މާރަންދޫ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ކަންކަމާއި ގުޅޭގޮތުން ރައީސް މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއާއި މުއައްސަސާތަކުގެ އިސްވެރިނާއި ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު މާރަންދޫ ފެނަކަ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި މާރަންދޫ ކައުންސިލުން ވަނީ، ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާކަމާއި ބަނދަރު އެކްސްޓެންޝަން މަޝްރޫޢުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެދިވަޑައިގެން، ރަށުގެ ކުނި މެނޭޖްކުރުމުގައި ހުރި ދަތިތަކާއި ރަށުގެ ކަރަންޓުގެ ޙާލަތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އަދި ރަށުގެ ޞިއްޙީ މަރުކަޒު ލެވެލް ދޭއްގެ ފެސިލިޓީއެއްގެ ގޮތުގައި ހިންގުމަށް ބޭނުންވާ މުވައްޒަފުންނާއި ވަސީލަތްތައް ޤާއިމުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ރަށުގެ ބޮޑު މިސްކިތުގައި ސޯލާ ޕެނަލް ޖެހުމަށް އެހީތެރިވެދިނުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ މާރަންދޫގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްޞާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ