އަދިވެސް މަށަށް ދަރިޔަކު ނުދެއްވައެވެ.
"އަދިވެސް މަށަށް ދަރިޔަކު ނުދެއްވާކަން އެއީ މަގޭ ވަރަށް ބޮޑު ޝަކުވާއެކެވެ. މިހާރު ވަރަށް ގިނަ ވައްތަރުވައްތަރުގެ ބޭސްފަރުވާ ކުރެވިއްޖެއެވެ. އަދިވެސް އެ ނިޢުމަތުން ތިމަންނާ މި ހުރީ މަޙުރޫމުވެފައެވެ." މިއީ ވަރަށް ގިނަ މީހުން މިއަދު ކުރާ ޝަކުވާއެކެވެ. އެއް ބަޔަކު ދަރިން ނުލިބުމުގެ ޝަކުވާކުރާއިރު އަނެއް ބަޔަކު ދަރިން ނުހޯދާން އެތައް ގޯހެއް ހަދަމުން ވެސް ދެއެވެ. އިލާހީ ދަރުބާރުން އަންގަވައިފައިހުރި އެންގެވުންތަކަށް އެއްވެސް ބެލުމެއް ނެތި، ހަމައެކަނި ތިމާ އެދޭއެދުމަށް ނަޒަރު ހުސްކޮށްގެން ކުރެވޭ ގިނަ މަސައްކަތުން އެދެވޭ ނަތީޖާ ނުފެނެއެވެ. އަހަރެން ބޭނުންވަނީ ދަރިއެކެވެ. އެހެންވީމާ ކޮންމެ ކަމެއް ކޮށްގެން ވެސް ދަރިޔަކު ލިބުނީމައި ނިމުނީ ކަމަށް ދެކޭ ބަޔަކު އުޅެއެވެ. އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ތިމާ ބޭނުން ކޮންމެ ގޮތް ވާންޖެހޭ ކަމުގެ ވިސްނުމުގައި އުޅުމަކީ ވަރަށް ގިނަ ފަހަރު، ނަފުސާނީ ގޮތުން މީހާ ބަލިވެ އިތުރު ހިތްދަތިކަމާއި ހިތާމައިގެ ތެރެއަށް އޭނާ ވެއްޓޭނޭ ކަމެކެވެ. އެ ކަމުން އަރައިގަތުމަށް ޓަކައި އިތުރު އުންމީދާއި ހިތްވަރުތަކެއް ހޯދަން ޖެހެއެވެ. އެ ހޯދާ އުންމީދަކީ ޙަޤީޤަތެއްތޯ ނުވަތަ އޭގެ އަސާސުގައި އަސްލެއް އޮތް އެއްޗެއްތޯ ނުބަލައިފިއްޔާ، އެ ކަން ވެސް ނިމޭނީ މާ ބޮޑު ހިތްދަތި ކަމަކަށެވެ. ދަރިން ނުލިބުމުގެ ހިތާމައާއި ތިމާގެ ކޮންޓްރޯލުން ބޭރުގައި ހުރި އެ ނޫން ކަންކަން ޙައްލުކުރުމުގެ ފުރިހަމަ ބާރު ތިމާއަށް ހޯދޭނޭ ކަމަށް ޤަބޫލުކުރުމަކީ ހިތާމަޔަށް ހުޅުވޭ އިތުރު ދޮރުދޮރެވެ. އަދި ހަމަ އެހެންމެ އިލާހީ ދަރުބާރުގައި އެ ކަންކަމުގެ ނިޔާ ދެމިއޮންނަ ކަންކަމުގެ ބާރު ތިމާއަށް ނުވަތަ ތިމާނޫން އެހެން މީހަކަށް، ނުވަތަ ޖިންނިއަކަށް ނުވަތަ އެ ނޫން ވެސް މަޚުލޫޤަކަށް ލިބިގެންވާކަން ޤަބޫލުކުރުމަކީ ނަފުސާނީ ހިތާމަ މަތިމައްޗަށް އިތުރުވާ ކަމެކެވެ. އަދި އެއަށްވެރު ވެސް ބޮޑު ހިތާމައަކީ އެފަދަ ކަންކަމުން ތިމާ ހެއްދެވި ފަރާތަށް ޝިރުކުކުރެވޭކަމެވެ. ދަރިން ނުލިބުމުގެ މައުޟޫޢުގައި ފުރަތަމަ ކުރާންވީ ކަމަކީ ދަރިޔަކު ހޯދަން ފަށައިގަތުމެއް ނޫނެވެ. ކާވެންޏަށް ދަރިން ލިބުމަކީ އޭގެ އަސްލު ޠަބީޢަތްކަން ޤަބޫލުކުރުމާ އެކު އެ ނޫން ގޮތަކަށް (އެބަހީ ދަރިން ނުލިބުން) (ނުވަތަ ލަސްވުން) މި ދިމާވަނީ ކީއްވެކަން ދެނެގަންނަންވީއެވެ. އެ ކަމުގެ ޢިލްމުލިބިގަންނަން ވީއެވެ. އަޅުގަނޑުމެންނަކީ މުސްލިމުންނަށް ވީތީ ބޭސްވެރިކަމުގެ ފަރުވާއަށް ފަށައިގަތުމުގެ ކުރިން އިލާހީ ދަރުބާރަށް ހުއްޓެންވީއެވެ. މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވުން އެއީ އެންމެ ފުރަތަމަ ހަތިޔާރު ކަމުގައި ހަދަންވީއެވެ. ދުޢާއަކީ މުއުމިނުންގެ ހަތިޔާރެވެ. އެ ހަތިޔާރު ރަނގަޅަށް ތޫނުކޮށް އެއިން ފަތަޙަކުރެވޭނެކަން ޤަބޫލުކޮށްގެން އެ ހިފައިގެން މައިދާނަށް ނުކުމެއްޖެ ކޮންމެ މީހަކު އެންމެ ބޮޑަށް ބަރޯސާ ވާނީ އޭނާގެ އެ ހަތިޔާރަށެވެ. އޭނާގެ ޔަޤީންކަން އެއާ މެދު ކުޑަވާ ވަރަކަށް އެ ނޫން ހަތިޔާރުތަކުން މަންފާ ބޮޑުވާނޭ ކަމަށް ބެލެވެންފަށާނެއެވެ. ނަތީޖާއަކަށް ވާނީ މިއަދު ކުރިމަތިވެފައި މި އޮތް ހާލަތެވެ. އެއީ ދުޢާކުރުން އެހަން ހުރިހާ ކަމަކަށްވުރެ ފަސްކުރެވުމެވެ. ބައެއް މީހުން ކަންކަމުއެދި ކުރާ ހިންމަތްތެރި މަސައްކަތުގެ ޗާޓުގައި ދުޢާކުރުން އެއްގޮތަކަށް ވެސް ނޯންނަ ކަމީ، ގިނަބަޔަކު މިއަދު އެއްބަސްވާނޭ ކަމެކެވެ. އަދި މިހާތަނަށް ދަރިޔަކު ލިބިފައި ނުވާ ކޮންމެ ދެމަފިރިއެއް ވެސް ފުރަތަމަ ކުރަންވީ ކަމަކީ ވަރަށް ބޮޑަށް، ވަރަށް ގިނައިން ދުޢާކުރުމެވެ. މިހާރު ވެސް ތިމަންނާމެން ދުޢާ ކުރަމޭ، ބުނާ ފަރާތްތަކަށް ދަންނަވަން އޮތީ މިހާރަށް ވުރެ އިޚުލާޞްތެރި ހިތަކައިގެން ދުޢާކުރަން ފަށާށެވެ. ތިމަންނާމެން މާޔޫސް ކަމުން ނެރެދެއްވުން އެދި ރޮއެރޮއެފައި ދަންނަވާށެވެ. ދުޢާކުރުމުގެ އަދަބުތައް ދަސްކޮށް އެ އަދަބުތަކާ އެއްގޮތަށް ދަންނަވާށެވެ. ދުއާކުރުމުގެ ކުރިން ޞަދަޤާތް ކުރާށެވެ. ޞަދަޤާތްކުރުމަށް ފަހު ދުޢާދަންނަވާށެވެ. ދުޢާ އިޖާބަކޮށްދެއްވާ ވަގުތުތައް ދެނެގަނެ އެ ވަގުތުތަކުގައި ޔަޤީންކަމާ އެކު ދުޢާކުރުން ގިނަކުރާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ