އައްޑޫގެ ރަށްތައް ބައިބައިވާން ޖެހޭ ސަބަބެއް ނުވިސްނޭ: ހަސަން ސައީދު
އައްޑޫގެ ރަށްތަކާއި އަވަށްތައް ގުޅިގެން މިހާރު އުފައްދާފައި އޮތް ސިޓީ ކައުންސިލުގެ ނިޒާމު ފުނޑުފުނޑުކޮށްލައި، ބައިބައިވާން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް އެ އަތޮޅު ފޭދޫއަށް ނިސްބަވްތާ ކުރީގެ ބަންޑާރަ ނައިބު ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.ދުވަސްތަކަކަށްފަހު ހަސަންގެ އިލްތިމާސެއް އައިސްފައި މިވަނީ އައްޑޫ ސިޓީގެ ތިން ރަށް ކަމަށްވާ ފޭދޫ، ހުޅުދޫ އަދި މީދޫގައި ރަށު ކައުންސިލް ހެދުމަށް ފެނޭތޯ މިމަހުގެ 25 ވަނަ ދުވަހު އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހަމަޖެހިފައި ވަނިކޮށެވެ.ވޯޓާ ދިމާކޮށް ހަސަން ސައީދު އާންމުކުރެއްވި ސިޓީއެއްގައި ވިދާޅުވީ މިވަގުތު ރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއް ނުވަތަ އަތޮޅެއްގައިވެސް އަމިއްލަ ފަރާތަކުން ހިންގާ އެންމެ ބޮޑު މަޝްރޫއު ހިންގަނީ އައްޑޫގައި ކަމަށާއި އެއީ 1،000 ޓޫރިސްޓު އެނދު އުފެއްދުމުގެ މަޝްރޫއު ކަމަށެވެ.އެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ބޭފުޅެއްގެ ހައިސިއްޔަތުން ހަސަން ވިދާޅުވީ އަންނަ އަހަރު ފޭދޫގެ ޓޫރިޒަމް ޒޯނުގައި އެކަނިވެސް 536 ޓޫރިސްޓް އެނދާއި ރާއްޖޭގެ އެންމެ ބޮޑު އެއް ރެސްޓޯރަންޓާއި ޖިމްނޭޒިއަމްގެ އިތުރުން ސްޕާ އާއި ޑައިވިން ސެންޓަރާއި ވޯޓާ ސްޕޯޓްސް ފަދަ ހިދުމަތްތައް ލިބެން ހުންނާނެ ކަމަށެެވެ. ހަސަން ވިދާޅުވި ގޮތުގައި 20 އަހަރު ކުރިން އެ އަތޮޅުގައި ދެ ރިސޯޓު ހުޅުވާ ހިދުމަތް ދިނަސް އެތަންތަން މިހާރު ވަނީ ބަންދުކޮށްފަ އެވެ. މިވަގުތު މުޅި އަތޮޅުގައި ވެސް ހިދުމަތް ދެމުންދަނީ އެންމެ ރިސޯޓަކުންނެެވެ. އަދި 2005 ގައި އެންމެ 75 ކޮޓަރި އަޅަން އެވޯޑުކުރި ހަންކެޑެ ވެސް އަދިވެސް ތަަރައްގީ ނުކުރެވޭ ކަމަށާއި އަދި ރިސޯޓު ހެދުމަށް ހިއްކި ރަށަކަށް ޝައުގުވެރިވާނެ ފަރާތެއް ވެސް ނެތް ކަމަށް އެ ސިޓީގައިވެ އެވެ.އެހެންވެ، ގޮންޖެހުންތަކާއެކު ވެސް އަތޮޅު ކުރިއެރުވުމަށް ބަޔަކު މަސައްކަތް ކުރަމުން ދާއިރު އެކަމަށް ހައްލު ހޯދަން މަސައްކަތްކުރުމުގެ ބަދަލުގައި ރަށްރަށާއި އަވަށާއި މީހުން ޖެހި، ޒުވާބުކޮށް މާރާމާރީ ހިންގާ ހިސާބަށް ގެންދަން އުޅެނީ ކޮން ކަމެއް ނުވެގެންތޯ ހަސަން ސުވާލު އުފެއްދެވި އެވެ."މި ފަދަ ބޮޑެތި ގޮންޖެހުންތަކާއެކު އަތޮޅަށް ނިސްބަތްވާ ބަޔަކު އިސްވެ އަތޮޅުގެ ޓޫރިޒަމް ކުރިއަރުވަން ބޮޑެތި ގުރުބާނީތައް ވަމުންދާއިރު އެކަންކަމަށް ގުޅިގެން ހައްލު ހޯދަން މަސައްކަތް ކުރުމުގެ ބަދަލުގައި ރަށްރަށާއި އަވަށާއި މީހުން ޖެހި، ޒުވާބުކޮށް މާރާމާރީ ހިންގާ ހިސާބަށް ގެންދަންޖެހިގެން މިއުޅޭނީ ކޮންކަމެއް ނުވެގެންތޯ؟،" އޭނާ ލިޔުއްވާފައި ވެ އެވެ.އައްޑޫގެ ރަށްތައް ކައުންސިލުން ވަކިވާ ވޯޓު ނަގަނީ ފޭދޫގެ އިތުރުން ހުޅުދޫ އާއި މީދޫގަ އެވެ. މި ހުރިހާ ރަށެއްގައި ވޯޓު ނަގަނީ ސިޓީ ކައުންސިލުން ވަކިވެ، އަމިއްލަ ރަށު ކައުންސިލެއް އުފައްދާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ