ނަމާދުގެ ޖަމާޢަތް ތިބާއަށް އިންތިޒާރެއް ނުކުރާނެ! ހަތީވީސްގުނަ ބޭނުންނަމަ އޮތީ ޖަމާއަތަށް ދިއުން!

ޙަޔާތުގެ ދަތުރު ފެށެނީ ކިހާ ހިސާބަކުން؟ ކަމާއިމެދު ސުވާލުކުރާ މީހުންނަށް ބުނެލަން އޮތީ ބާލިޣްވީންސުރެންނެވެ. ބިއްދި ފުރިހަމަވީންސުރެންނެވެ. ނަމާދާއި ދީނުގެ ފަރުޟްޗީންސުރެންނެވެ.
ގިނަބައަކަށް މިފެށެނީ ދަތުރަކަށްކަން ވިސްނެނީ ދަތުރުކުރަން ކޮންމެވެސް އުޅަނދަކަށް އެރުމުންނެވެ. ޚާއްޞަކޮށް ފޮށި ތަންމަތި ހިފައިގެން އެރުނު ނަމައެވެ. އެންމެ ގާތް މީހުން ފުރުވަން އައިސް ތިބިނަމައެވެ. އެހެނަސް ކަމުގެ ޙަޤީޤަތް މުޅިން ތަފާތެވެ.
ދުނިޔެއަށް އައުދެވުނު ވަޤުތުން ފެށިގެން އަހަރެމެން އެންމެންވެސް މިވަނީ ދަތުރެއްގެމަތީގައެވެ. ތިމާ އަމިއްލައަށް ފަށާ ދަތުރުގެ މުއްދަތު ތިމާއަށް ކަނޑައެޅިދާނެއެވެ. ނަމަވެސް ދުނިޔޭގެ ދަތުރުގެ މުއްދަތު ކަނޑައެޅުއްވެވުން ވަނީ ﷲ ގެ ޙަޟްރަތަށެވެ.
ދުނިޔޭގައި މިކުރާ ދަތުރުމަތީގައި ބައްދަލުވާ އެންމެންނަކީ ވިސްނުމުގެ ގޮތުން އެއްގޮތްބައަކަށް ނުވާނެއެވެ. އެއީ އެކަން ނުވެނުދާނެ ގޮތެވެ. ވީމާ އެކަން އެގޮތަށް މެދުވެރިވާނެކަމަށް ޤަބޫލުކުރަންވާނެއެވެ. ދަތުރުގައި ކުރިއަށްދާންވީ ހުރިހާ ވިސްނުމެއްގެ މީހުންނާއިވެސް ބައްދަލުވާނެކަމަށް ޔަޤީންކޮށްގެންނެވެ.
ދަތުރުމަތީގައި ބައްދަލުވާ އެންމެންނަށްވެސް މަރުޙަބާ ކިޔައި ހެޔޮކޮށް ހިތާށެވެ! އެކަމުގެ ތެރެއިން އެމީހުންނަށް ރަނގަޅު ކަންކަން ހުށަހަޅާށެވެ! އިސްލާމް ދީން މަތިވެރިކުރާށެވެ! ތިބާގެ މަސައްކަތުން އެހެން ދީނެއްގެ މީހަކު އިސްލާމްކުރުވިއްޖެ ނަމަ އެކުރެވުނީ އެންމެ ހެޔޮކަންބޮޑުވެގެންވާ ޢަމަލެވެ.
ހަމައެއާއިއެކު ދީނުގެ ކަންކަމަށް ދުރުހެލި މީހަކު ދީނުގެ މަގަށް ކައިރިކުރެވިއްޖެނަމަ އެކުރެވުނީވެސް ހަމަ އެހައިމެ ހެޔޮކަންބޮޑު އަމަލެކެވެ. ދަތުރު ނިމި ބަނދަރުކުރުމުން އެންމެ ފައިދާކުރާނެ އެއްކަންތަކެވެ.
އިސްލާމް ދީން މަތިވެރިކޮށް ދީނަށް ނަޞްރުދޭން މަސައްކަތްކުރުމަކީ ވަކިބައަކު ކުރަންޖެހޭނެ ކަމެއް ކަމަށް ނުދެކޭށެވެ. އެއީ ހަމަ ކޮންމެ މުސްލިމަކުވެސް އެމީހާގެ ފެންވަރުން ކުރަންޖެހޭ ކަމެކެވެ. ކުރުމުން ﷲ ތައާލާގެ ރުހިވޮޑިގަތުން ލިބި ގިނަ ގުނަ މަންފާތައް ދުނިޔެއާއި އާޚިރަތުގައިވެސް ކުރާނެ ކަމެކެވެ. ލިބެން އޮތް ފުރުޞަތު ދޫކޮށްނުލާށެވެ!
މިގޮތުން ކުރެވިދާނެ އެންމެ މުހިންމު އެއްކަމަކީ ބައަކާއިއެކު ހުއްޓައި ނަމާދުވަގުތު ވެއްޖެ ނަމަ، އަވަހަށް ޢިޖާބަ ދިނުމެވެ. މިދަނީ ނަމާދަށް ކަމަށް ބުނާށެވެ! އަދި އެމީހުންގެ ކިބައިންވެސް ނަމާދަށް ދިއުމަށް އެދޭށެވެ. ބައްދަލުވުން ކިތަންމެ މުހިންމު ނަމަވެސް އެހިސާބުން ނިންމައިލާށެވެ! ނަމާދުގެ ޖަމާޢަތް ތިބާއަށް އިންތިޒާރެއް ނުކުރާނެއެވެ. ޖަމާޢަތް ލިބިގަތުމުން އެކަމުގެ ބޮޑު ފައިދާކުރާނެއެވެ. އެކަނިކުރުމަށްވުރެ 27 ގުނަ އިތުރަށް ދެއްވަވާނެއެވެ. ލިބެން އޮތް އެ ބޮޑު ފައިދާ ދޫކޮށްނުލާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ