ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ހައްޖު ވިސާ ދޫނުކުރަން ސައުދީ ސަރުކާރުން ނިންމާފައިވާ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވީ ބޮޑެތި ބަލިތައް ހުންނަ ފަރާތްތަކަށް ވިސާ ދޫނުކުރާނެކަން ސައުދީ ހައްޖު މިނިސްޓްރީގެ ފަރާތުން އިއްޔެ އަންގާފައިވާ ކަމަށެވެ. ބޮޑެތި ބަލިތަކުގެ ތެރޭގައި ފާހަގަކޮށްފައިވަނީ ހިތުގެ ބަލިތަކާއި، ކިޑްނީ ބައްޔާއި ޑަޔަލިސިސް ހަދާ ފަރާތްތަކާއި އަދި ނާރުގެ ބޮޑެތި ބަލިތަކާއި ހަނދާން ނެތޭ ބަލި ހުންނަ ފަރާތްތައް ކަމަށް ޝަކީލު ވިދާޅުވި އެވެ.
ޝަކީލް ވިދާޅުވީ މި އެންގުމާ ގުޅިގެން ހައްޖަށް ދިޔުމަށް ފުރުސަތު ލިބޭ މީހުންގެ މެޑިކަލް ކަންކަން ފުރިހަމަކުރުމަށްފަހު އެ ހުރިހާ މައުލޫމާތެއް ސައުދީ ހައްޖު މިނިސްޓްރީއާ ހިއްސާކުރަންޖެހޭ ކަމަށެވެ. އެގޮތުން ހައްޖަށް ދިޔުމަށް ފުރުސަތު ލިބޭ ފަރާތްތަކަށް ކުރީ ބައިގައި މެޑިކަލް ޓެސްޓުތައް ހެދުމަށް އަންގަމުންދާ ކަމަށާއި އަދި އެ ޓެސްޓުތައް ޙައްޖު ކޯޕަރޭޝަންގެ މެޑިކަލް ޓީމުތަކުން ބަލައި، އިތުރު ޓެސްޓް ހަދަންޖެހޭނަމަ އެ ޓެސްޓުތައް ހެދުމަށް އަންގާނެ ކަމަށް ޝަކީލު ވިދާޅުވި އެވެ.
"ވިސާ ދޫކުރުން މިއީ ސަރުކާރުން އަދި ހައްޖު ކޯޕަރޭޝަނުން ކުރާނެ ކަމެއް ނޫން. އެއީ ސައުދީ އަރަބިއްޔާގެ އެކަމާ ގުޅޭ މުއައްސަސާތަކުން އެކަން ކުރާނީ. އެހެން ނަމަވެސް އެ ބޭފުޅުންގެ އެބަހުރޭ ޝަރުތުތަކެއް ކަނޑައަޅާފައި، އެ ޝަރުތުތައް ފުރިހަމަ ނުވާނަމަ ހައްޖު ވިސާ ނުލިބޭނެ،" ޝަކީލު ވިދާޅުވި އެވެ.
ހައްޖުގެ ފުރުސަތު ލިބިފައިވާ މީހާއަށް ބޮޑު ބައްޔެއްގެ ސަބަބުން ހައްޖު ވިސާ ނުލިބޭކަން ސައުދީ ހައްޖު މިނިސްޓްރީން އަންގައިފި ހާލަތެއްގައި، އެމީހަކު ބޭނުންވާ އެހެން މީހަކަށް އެ ފުރުސަތު ދެވޭނެ ކަމަށްވެސް ޝަކީލު ވިދާޅުވި އެވެ.
ބޮޑެތި ބަލިތަކުގެ މީހުންނަށް ހައްޖު ވިސާ ދޫނުކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ