ރައީސް މެލޭޝިއާއަށް ވަޑައިގެންފި

ރައީސްގެ މި ދަތުރުފުޅު ނިންމަވާލައްވާނީ މިމަހުގެ 30 ވަނަ ދުވަހު އެވެ. މިއީ އެ މަނިކުފާނު މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާއަށް ފުރާވަޑައިގެންފި އެވެ.
ރައީސްގެ މިދަތުރުފުޅަކީ ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް ހަރުދަނާ ކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ.ރައީސް އޮފީހުން ބުނީ އެމަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. މި ދަތުރުފުޅުގައި ރައީސް އާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްއާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މި ބައްދަލުވުމުގައި، އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުންދިނުމުގެ މައްޗަށް މަޝްވަރާކުރައްވައި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކާމެދު ހިޔާލުބަދަލުކުރައްވައި، ދެ ގައުމުގެ ބައިވެރިވުން އިތުރުކުރެއްވޭނޭ އިތުރު މަގުތައް ހޯއްދެވުމާމެދު މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.މީގެ އިތުރުން، ދެ ގައުމުގެ ލީޑަރުންގެ ހާޒިރުގައި މުހިންމު ދާއިރާތަކުން އެއްބާރުލުންދިނުމާ ގުޅުންހުރި ފަހުމުނާމާތަކުގައި ސޮއިކުރައްވައި، ނޯޓް އެކްސްޗޭންޖްތައް ކުރިއަށްގެންދިއުމަށް ވަނީ ތާވަލުކޮށްފަ އެވެ. އަދި، އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކުރާ ބިޒްނަސް ފޯރަމްގައި ރައީސް ބައިވެރިވެވަޑައިގަންނަވައި، މެލޭޝިއާގެ އިސް ވުނޭރުންނާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އަށް ޒިޔާރަތްކުރައްވައި އެ ޔުނިވާސިޓީގައި އެމަނިކުފާނު ތަގުރީރު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.ރައީސް އޮފީހުން ބުނީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު އޮޅުންފިލުއްވައި، މަސްލަހަތުތައް ދެނެގަތުމަށް އެމަނިކުފާނު ދެއްވާ ސަމާލުކަމުގެ ދަށުން، މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.ރައީސްގެ މި ދަތުރުފުޅު ނިންމަވާލައްވާނީ މިމަހުގެ 30 ވަނަ ދުވަހު އެވެ. މިއީ އެ މަނިކުފާނު މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ