ޗައިލްޑް ޓްރެފިކަރު އެޕްސްޓީން އާއެކު ވަހީދު ގާތް ގުޅުމެއް ބާއްވާ، ބައްދަލުކުރިކަން ފަޅާއަރައިފި ޗައިލްޑް ޓްރެފިކަރު އެޕްސްޓީން އާއެކު ވަހީދު ގާތް ގުޅުމެއް ބާއްވާ، ބައްދަލުކުރިކަން ފަޅާއަރައިފި

ރައީސް މުހައްމަދު މުއިއްޒުގެ އެޑްވައިޒަރު، ކުރީގެ ރައީސް މުހައްމަދު ވަހީދު އާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ބޮޑު ރިންގެއް ހިންގަމުންދިޔަ ޖެފްރީ އެޕްސްޓީން އާއެކު ގާތް ގުޅުމެއް ބާއްވާ، އޭނާ އާއި ބައްދަލުކުރިކަން ފަޅާ އަރައިފި އެވެ.
ވަހީދު އެޕްސްޓީން އާއި ދެމެދު ބައްދަލުކުރި އީމެއިލްތަކެއް ހާމަވެފައިވަނީ، އެމެރިކާ ކޮންގްރެސްގެ ހައުސް އިންސައިޓް ކޮމިޓީން އަލަށް އާންމުކުރި 20،000 ފައިލްގެ ތެރޭގައި އެ މުއާމަލާތްތައް ހިމެނިފައިވާތީ އެވެ.
ޖެނުއަރީ 27، 2013 ގައި ވަހީދު އެޕްސްޓީން އަށް ފޮނުވި އީމެއިލް އެއްގައި، އެޕްސްޓީން އަކީ ވަހީދުގެ "ސޭވިއާ" ނުވަތަ ސަލާމަތްކޮށްދޭ ފަރާތް ކަމަށާއި އެމަނިކުފާނު އަމަލުކުރާނީ އެޕްސްޓީން އަންގާ ގޮތަކަށް ކަމަށް ވިދާޅުވެފައިވެ އެވެ.
އޭގެ ދުވަހެއް ކުރިން ވަހީދު ވަނީ އެމަނިކުފާނުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ހަތަރު ބިލިއަން ރުފިޔާގެ ލޯނެއް، ކާކުކަން ނޭނގޭ ފަރާތަކުން ހޯދާފައިވާ ކަމަށް ބުނެ އެކަމުގައި ކުރިއަށް ދާނެ ގޮތުގެ ލަފަޔަކަށް އެދިފަ އެވެ. އަދި، ލޯނު ހޯދުމަށް ގަބޫލުކުރަން ދަތި ކަންކަން ކުރަން ހުށަހަޅާފައިވާ ކަމަށް ވެސް ވަހީދު ލިޔުއްވާފައިވެ އެވެ.
އެކަމުގެ ފަހަތުގައި އޭނާގެ ސިޔާސީ ވާދަވެރިން ތިބި ކަމަށް ތުހުމަތުކޮށް ވަހީދު ވަނީ މިކަމުގައި ކަން ކުރަންވީ ކިހިނެތްތޯ އެޕްސްޓީން ކައިރި ސުވާލުކުރައްވާފަ އެވެ.
ޖަވާބުގައި އެޕްސްޓީން ބުނީ ބެލެވޭ ގޮތުގައި އެ ލޯނަކީ "ސްކޭމް" އެއް ނުވަތަ ފްރޯޑެއް ކަމަށެވެ. ވަހީދު ޝުކުރު އަދާކުރެއްވި އެ ޖަވާބާއެކު އެވެ.
މީގެ އިތުރުން، އޭރު ބޯމަތިވެފައިވާ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގައި ވެސް އެޕްސްޓީންގެ އެހީއަށް ވަހީދު އެދިފައިވެ އެވެ. އެގޮތުން، ބޭރުގެ މީޑިއާއިން ވަހީދުގެ ސަރުކާރާމެދު ދެކޭގޮތް ބަދަލުކުރަން ބޭނުންވާކަން އޭނާގެ މެއިލްތަކުގައި ފާހަގަކުރައްވާފައިވެ އެވެ.
ވަހީދު އެހީތެރިކަމަށް އެދުމުން އެޕްސްޓީން ޖަވާބުގައި ބުނެފައިވަނީ ކެމްޕޭންގެ ކަންކަން ކުރުމަށް އަދި ބައިނަލްއަގުވާމީ ސަޕޯޓު ހޯދުމަށް ވަހީދު އަށް އެންމެ ރަނގަޅަށް އެހީތެރިވެދެވޭނެ ކަމަށް ދެކެނީ ސްވިޑަންގެ ޑިޕްލޮމެޓެއް ކަމަށްވާ ލީސާ ސްވެންސަން އަށް ކަމަށެވެ.
ވަހީދު ވަނީ، ކެމްޕޭނުގެ ކަންކަން ރޭވުމަށް ލީސާ ރާއްޖެއަށް އާދެވޭނަމަ އެކަން ހަމަޖައްސައިދޭން ވެސް އެދިފަ އެވެ. އެއާއެކު އެޕްސްޓީން ވަނީ އޭރު ސްވިޑަންގެ ބޮޑުވަޒީރު، ތޯބަން ޖަގްލަންޑް އަކީ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށް ބުނެފަ އެވެ.
އެޕްސްޓީން އާއި ރާއްޖޭގެ ކުރީގެ ރައިސަކާ އެކު ބައްދަލުވުމެއް ތާވަލުކުރިކަން އޮގަސްޓު މަހު ހާމަވީ ލީކުކޮށްލި އިޒްރޭލުގެ ބޮޑުވަޒީރުކަން 1999 އިން 2001 އަށް ކުރި އިހުދު ބަރާކްގެ އީމެއިލްތަކަކުންނެވެ. އޭރު އެއީ ކޮން ރައީސެއް ކަމެއް ކަށަވަރެއް ނޫނެވެ.
އެ މެއިލްގެ ތާރީހަށް ބަލާއިރު ރާއްޖޭގައި ރައީސަކަން ކުރެއްވި ތިން ބޭފުޅަކު ތިއްބެވި އެވެ. އެއީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ވަހީދު އެވެ. މެއިލްތަކާއެކު ނަޝީދު ވަނީ އެޕްސްޓީން އާއި ބައްދަލުކުރީ އެމަނިކުފާނު ނޫން ކަމަށް ވިދާޅުވެފަ އެވެ.
އޭގެ ފަހުން ހާމަވި އިތުރު މެއިލްތަކަކުގައި ހުރި މައުލޫމާތުން ވަހީދުގެ ވެރިކަމުގައި ދިވެހި ސަރުކާރަށް 500 މިލިއަން ޑޮލަރުގެ ލޯނެއް ހަމަޖައްސައިދިނުމަށް އެޕްސްޓީންގެ އެހީތެރިކަން ހޯދިކަން ވަނީ ފަޅާއަރާފަ އެވެ.
ވަހީދު، އެޕްސްޓީން އާއި ބައްދަލުކުރިކަން ކަށަވަރު ވަނީ ޖެނުއަރީ 18، 2013 ގައި ފޮނުވާފައިވާ އީމެއިލް އަކުންނެވެ. އެ މެއިލް ގައި ބުނެފައިވަނީ ސްވިޑެންގެ ކުރީގެ ބޮޑުވަޒީރު ތޯބަން ޖަގްލަންޑް އާއި އެމަނިކުފާނާއި އެޕްސްޓީން ގެ ގެއަށް އެންމެ ފަހުން ދިޔައިރު ބައްދަލުވި ކަމަށެވެ. އެޕްސްޓީންގެ ގެއަށް ވަހީދު ވަޑައިގެންނެވީ "ސުލްތާން" އާއެކު ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
--
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ކަމުގެ ތުހުމަތުގައި އެޕްސްޓީންއާ ދެކޮޅަށް ތަހުގީގު ފެށީ 2005 ވަނަ އަހަރު އެވެ. ޖޫން 2008 ގައި އޭނާގެ މައްޗަށް 18 މަސްދުވަހު ޖަލު ހުކުމެއް އިއްވިއިރު 13 މަސްދުވަހަށް ފަހު އޭނާ މިނިވަންވި އެވެ. އެހެންކަމުން ރާއްޖޭގެ ކުރީގެ ރައީސަކު އެޕްސްޓީން އާއެކު ބައްދަލުވުމެއް ބޭއްވިނަމަ އެ ބައްދަލުވުމެއް ބާއްވާފައިވަނީ އޭނާގެ މައްޗަށް ކުޑަކުއްޖަކަށް ހަށި ވިއްކުމަށް މަޖުބޫރު ކުރުވުމުގެ ކުށް ސާބިތުވެފައި ވަނިކޮށެވެ.
ޖުލައި 2019، ގައި ސެކްސް ޓްރެފިކިން ތުހުމަތުގައި އޭނާ އަލުން ހައްޔަރުކުރި އެވެ. އަދި، ޖެހިގެން އައި އޮގަސްޓު މަހުގެ 10 ވަނަ ދުވަހު ޖަލު ގޮޅީގައި ހުއްޓައި އޭނާ ކުއްލި ގޮތަކަށް މަރުވި އެވެ. އެއަށް ފަހު އޭނާގެ މައްޗަށް ކުރި ދައުވާތައް އަނބުރާ ގެންދިޔަ އެވެ.
އެމެރިކާގެ ކޮންގްރެސްގެ ހައުސް އޯވަސައިޓް ކޮމިޓީން އެޕްސްޓީން އާއި ގުޅުންހުރި ލިޔެކިޔުންތައް އާންމުކުރަން ނިންމީ އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އެޕްސްޓީން އާއި އޮތް ގާތް ގުޅުމާމެދު ކުރެވޭ ތުހުމަތުތަކާއެކު ކުރިމަތިވަމުންދާ ޕްރެޝަރާއެކު އެވެ. މި ލިޔެކިޔުންތައް އާންމުކުރަން ފާސްކުރީ ޓްރަމްޕުގެ ޕާޓީއަށް ނިސްބަތްވާ ބައެއް ކޮންގްރެސް މަނުންގެ ވޯޓާއެކު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ