ގިނަ އަހަރުތަކަކަށް ފަހު ދިއާ މިރްޒާގެ ލޯބީގެ ފިލްމެއް

ދެހާހުގެ އަހަރުތަކުގެ ތެރޭ ބޮލީވުޑްގެ ފިލްމުތަކުން ފެނުނު ބަތަލާ ދިއާ މިރުޒާ އަހަރުތަކަކަށް ފަހު ލޯބީގެ ފިލްމަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ބޮލީވުޑް ހަންގާމާގައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ދިއާއާ އެކު މި ފިލްމުގައި އެކްޓަރެއްގެ ރޯލް ކުޅޭނީ ރާހުލް ބަޓްއެވެ. ވަކި ނަމެއް ހަމަޖެހިފައިނުވާ މި ފިލްމަކީ އިންޑިއާ ދަރިކޮޅުގެ ޖަރުމަންގެ ޑައިރެކްޓަރު ކަންވަލް ސޭތީ ލިޔެ ޑައިރެކްޓްކުރާ ފިލްމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ދިއާއާއި ރާހުލް އެކީގައި ފުރަތަމަ ފަހަރަށް މަސައްކަތްކުރާ މި ފިލްމުގެ މަސައްކަތް ވަރަށް އަވަހަށް ފަށަން ތައްޔާރުވަމުން އަންނައިރު ފިލްމުގެ ކާސްޓުން ހަމަޖެހުނުހާ އަވަހަކަށް ފިލްމުގެ ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ފިލްމީ ރިޕޯޓުތައް ބުނެއެވެ. ފިލްމީ ތަރިން ކަމަށްވާ ރާހުލް ބަޓް އަދި ދިއާ މިރުޒާ--ފޮޓޯ/ބޮލީވުޑްހަންގާމާ ފިލްމު "ރެހެނާ ހޭ ތެރޭ ދިލް މޭ"އިން ބޮލީވުޑަށް ތައާރަފުވި ދިއާ އެންމެ ފަހުން ލީޑް ބަތަލާގެ ރޯލް ކުޅެފައިވަނީ 2010 ވަނަ އަހަރު އެކްޓަރު އަރުޝަދު ވާރްސީ ޑައިރެކްޓްކޮށް ގެނެސްދިން ފިލްމު "ހަމް ތުމް އޯރް ގޯސްޓް"އިންނެވެ. މި ފަހަކަށް އައިސް ދިއާ ގިނައިން ފެނިފައި ވަނީ މުޅިންވެސް ސަޕޯޓިންގް ރޯލްތަކުންނެވެ. އޭގެ ތެރޭގައި ދަރުމާ ޕްރޮޑަކްޝަންސްގެ ފިލްމު "ނާދާނިޔާން"، 2023ވަނަ އަހަރު ރިލީޒްކުރި ޑްރާމާ ފިލްމު "ދަކް ދަކް"، "ބީޅް" ، "ތައްޕަޅް" އަދި ފިލްމު "ސަންޖޫ" ހިމެނެއެވެ. ދިއާއާ އެކު ލޯބީގެ ފިލްމަކަށް ތައްޔާރުވަމުން އަންނަ ރާހުލް ބަޓްއަކީ މީގެ އަހަރުތަކެއް ކުރިން ސޮނީއިން ގެނެސްދިން މަގުބޫލު ސިލްސިލާ "ހީނާ"އިން ބެލުންތެރިންގެ މެދުގައި ބޮޑު މަޝްހޫރުކަމެއް ހޯދި އެކްޓަރެކެވެ. ރާހުލް އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ޑައިރެކްޓަރު އަނޫރާގް ކަޝްޔަޕްގެ ފިލްމު "ކެންނެޑީ"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ