ފެތުމުގެ އޯޕަން ވޯޓާ މުބާރާތް (ގައުމީ ދިގު ފެތުމުގެ މުބާރާތަކީ) އެތުލީޓުންގެ ކުުރިއެރުމަށް ބަލާއިރު، ތަފާތު ތަޖުރިބާއެއް ކުރަން ލިބޭ ބޭނުންތެރި ފުރުސަތެއް ކަމަށް ފާއިތުވި ތިން އަހަރުގެ ފަސް ކިލޯ މީޓަރު ބައިގެ ފިރިހެން ޗެމްޕިއަން، މުހައްމަދު ރިހާން ޝިހާމް ބުނެފި އެވެ.
ކ. ކުޑަގިރީގައި މިދިޔަ ތިން އަހަރު ކުރިއަށްދިޔަ ގައުމީ ދިގު ފެތުމުގެ މުބާރާތު (އޯޕަން ވޯޓާ ސްވިމިން ކޮމްޕެޓިޝަން)ގެ ފަސް ކިލޯމީޓަރު ފެތުމުގެ ބައިން ރިހާން ކާމިޔާބު ހޯދިއިރު، އޭނާ އަށް އޭގެ ސަބަބުން ކެރިއަރުގަައި ތަފާތު ތަޖުރިބާތަކެއް ވެސް ހާސިލްވި އެވެ.
"ވަރަށް އުފާވޭ އަސްލު، ޖެހިޖެހިގެން ތިން އަހަރު މި ކާމިޔާބު ލިބުނީތީ، މި ކަަހަލަ ފުރުސަތު ލިބޭތީ ވެސް ވަރަށް އުފާވޭ. ކޮންމެ އަހަރަކު ވެސް ޖަހާލަން ލިބޭތީ ވެސް ފައިވް ކޭ (ފަސް ކިލޯ މީޓަރު ފެތުން)،" އިވެންޓް ކާމިޔާބު ކުރުމަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ރިހާން ބުންޏެވެ.
ގައުމީ ސްވިމިން ޓީމުގައި ހިމެނިގެން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވެސް ވާދަކޮށްފައިވާ ރިހާން ބުނީ، އޯޕަން ވޯޓާ މުބާރާތަށް ހާއްސަ ތައްޔާރީތަކެއް ކުރިއަށްނުގެންދާ ކަމަށެވެ.
"ޕޫލްގައި ކުރިއަށްގެންދާ ނޯމަލް ޕްރެކްޓިސްތައް ގެންދަނީ، އަނެއްހެން މޫދަށް ގޮސް އެރިލާ ގޮސް ފަތާލަނީ، އަނެއްހެން އެހާ ބޮޑު ކަމެއް ނުކުރަން ދެން މި އަކަށެއް،" ރިހާން ބުންޏެވެ.
ވިދިވިދިގެން ތިން އަހަރު މި ކާމިޔާބީ ހޯދިއިރު، އެންމެ އުނދަގުވީ މި ފަހަރުކަން ފާހަގަކޮށް ރިހާން ބުނީ، މޫދުގެ އޮއެ ހުރި ގޮތުން ރޭސް ނިންމަން އައިއިރު ދަތިތަކެއް ހުރި ކަމަށެެވެ.
"އަނެއްހެން ބުނަންޏާ، 2023 ގައި ގިނަ ކުދިން، އެކަމަކު، މިހާރަކަށް އައިސް ތަންކޮޅެއް ކުދިން މަދު އަނެއްހެން، ދެން، އަނެއްހެން ފުދޭވަރަކަށް، އޯޕަން ވޯޓާ ވާ އެއްޗަކީ، މޫދުގައި މި ފަތަނީ، އޮއެގަނޑާ އެއްކޮށް މި ފަތަނީ ވެސް، ގިނަ ފަހަރު ބޮއެ ހުންނަތަން ވެސް އަސްލަކު ނޭނގޭ، މި ބޮއެ، އަނބުރާލައިގެން މީގެ ކުރިން ދެ ފަަހަރު ވެސް ދިޔައީ އަނެއް ބޮޔަށް، އަނެއްކާ ވަށާލައިފައި ދާން ޖެހުނީ، މީގެ ދިގު ވާވަރަކަށް އެގްޒްހޯސްޓްވޭ ވަރަށް ބޮޑަށް،"
ކުޑަގިރީގައި ބާއްވާ މި އަހަރުގެ، ގައުމީ އޯޕަން ވޯޓާ ސްވިމިން ކޮމްޕެޓިޝަންގައި، ހުރިހާ ކެޓަގަރީ އަކުން ޖުމްލަ އެކު، 281 ފެތުންތެރިން ވާދަކުރަން އެޕްލިކޭޝަން ހުށަހެޅި އެވެ. އަދި، އޭގެ ތެރެއިން ގިނަ ފެތުންތެރިން މުބާރާތުގައި ވާދަކުރިއިރު، މިއީ، ފާއިތުވި އަހަރު ބައިވެރިވި ފެތުންތެރިންނަށް ވުރެ އިތުރު އަދަދެކެވެ.
މި ފަހަރު އެހެން އަހަރުތަކަށް ވުރެ އިންތިޒާމުގެ ކަންކަމާއި މުބާރާތުގެ ފޯރިވެސް ގަދަކަން ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް މުހައްމަަދު އަބްދުއްސައްތާރު (ޗަމްޕީ) ވަނީ ފާހަގަކުރައްވައިފަ އެވެ.
އޯޕަން ވޯޓާ މުބާރާތަކީ ބޭނުންތެރި ފުރުސަތެއް: ރިހާން އޯޕަން ވޯޓާ މުބާރާތަކީ ބޭނުންތެރި ފުރުސަތެއް: ރިހާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ