 53،010 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އެ ހަމަލާތަކުގައި ޒަޚަމުވި މީހުންގެ އަދަދު 119،919 އަށް އިތުރުވެފައިވާ ކަމަށް ވެސް ފަލަސްތީނުގެ ސިއްޚީ ވުޒާރާއިން ހާމަކުރެއެވެ. ހަމަލާތަކުގެ ސަބަބުން ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ދަށުގައި ވެސް މަރުވެފައިތިބި އެތައް ބަޔަކު ތިބޭނެ ކަމަށާއި އެއާއެކު، ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު 61،700 އަށް އަރާނެ ކަމަށް ބެލެވޭ ކަމަށް ސަރުކާރުގެ މީޑިއާ އޮފީހުން ހާމަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ