އިއްޔެ ނިމިގެންދިޔަ 12 ވަނަ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ހޯދި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޒީކް އަޝްރަފް ރަޝީދު އެ މަގާމު ހޯދަން ޓާގެޓް ނުކުރި ކަމުގައި ވިޔަސް ފަހުން އެކަން ހާސިލްވީ ބުރަ މަސައްކަތުން ކަމަށް ބުނެފި އެވެ.
އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ކުރިން، ޒީކް ވަނީ ސައުދީ އަރަބިއްޔާގައި ކުރިއަށްދިޔަ، ހަ ވަނަ އޭޝިއާގެ 18 އަހަރުން ދަށުގެ އެތުލެޓިކްސް މުބާރާތުގައި ވާދަކޮށްފަ އެވެ. އެ މުބާރާތުގައި ވާދަކުރަން، ދުރާލައި، ތަމްރީނުތައް ފެށި އެވެ. އެންމެ ބޮޑަށް ރޭވި ގޮތަށް އެ މުބާރާތުގައި ކަންކަން ނުދިޔަ ކަމުގައި ވިޔަސް ފަސް އެނބުރި ނުބަލައި، ޒީކް ކުރިއަށް ދިއުމުގެ ނަތީޖާ ވަރަށް ވެސް ރަނގަޅެވެ.
އެއީ، އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި ރެކޯޑްތަކާ އެކު އެންމެ މޮޅު އެތުލީޓުކަން ލިބުމެވެ.
ފަހަކަށް އައިސް ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ޒީކް ވަނީ، މާލޭ ސިންތެޓިކް ޓްރެކުގައި މިދިޔަ ތިން ދުވަހު ކުރިއަށްދިޔަ، އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި، 1500 މީޓަރު ދުވުމާއި 800 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ. އެ ގޮތުން، ޒީކް، 800 މީޓަރު ދުވުން ކާމިޔާބުކުރީ، 2 މިނިޓް 23.94 ސިކުންތުންނެވެ. އަދި، 1500 މީޓަރު އިވެންޓުގައި ޒީކް ވަނީ، 5 މިނިޓް، 15.29 ސިކުންތުން ނިންމައި، މީޓް ރެކޯޑެއް ހަދައިފަ އެވެ.
މި ކާމިޔާބީ އަށް ފަހު، ދިން އިންޓަވިއުގައި، ޒީކް ބުނީ އެންމެ ފުރަތަމަ ތަމްރީން ހަދަން ފެށީ ސައުދީގައި ބޭއްވި އޭޝިއާ މުބާރާތަށް ފޯކަސް ކޮށްފައި ކަމަށެވެ. އެކަމަކު، އެ މުބާރާތުގައި އެންމެ ބޭނުންވި ޕާފޯމަންސް ނުދެއްކުނު ކަމަށް ޒީކް ވަނީ ބުނެފަ އެވެ.
"ލާސްޓް އިޔާ (މިދިޔަ އަހަރު) ނޮވެމްބާ އިން ފެށިގެން ކޮންޑިޝަނިން ހަމަ ކޮންޓިނިއަސްލީ ގެންދަނީ. ސައުދީ ޓޯނަމެންޓަށް އަސްލު ގެންދިޔައީ. އެކަމަކު ސައުދީ ޓޯނަމަންޓްގައި ނުވެއް ދުވެވުނު 800 އެއް. ސޯ ދެން ޕްލޭން އޮތީ ދިސް ޓޯނަމެންޓްގައި ރަނގަޅު ކުރެވޭތޯ. ހަމަ ޕްލޭންއާ އެއް ގޮތައް ޖޫނިއާ ރެކޯޑް ހެދިފަ، ޔޫތު ރެކޯޑް ހެދިފަ މީޓް ރެކޯޑް ހެދުން." ޒީކް ބުންޏެވެ.
ޒީކް، 800 މީޓަރު އިވެންޓްގައި ވާދަކުރަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
ޒީކް ބުނީ މި މުބާރާތައް ނުކުތްއިރު، މުބާރާތުގެ އެންމެ މޮޅު އެތުލީޓުގެ މަގާމް ހޯދޭނެ ކަމަށް އުންމީދު ނުކުރާ ކަމަށެވެ. އެކަމަކު، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ކޯޗު، އަބްދުﷲ އިބްރާހިމް (އަބުޅޯ) ވަނީ މުބާރާތް ފެށުމުން މުބާރާތުގެ އެންމެ މޮޅު އެތުލީޓް މަގާމު ހޯދުމުގެ ފުރުސަތު އޮތްކަން ޒީކަށް ބުނެދީފަ އެވެ.
އެހާ ހިސާބުން މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދަން ގަދައަޅާ މަސައްކަތް ފެށި އެވެ.
ޒީކް ބުނީ ޓްރެކް އެންޑް ފީލްޑްގައި ތަމްރީން ހަދަމުން އަންނަ އެތުލީޓުން ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ކަމަށާއި، އޭގެ އިތުރުން އެތުލީޓުން ކާމިޔާބު ހޯދަން ކޯޗުގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށެވެ.
"އަބުޅޯ ކޯޗު ދަނީ ހަމަ ހުރިހާ ކުދިންވެސް ކޮންޑިޝަނިން ޓްރެއިނިންގް ހަމަ ވަކި ޕްލޭނެއް ހަދާފައި ހުރިހާ ކުދިންނަށްވެސް މިހާރު ދާ ގޮތުން ހުރިހާ ކުދިންވެސް ދަނީ އެއާ އެއްގޮތައް ކުރިއަރަމުން" ޒީކް ބުންޏެވެ.
ޒީކް ބުނީ މި ކާމިޔާބީއާއެކު އޭނާގެ މިހާރުގެ އަމާޒަކީ އަންނަ އަހަރު މި އަށް ވުރެ ބޮޑު ކާމިޔާބީއެއް ހޯދުން ކަމަށެވެ. އަދި، ޒީކް ހުރީ ޕްލޭނާ އެއްގޮތައް އެކަން ވާނެ ކަމުގެ އުންމީދުގައި މަސައްކަތް ކުރުމުގެ އަޒުމާ އެކުގަ އެވެ.
ޓާގެޓް ނުކުރިޔަސް ބުރަ މަސައްކަތުން ޒީކަށް މޮޅު އެތުލީޓުގެ މަގާމު ޓާގެޓް ނުކުރިޔަސް ބުރަ މަސައްކަތުން ޒީކަށް މޮޅު އެތުލީޓުގެ މަގާމު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ