އަހަރު ދެބައި ނުވަނީސް، ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު މިލިއަނަކާ ގާތަށް

އަހަރު ދެބައި ނުވަނީސް، ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު މިލިއަނަކާ ގާތްވެއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އިއްޔެގެ ނިޔަލަށް 912،109 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރާތްކޮށްފައެވެ. އެއީ ފާއިތުވެ ދިޔަ ދެ އަހަރު ވެސް އެ މުއްދަތުގައި ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދުތަކާ އަލާ ބަލާއިރު އިތުރުވުމެކެވެ. އެގޮތުން 2023 ވަނަ އަހަރު އެ މުއްދަތުގައި 757،992 ފަތުރުވެރިން އަދި މިދިޔަ އަހަރު އެ މުއްދަތުގައި 843،356 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކުރިއެވެ. އެހެންކަމުން މިދިޔަ އަހަރާ އަލާ ބަލާއިރު މިއަހަރުގެ މެއި 17 އާ ހަމައަށް މިވަނީ 68،753 ފަތުރުވެރިންގެ ކުރިއެރުމެއް ހޯދައިފައެވެ. އެއާޕޯޓުގައި ފަތުރުވެރިންތަކެއް -- ސަން ފޮޓޯ/ އަމަން ލަތީފް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބަށް ބަލާއިރު، އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ ޗައިނާއިންނެވެ. އެ ގައުމުން ވަނީ އިއްޔެގެ ނިޔަލަށް 105،191 ފަތުރުވެރިން ރާއްޖެ އައިސްފައެވެ. އެއީ މި އަަހަރުގެ މިހައިތަނަށް ރާއްޖެ އައި ފަތުރުވެރިންގެ 11.5 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނައިން ރަޝިއާ ފަތުރުވެރިން އައިއިރު، ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ އިނގިރޭސިވިލާތުންނެވެ. އިއްޔެގެ ނިޔަލަށް އެންމެ ޓޮޕް 10 މާކެޓަކީ: ޗައިނާ: 105،191 ފަތުރުވެރިން ރަޝިއާ: 98،419 ފަތުރުވެރިން އިނގިރޭސިވިލާތް: 93،853 ފަތުރުވެރިން އިޓަލީ: 79،737 ފަތުރުވެރިން ޖަރުމަނުވިލާތް: 70،011 ފަތުރުވެރިން އިންޑިއާ: 49،721 ފަތުރުވެރިން ފްރާންސް: 33،345 ފަތުރުވެރިން އެމެރިކާ: 28،656 ފަތުރުވެރިން ސްވިޒަލޭންޑް: 21،328 ފަތުރުވެރިން އޮސްޓްރޭލިއާ: 16،443 ފަތުރުވެރިން ފަތުރުވެރިން ޖުމްހޫރީ މައިދާނުގައި -- ސަން ފޮޓޯ/ މުހައްމަދު އަފްވާން މި އަހަރުގެ ފަސް ވަނަ މަސް ގުނަމުންދާއިރު، ފާއިތުވެދިޔަ ޖެނުއަރީ، ފެބްރުއަރީ އަދި މާޗު މަހު ވެސް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ދެ ލައްކައަށްވުރެ އިތުރެވެ. ނަމަވެސް މިދިޔަ މަހު ވަނީ އެ އަދަދު ދަށްވެފައެވެ. މިދިޔަ މަހު އައީ 198،322 ފަތުރުވެރިންނެވެ. ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، ގިނަ ފަތުރުވެރިން ރާއްޖެ ގެނައުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެ މަސައްކަތުގެ ތެރެއިން އިނގިރޭސިވިލާތުގެ ފުޓުބޯޅަ ކްލަބް، ލިވަޕޫލާއެކު ވެސް އެ ކުންފުނިން ވަނީ ރާއްޖެ އިޝްތިހާރު ކުރުމުގެ އެއްބަސްވުމެއް ހަދައިފައެވެ. އެ ކުންފުނީގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަތުރުކުރާ މީހުން އެންމެ އިސްކަންދޭ ގައުމަކީ ރާއްޖެއަށް ހަދައި، ދަތުރުފަތުރުގެ އެންމެ މަތީ އެއް މަންޒިލުގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ