އޭނާގެ ފޯމާއި ކުރިމަގާ ބެހޭ ގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދޭން އިންޑިޔާގެ ކްރިކެޓް ކެޕްޓަން ރޯހިތް ޝަރުމާ ދެކޮޅު ހަދައިފި އެވެ.
ނޫސްވެރިންގެ ސުވާލަކަށްވީ މި މަހު 19ގައި ފަށާ ޗެމްޕިއަންސް ޓްރޮފީ އަށް ފަހު އެއް ދުވަހުގެ މެޗުތަކުން ނުވަތަ ޓެސްޓް ކްރިކެޓް ކުޅުން އޭނާ ހުއްޓާލާނެތޯ އެވެ؟ ނުވަތަ އޭނާ އަށް އަލުން ފޯމަކަށް އައިސް ކުޅެވިދާނެ ކަމުގެ ޔަގީންކަން އޮތީ ކިހާ ވަރަކަށްތޯ އެވެ؟
މި ސުވާލުތަކުގެ ޖަވާބުދޭން ދެކޮޅު ހަދަމުން ޝަރުމާ ބުނީ "ތިޔައީ ކޮން ކަހަލަ ސުވާލެއް؟" ތޯ އެވެ.
"ކްރިކެޓްގައި ތަފާތު ފޯމެޓްތައް އެބަހުރި. ކޮންމެ ފޯމެޓެއްގައި ވެސް ކުޅުންތެރިއަކަށް ރަނގަޅު ދުވަސްތަކަކާއި ގޯސް ދުވަސްތައް އަންނާނެ. އަހަރެން ކުޅުން ހުއްޓާލާ ވާހަކަ ދެކެވޭތާ ވަރަށް ދުވަސްވެއްޖެ. އެހެންވީމާ ތިޔަ ކަހަލަ ވާހަކަތަކަށް ދޭނެ މާބޮޑު ޖަވާބެއް ނެތް،" ރޯހިތް ބުންޏެވެ.
އިންޑިޔާގެ ކެޕްޓަން ވަނީ މިދިޔަ އަހަރުގެ ޓުވެންޓީ20 ކްރިކެޓް މުބާރާތަށް ފަހު 20 އޯވަރުގެ މެޗުތައް ކުޅުން ހުއްޓާލައިފަ އެވެ. ނަމަވެސް މިހާރު ސުވާލު އުފެދިގެން އުޅެނީ ޓެސްޓް ކްރިކެޓްގައި އޭނާގެ ފޯމު މާބޮޑަށް ދަށްވުމާއި އެއް ދުވަހުގެ މެޗުތަކުގައި ވެސް މި ފަހުން އެންމެ އެކަށީގެންވާ ވަރަށް ނުކުޅެވޭތީ އެވެ. ނަމަވެސް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދޭން އިންކާރުކޮށް ޝަރުމާ ބުނީ އޭނާގެ ފޯކަސް ހުރީ ޗެމްޕިއަންސް ޓްރޮފީ މުބާރާތަށް ތައްޔާރުވާން އިންގްލޭންޑާއެކު ކުޅޭ މެޗަށް ކަމަށެވެ.
"އަހަރެންގެ ފޯކަސް މި ހުރީ މި މެޗަށް. އަހަރެން މިތަނުގައި މިއިނީ ތިޔަ ފަދަ ސުވާލުތަކަށް ޖަވާބުދޭކަށް ނޫން. އަހަރެންގެ ކެރިއަރާމެދު ދައްކާ ވާހަކަތަކަށް ސާފު ކޮށްދޭކަށް ވެސް ނޫން.
"ކޮންމެ ދުވަހަކީ ވެސް އާ ދުވަހެއް. ކޮންމެ މެޗަކީ އާ މެޗެއް. އަހަރެންގެ ކެރިއަރުގައި ވެސް ވަރަށް ގިނަ ރަނގަޅު ކަންކަން ހިނގައިފި. އަހަރެންނަށް ވެސް އެންމެ ރަނގަޅު ގޮތަކީ ފަހަތަށް ނުބަލައި ކުރިމަގަށް ވިސްނުން. ޗެމްޕިއަންސް ޓްރޮފީ އަށް އަހަރެން މިދަނީ ވަރަށް އުއްމީދާއެކު ތައްޔާރުވަމުން،" ރޯހިތް ބުންޏެވެ.
ޗެމްޕިއަންސް ޓްރޮފީގައި އިންޑިޔާ ހިމެނެނީ ގްރޫޕް އޭ ގަ އެވެ. މި ގްރޫޕުގައި ހިމެނެނީ މުބާރާތް ބާއްވާ ޕާކިސްތާނާއި ބަނގްލަދޭޝް އާއި ނިއުޒީލޭންޑެވެ. މީގެ ތެރެއިން އިންޑިޔާގެ މެޗުތައް ކުޅޭނީ ޑުބާއީގަ އެވެ. އެއީ އިންޑިޔާ ސަރުކާރުން އެ ގައުމުގެ ޓީމު ޕާކިސްތާނަށް ދާން ހުއްދަ ނުދޭތީ އެވެ.
ތިޔައީ ކޮން ކަހަލަ ސުވާލެއް؟: އިންޑިޔާގެ ކެޕްޓަން ޖަވާބު ދޭން ދެކޮޅު ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ