އެކްސްގެ އެ އެކައުންޓް ހުޅުވައިގެން ކޮންމެ ދުވަހަކު ފޫހިފިލުވި މީހުންނަށް މިއީ ޖަނާޒާގެ ވަގުތެކެވެ. އެކަމަކު އެ ޖަނާޒާ މިއައީ މި ވަގުތު ރާއްޖޭގެ އެންމެ ގިނަ ބަޔަކު ބަލަމުން އަންނަ އެއް އެކައުންޓަށެވެ: ހަސަން ކުރުސީ އެވެ.
އެކްސްއިން އެ އެކައުންޓް މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ. ކާކުކަން ނޭނގޭ ހަސަން ކުރުސީ ބުނާ ގޮތުން އެ ފިޔަވަޅު އެޅީ ދިވެހި ފުލުހުން ރަސްމީކޮށް އެކްސްއަށް ހުށައެޅި "ދޮގު ސިޓީއަކާ" ގުޅިގެންނެވެ.
ކޮންމެ ސަބަބެއް އޭގެ ފަހަތުގައި އޮތަސް ހަސަން ކުރުސީގެ އެ ކައުންޓް މިހާރު މި އޮތީ 'މަރާލައިފަ' އެވެ. އެކަމަކު ސުވާލަކީ އެ އެކައުންޓް ހުއްޓުވުމުން ސިއްރު އެ އެކްޓިވިސްޓް މަރާލެވޭނެ ހެއްޔެވެ؟ އޭނާގެ ހިޔާލުތައް ވަޅުލެވޭނެ ހެއްޔެވެ؟ އޭނާގެ ރުޅިވެރިކަން ނައްތާލެވޭނެ ހެއްޔެވެ؟
އަޅުގަނޑަކަށް ގަބޫލެއްނުކުރެވެ އެވެ.
މިއީ އަޅުގަނޑުގެ ރަސްމީ ނޫސްވެރިކަމުގެ 36 ވަނަ އަހަރެވެ. ރާއްޖޭގެ އެންމެ ނުފޫޒު ގަދަ، އެންމެ ގިނަ ކިއުންތެރިން ތިބި 'ހަވީރު'ގައި 1989ގައި ފެށި ނޫސްވެރިކަން، ޒަމާނީ ޓެކްނޮލޮޖީގެ ތެރޭގައި ބަދަލުވަމުން އައީ/އަންނަނީ އަދިވެސް އެ މަސައްކަތުގައި ހުއްޓަ އެވެ. ކުރި ތަޖުރިބާތައް އެހާމެ ގިނަމެ އެވެ.
ސޯޝަލް މީޑިއާގެ އެކި އުފެއްދުންތަކާ އެކު ނޫސްވެރިކަމަށް އަންނަ ބޮޑެތި ބަދަލުތަކަށް ކުރިމަތިލުން ފަސޭހައެއް ނޫނެވެ. ހާއްސަކޮށް ރަޖިސްޓްރީކޮށްގެން ހިންގާ ރަސްމީ ނޫސްތަކަށް (ނޫސްތަކޭ މި ބުނަނީ ވެބްސައިޓްތައް ހިމަނައިގެންނެވެ) އޮތް ގޮންޖެހުން މާ ބޮޑެވެ. އޭގެ އެއް ސަބަބަކީ އެންމެ ފަރުދަކު ސިއްރުން ހިންގާ އެކައުންޓަކަށް ވެސް، އެތައް މުވައްޒަފުން ލައިގެން ހިންގާ ނޫހަކަށް ވުރެ އާންމުންގެ ސަމާލުކަން އެނބުރޭލެއް އަވަސްކަމެވެ. އެކަން ގުޅިފައި އޮތީ މައިގަނޑު ގޮތެއްގައި ސަރުކާރުގެ ސިޔާސަތާ އެވެ.
ހަސަން ކުރުސީއަށް ގިނަ ބައެއްގެ ޝައުގުވެރިކަން ލިބުނީ ހާމަކުރަމުން ދިޔަ ސިއްރުތަކާ ހެދި އެވެ. އެއްވެސް ބެލުމެއް ނެތި އެކި މީހުންނާ ބެހޭ ގޮތުން ލިއުނު ލިއުންތަކާ ހެދި އެވެ. ރަސްމީ ނޫސްވެރިކަމުގައި ހިފަހައްޓާ މައިގަނޑު އެތިކްސްގެ ހުރަސްތައް ނެތި، ބޭނުންހާ އެއްޗެއް ޕޯސްޓްކުރާތީ އެވެ.
މިހާރު ގިނަ މީހުންނަށް ބޭނުންވަނީ ސުރުހީ އެކަންޏެވެ. ނުވަތަ މީހަކާ ދިމާއަށް ބަވާލާފައި ހުންނަ ކުރު ލިއުންކޮޅެކެވެ. އޭގައި އޮންނާނީ ހަމައެކަނި އެންމެ މީހަކު ބުނާ ވާހަކަ އެވެ. އެ ރައްދުވާ މީހަކާ ނުވަތަ ބަޔަކާ ގުޅައިގެން އެ މީހުންގެ ބަހެއް ހޯދުމެއް ނޯންނާނެ އެވެ. އެހެންކަމުން ހަސަން ކުރުސީގެ ވަރަށް ގިނަ ޕޯސްޓްތައް އާންމު ނޫސްވެރިކަމުގެ މިންގަނޑާ ހިލާފުވެ އެވެ. ނަމަވެސް އޭނާގެ ޕޯސްޓްތައް ބަލާ މީހުންނަށް އެކަން އެންމެ ރަނގަޅެވެ.
ސަރުކާރުގެ އެތެރޭގެ ބައެއް ސިއްރުތައް ހަސަން ކުރުސީއަށް ލިބެނީ ކީއްވެގެން ހެއްޔެވެ؟ ޖަވާބު ވަރަށް ސާފެވެ. އެ ސިއްރުތައް ހިއްސާކުރާ މީހުން ރަސްމީ މީޑިއާތަކަށް ކުރާ އިތުބާރު ކުޑަވުމެވެ. ސަރުކާރުގެ އެކި އިދާރާތަކުން، އޭގެ ތެރޭގައި ފުލުހުންނާއި ސިފައިން، ނުވަތަ ހަސަން ކުރުސީގެ ފަހު ބަޔާނުގައި ބުނެފައި އޮތް ގޮތުން ނަމަ، ކެބިނެޓް މިނިސްޓަރަކު ވެސް ހިމެނޭ ގޮތަށް، އޭނާއަށް ބައެއް 'ސިއްރުތައް' ދީފައި އެބަ ހުއްޓެވެ. އެހެންކަމުން ސަރުކާރުން ގެންގުޅޭ ފޮރުވުމުގެ ސިޔާސަތުތަކާ ހެދި އާންމު މީޑިއާއަށް އެފަދަ މައުލޫމާތު ނުދީ، ކާކުކަން ނޭނގޭ މީހާއަށް ފޮނުވާލަނީ އެވެ. އެމީހާ އެއްވެސް ކަމެއް ސިއްރުނުކޮށް ހާމަކުރާނެކަމުގެ ޔަގީންކަން އޮވެ އެވެ.
އިދިކޮޅު ޕާޓީތަކާ ގުޅިފައި ހުންނަ މީޑިއާތަކަށް ވެސް އަދި ވަކި ކޮޅަކަށް ނުޖެހި ހަބަރު ފަތުރާ މީޑިއާތަކަށް ވެސް އެ އިތުބާރެއް ނެތެވެ. އާންމުކޮށް ގިނަ މީހުންނަށް ވިސްނެނީ އެއިން މީޑިއާއަކާ ސިއްރު މައުލޫމާތެއް ހިއްސާކުރިޔަސް އޭގެ ސިއްރުކަން ނުހިފެހެއްޓޭނެ ކަމަށެވެ. އެއިން ތަނަކަށް ފުލުހުން ވަދެ، ނުވަތަ ފުލުހަށް ހާޒިރުކޮށްގެން ނަމަވެސް ތަހުގީގު ފަށާނީ ކޮން އިރަކު ކަމެއް ނޭނގެ އެވެ. އެހެންވެ، ސިއްރުން މައުލޫމާތު ފޯރުކޮށްދޭ މީހާ ފަޅާއަރާފާނެކަމުގެ ބިރު އޮންނަނީ އެވެ.
އެކަމަކު ހަގީގަތަކީ އެއެއް ނޫނެވެ. ނޫސްވެރިކަމުގެ އެތިކްސް ހިފަހައްޓާ ނޫސްވެރިން ސިއްރު މަސްދަރުތަކުން ދޭ މައުލޫމާތު ރައްކާތެރިކުރާނެކަމާ މެދު ޝައްކެއް ނެތެވެ. އެ ނުދީގެން ފުލުހުން އޭނާ ބަންދުކުރިޔަސް އެކަމާ ކުރިމަތިލާނެ އެވެ. ނަމަވެސް ރަނގަޅު ނޫސްވެރިންގެ އެ ހަރުދަނާ ސިފަ އާންމު ގިނަ މީހުންނަކަށް ނޭނގޭނެ އެވެ.
ހަސަން ކުރުސީގެ ބަޔާނުގައި ބުނި ގޮތުގައި އޭނާގެ އެކައުންޓް ބަންދުކުރުމުން އޭނާގެ ޓީމުން ވަކި ކަމަކަށް އެދުނެވެ (އިތުރު ތިން މީހަކު އޭނާއަށް އެހީތެރިވާ ކަމަށް އެ ބަޔާނުގައި އޮތެވެ). އޭނާއަށް މައުލޫމާތު ދޭ ކެބިނެޓް މިނިސްޓަރެއްގެ ވާހަކަ ފަޅާއަރުވާލުމެވެ.
ހަސަން ކުރުސީ ބެކްއަޕްގެ ނަމުގައި މިހާރު ހިންގާ އެކައުންޓްގައި އޭނާ ވަނީ އާންމުންގެ ހިޔާލު ހޯދައިފަ އެވެ. އެއަށް 2،000އަށް ވުރެ ގިނަ ވޯޓު ލީ އިރު %87 އަށް ވުރެ ގިނަ ވޯޓު އޮތީ އެ މިނިސްޓަރަކީ ކާކުކަން ހާމަކުރުމަށެވެ. ދެކޮޅުހެދީ އެންމެ %12 އެވެ.
"[އެއީ ކާކުކަން] ބުނި ނަމަ މިހާރު ކެބިނެޓްފައި އިންނެވި ބާރުގަދަ މިނިސްޓަރަކު އެ މަގާމުން ވަކިކުރީހެވެ،" ހަސަން ކުރުސީގެ ބަޔާނުގައި ބުންޏެވެ.
އެއީ ތެދެއްކަމެއް ބުނާކަށް ނޭނގެ އެވެ. ސަބަބަކީ ހަސަން ކުރުސީގެ ޕޯސްޓްތަކުގައި މުޅިން ހިމެނެނީ ތެދުކަމަށް ނުވާތީ އެވެ. އެކި މީހުންގެ ޒާތީ ކަންކަމާ ބެހުމާއި ބޭޒާރުކުރުމާއި އެ މީހެއްގެ ފަރާތުން ބަހެއް ނެތި ނުލިޔެވޭނެ އެތައް އެއްޗެއް އޭނާ ހުރީ ޕޯސްޓްކޮށްފަ އެވެ.
އެކަމަކު ވަކި ކަހަލަ މައުލޫމާތެއް ދޭ މީހާގެ އިތުބާރު ހިފަހައްޓަން ހަސަން ކުރުސީ މަސައްކަތްކުރާނެކަމާ މެދު އެއްވެސް ޝައްކެއް ނުކުރަމެވެ. ސަބަބަކީ އެ އެކައުންޓްގެ މައިގަނޑު ބޭނުމަކީ ވެސް ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގެ އެތެރޭގައި ހުރި ބޮޑެތި ކަންކަން ފަޅާއެރުވުން ކަމަށް ލަފާކުރެވޭތީ އެވެ. އޮފީސްތަކުން ހާމަނުކޮށް ހިފަހައްޓާ އެއްޗެހި އޭނާއާ ހަމައަށް ފޯރާނީ އެ އިތުބާރު ދަމަހައްޓައިގެންނެވެ.
"އެ މަގުން ދިޔަ ނަމަ ހަސަން ކުރުސީ ކުރީގެ [ހަސަން ކުރުސީ]އަކަށް ނުވާނެ އެވެ،" ހިޔާލު ހޯދުމުގެ ވޯޓުުގައި އެދުނު ގޮތަށް ކަން ކުރި ނަމަ ކުރިމަތިވާނެ އިތުބާރު ގެއްލުމުގެ މައްސަލައާ ބެހޭ ގޮތުން އޭނާގެ ބަޔާނުގައި ބުންޏެވެ.
އަޅުގަނޑު ހަނދާންވެ އެވެ. އޭރުގެ ފުރާއުމުރުން ފެށިގެން މަތީ އުމުރުގެ މީހުން ވެސް ހަނދާން ހުންނާނެ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމާ ދެކޮޅަށް ފެނުނު އެންމެ ވަރުގަދަ ނޫސްވެރިކަމަކީ 'ދިވެހި އޮބްޒާވަރު' އެވެ. އޭރު ގިނަ މީހުންގެ ހުރިހާ ސަމާލުކަމެއް ހުއްޓުނީ އެއަށެވެ. ސަރުކާރުން އެ ވެބްސައިޓް ބަންދުކުރުމުން ވެސް، އޭގެ އެހެން ލިންކްތައް ހޯދައިިގެން ވެސް ވަދެ އެވެ. އެއީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ލިބެން ފެށި ހިސާބެވެ. ފަހުން އެ މިނިވަންކަމުގައި ނޫސްވެރިކަން ހިނގައިގަތުމުން 'ދިވެހި އޮބްޒާވަރު'ގެ ޒަމާން ދިޔައީ އެވެ. އެކަމަކު އެތިކްސްގެ ގޮތުން ދަށް ފެންވަރުގެ ލިއުންތައް ހުއްޓަސް 'ދިވެހި އޮބްޒާވަރު'ގެ ރޯލު އެ ދުވަސްވަރު ވަރަށް މުހިންމެވެ.
މިހާރު ނޫސްވެރިކަމުގެ މިނިވަންކަން އޮވެމެ، ބައެއް ކަހަލަ ހުރަސްތައް ހުރުމުން ނޫސްތައް އޭގެ ފުރިހަމަ ޒިންމާ އަދާކުރަން ޖެހިލުންވެ އެވެ. އެ ޖެހިލުންވުން ކެނޑޭނީ ނޫސްވެރިކަމާ މެދު ސަރުކާރުން ދެކޭ ގޮތް ބަދަލުވެގެންނެވެ. ސަރުކާރަށް ފާާޑުކިޔަން ވެސް ޖެހޭނެކަން ގަބޫލުކޮށްގެންނެވެ. ސަރުކާރު ތެރޭގައި މައްސަލަތައް ހުރި ނަމަ ވެރިންގެ ޒިންމާއަކީ އެ މައްސަލަތައް މަދުކުރުމެވެ. ގޯސް ކަމެއް ފަޅާއަރާއިރަށް ފިޔަވަޅު އެޅުމެވެ. އެކަމާ ބެހޭ ގޮތުން ލިއާ ނޫސްވެރިންނާއި ނޫސްތަކާ ދެކޮޅަށް އަޑިއަޑިން ނަމަވެސް ހުރަސްތައް ކުރިމަތިނުކުރުމެވެ.
ކޮންމެ ސަރުކާރަކަށް ވެސް މިހާރު އެނގެންވީ މި ޒަމާނުގައި ނޫސްވެރިކަމުގެ މިނިވަންކަން ނުހިފެހެއްޓޭނެ ކަމެވެ. އާންމުން އަބަދުވެސް ދާނީ ސަރުކާރާ އިދިކޮޅު ހިޔާލުތައް/ލިއުންތައް/މަންޒަރުތައް ހުންނަ މީޑިއާއަކާ ދިމާއަށް ކަމެވެ. އެއީ ފަތުރާ ހުރިހާ އެއްޗެއް ގަބޫލުކޮށްގެންނެއް ނޫނެވެ.
ހަސަން ކުރުސީގެ ހާލަތާ މެދު ވިސްނާލާށެވެ. އޭނާގެ ރަސްމީ އެކައުންޓް ބަންދުކުރުމުގެ ކުރިން ވެސް ހަސަން ކުރުސީ ބެކްއަޕްގެ ނަމުގައި އެކައުންޓެއް ހެދި އެވެ. ކުރީ ދުވަހު އެ އެކައުންޓް ފޮލޯކުރީ ހައެއްކަ ހާސް މީހުންނެވެ. މިއަދު އެ އަދަދު 10،000 ހުރަސްކޮށްފި އެވެ. އޭގައި އޭނާ ހިއްސާކުރި ބަޔާނަށް 115،000 ވިއުސް ލިބުނެވެ. ޝެއާކުރި އަދަދު 365އަށް އަރަ އެވެ.
މިއިން ދައްކައިދެނީ ކޮން އެއްޗެއް ހެއްޔެވެ؟ ކާކުކަން ނޭނގި ސިއްރުން ސޯޝަލް މީޑިއާގައި އުޅޭ މީހެއްގެ ބާރު ވެސް ގަދަވެދާނެ ކަމެވެ. ގިނައިން ދޮގުތައް ފަތުރައިގެން ނަމަވެސް އޭނާގެ ނުފޫޒު މާ ގަދަ ނަމަ އެ ނުފޫޒު މައިތިރިކުރަން އުނދަގޫވެ އެވެ. ހުއްޓުވައިފި ނަމަ އޭގެ އަނެކަކު އުފެދޭނެ އެވެ. އެހެންކަމުން މިއީ ހަސަން ކުރުސީގެ ޖަނާޒާގެ ވަގުތަށް ނުވެ ވެސް ހިނގައިދާނެ އެވެ.
ސަރުކާރަށް އޮތީ ސަރުކާރު ތެރޭގައި ހުރި ގޯސްތައް ރަނގަޅުކުރުމެވެ. ހިޔާނާތްތައް މަދުކުރުމެވެ. ދައުލަތުގެ ވެރިންނަކީ ދޮގު ހަދައިގެންވާނެ ބައެއް ނޫނެވެ. އެހެންކަމުން އެއްވެސް ވެރިޔަކު ދޮގުނުހެދުމެވެ. ސޯޝަލް މީޑިއާގައި އެއްޗެއް ލިއެލާއިރަށް ފުންމައިގެން ނުދާންވީ އެވެ. ގޯހެއް ފަޅާއަރުވާލައިފި ނަމަ ފިޔަވަޅު އެޅުން އަވަސްކުރަންވީ އެވެ.
އޭރުން ހަސަން ކުރުސީތަކުގެ ފަހަތުން ދާކަށް ނުޖެހޭނެ އެވެ.
މިއީ ހަގީގަތުގައި ވެސް ހަސަން ކުރުސީގެ ޖަނާޒާތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ