ކުންފުނިތަކުގެ ޑިރެކްޓަރުންނާއި މުވައްޒަފުންގެ މުސާރަތައް 90,000 އަށް ވުރެ ދަށްކުރަން އަންގައިފި

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިބި ޑިރެކްޓަރުންނާއި ޓެކްނިކަލް ނޫން މުވައްޒަފުންގެ މުސާރަތައް 90,000 ރުފިޔާ އަށް ވުރެ ދަށްކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ކުންފުނިތަކަށް އަންގައިފިއެވެ.
އެކަން އިއުލާންކޮށް ޕީސީބީން ނެރުނު ސާކިއުލާގައި ބުނެފައިވަނީ މިއީ ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އަޅަން ނިންމާފައިވާ ފިޔަވަޅެއް ކަމަށެވެ.
ބޭންކުތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން ޓެކްނިކަލް ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ނުހިމެނޭ ގޮތަށް، އެންމެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް އެންމެ ބޮޑުވެގެން ދެވޭނީ 90،000 ރުފިޔާ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަނޑައަޅުއްވާފައެވެ.
އެ ނިންމުމަށް ރިއާޔަތްކޮށް ޕީސީބީން ވަނީ މި އަހަރުގެ 1 ވަނަ ދުވަހުން ފެށިގެން ދެ އަހަރު ދުވަހުގެ މުއްދަތައް އެގޮތަށް އަމަލު ކުރުމަށް އަންގާފައެވެެ.
ޕީސީބީން އަންގާފައިވަނީ އެއްވެސް ޑިރެކްޓަރެއް ނޫނީ މުވައްޒަފެއްގެ މުސާރަ 90,000 އަށް ވުރެ އިތުރުވާ ހާލަތްތަކުގައި މުސާރަ ދޭން ޖެހެނީ އިތުރުވާ ބައި ޑިޑަކްޝަންގެ ގޮތުގައި އުނިކުރުމަށް ފަހު ކަމަށެވެ.
މި ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވީ މި އަހަރަށް ފާސްކުރި ބަޖެޓާއެކު މިދިޔަ އޮކްޓޯބަރު މަހުއެވެ. އެގޮތުން، އޭރު ރައީސް މުއިއްޒު ވަނީ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ މުސާރައިން 10 ޕަސެންޓު އުނިކުރުމަށާއި، ބޭންކުތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓު އުނިކުރުމަށް ނިންމަވާފައެވެ.
މީގެއިތުރުން މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓު އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށާއި، ޝަރުއީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 10 ޕަސެންޓު އުނިކުރުމަށް އެ ފަރާތްތަކުގައި އެދުމަށްވެސް އެމަނިކުފާނު ނިންމެވިއެވެ.
ހަރަދު ކުޑުކުރަން މުސާރަތަކަށް ގެންނަ ބަދަލުތަކުން 12,000 ރުފިޔާއަށް ވުރެ ދަށުން ލިބޭ މުވައްޒަފުން އިސްތިސްނާ ވާނެއެވެ.
ޕީސީބީން ނެރުނު ސާކިއުލާގައި ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކާއި ޝަރުއީ ދާއިރާގައި މުސާރަތަކުގެ ވާހަކަ ބަޔާންކޮށްފައެއް ނުވެއެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި އެކަމާ ގުޅޭ ތަފްސީލްތައް އެ ބޯޑުން އާންމުކުރާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ