ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ހުށަހަޅާފައިވާ މައްސަލަތަކެއް ބަލައި، މުސާރަ އާއި އިނާޔާތްތައް ނުލިބޭގޮތަށް ތިން މަސް ދުވަހުގެ މުއްދަތަކަށް ހޯރަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ވަހީދު ސަސްޕެންޑުކޮށްފި އެވެ.
އެލްޖީއޭ އިން މިއަދު ބުނީ ހޯރަފުށީ ކައުންސިލާ ގުޅޭ އެ އިންކުއަރީ ކުރިއަށްގެންދިއުމުގައި އެ ކައުންސިލުގެ މެންބަރުންނަށް ލިޔުމުން ޖަވާބުދާރީވުމަށް ރަސްމީ ހަތް ދުވަހުގެ ފުރުސަތު ދީފައިވާނެ ކަމަށެވެ.
އަދި މައްސަލައާ ގުޅޭގޮތުން ކައުންސިލުގެ ހުރިހާ މެންބަރުންނާއި، ހޯރަފުށީ ކައުންސިލުގެ އިދާރާގައި، ހުށަހެޅިފައިވާ މައްސަލަތަކާ ގުޅުން ހުރި މަސަކަތްތައް ކުރާ މުވައްޒަފުންގެ ބަޔާން ނަގައި މައްސަލަތަކާ ގުޅޭ މައުލޫމާތު ސާފުކޮށްފައިވާނެ ކަމަށާއި އެ މައްސަލަތަކާ ގުޅޭ މައުލޫމާތާއި ލިޔެކިޔުންތައް ކައުންސިލުގެ އިދާރާއިން ހޯދާފައިވާނެ ކަމަށް އެލްޖީއޭ އިން ބުންޏެވެ.
އަދި ހޯރަފުށީ ކައުންސިލުގެ އިންކުއަރީން ފާހަގަކުރެވުނު ކަންކަމުގެ ބަޔާނާ މެދު ޖަވާބުދާރީވުމަށް ރަސްމީ ހަތް ދުވަހުގެ ފުރުސަތެއް ހޯރަފުށީ ކައުންސިލުގެ މެންބަރުންނަށް ދީފައިވާނެ ކަމަށާާއި ޖަވާބުދާރީވުމަށް ދިން ފުރުސަތުގައި، އެ ކައުންސިލުން އިންކުއަރީ ރިޕޯޓަށް ޖަވާބުދާރީ ވެފައިވާ ކަމަށް އެލްޖީއޭ އިން ބުންޏެވެ.
އެލްޖީއޭ އިން ބަލާފައިވަނީ، ހޯރަފުށީ ކައުންސިލުން، ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް ގާނޫނާއި ގަވާއިދާ ހިލާފަށް ކޮރަޕްޝަނަށް މަގުފައިވާގޮތަށް 5000 އަކަފޫޓުގެ ބިމެއް ދީފައިވާ ކަމަށްބުނެ އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ ޝަކުވާއާއި، އެ ކައުންސިލުން ލާމަރުކަޒީ ގާނޫނާއި ލޯކަލް ކައުންސިލުގެ އާންމު އިޖުރާއީ ގަވާއިދާ، އަދި މާލިއްޔަތު ގަވާއިދާ ހިލާފަށް ކަންކަން ކުރަމުންދާ ކަމަށްބުނެ އެ އޮތޯރިޓީއަށް ހުށަހެޅިފައިވާ ޝަކުވާތަކާއެކު ޖުމުލަ އަށް މައްސަލައެކެވެ. އެ މައްސަލަތަކަކީ؛
– ތިލަ އުތުރު އަންހެނުންގެ ވޮލީ މުބާރާތް 2025 ބޭއްވުމުގައި މާލިއްޔަތު ގަވާއިދާ ހިލާފާށް ހޯރަފުށީ ކައުންސިލުން ހަރަދުކޮށްފައިވާ މައްސަލަ
ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން (ލޭންޑް ޔޫޒްޑް ޕްލޭން) އާ ހިލާފަށް ހޯރަފުށީ ކައުންސިލުން ރަށުގެ ގޯތިތަކާއި އިންވެގެން އޮންނަ ހުސް ބިންތައް، އެ ގޯތިތަކަށް އިތުރުކޮށްދީފައިވާ މައްސަލަ
– މާލިއްޔަތު ގަވާއިދާ ހިލާފަށް 2023 ވަނަ އަހަރު ހޯރަފުށީ ކައުންސިލުން ރަށުގެ ބަނދަރު ސަރަހައްދުގައި އިންދުމަށް ކަދުރު ރުއްތަކެއް ގަނެފައިވާ މައްސަލަ
1446 ވަނަ އަހަރު އަޟްހާ އީދު ކުޅިވަރާއި، ސްޓޭޖުލައިޓް އަދި ސްޓޭޖުގެ ކަންކަން ކުރުމަށް މާލިއްޔަތު ގަވާއިދާ ހިލާފަށް ހޯރަފުށީ ކައުންސިލުން ހަރަދުކޮށްފައިވާ މައްސަލަ
– ހޯރަފުށީ ކައުންސިލުގެ ޕްރޮކިއުމަންޓް ކަންތަކުގައި އުޅޭ މުވައްޒަފުން ބިޑް ކޮމެޓީގައި ތިބޭ ކަމަށްބުނެ އެލްޖީއޭއަށް ހުށަހެޅިފައިވާ މައްސަލަ
– މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހޯދުމަށް އެދޭ މައުލޫމާތު ހޯރަފުށީ ކައުންސިލުން ފޯރުކޮށް ނުދޭ މައްސަލަ
– 1446 ވަނަ އަހަރުގެ އަޟްހާ އީދަށް ރަށުތެރެ ދިއްލާ ޒީނަތްތެރިކުރުމަށް ބޭނުންވާ ލައިޓް ގަތުމަށް ސްޕްލިޓްކޮށްގެން ގިނަ އަދަދެއްގެ ފައިސާތަކެއް މާލިއްޔަތު ގާނޫނާއި ގަވާއިދާ ހިލާފަށް ދޫކޮށްފައިވާކަމާއި އަދި އެތަކެތި ކައުންސިލަށް ލިބިފައި ނުވާ މައްސަލަ
އެލްޖީއޭ އިން ބުނީ ހޯރަފުށީ ކައުންސިލާ ގުޅޭގޮތުން އެ އޮތޯރިޓީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ހިންގި އިންކުއަރީން، ގާނޫނުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކުރުމާއި، ވާޖިބު އަދާކުރުމުގައި އިހުމާލުވުމާއި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކައުންސިލަރުންގެ އަމަލުތައް ބަހައްޓާފައިވާކަން އެނގެން އޮތް ކަމަށެވެ.
އަދި އެ އޮތޯރިޓީގެ އެންގުމަށް އަމަލުނުކުރަން ކައުންސިލުގެ ޖަލްސާއަކުން ނިންމާފައިވާކަން އެނގެން އޮތަތީ، އެ އިންކުއަރީން ފާހަގަކުރެވިފައިވާ ކަންކަމުގެ ކުޑަބޮޑު މިނާއި، ހޯރަފުށީ ކައުންސިލާ ގުޅޭގޮތުން އެ އިންކުއަރީން ފާހަގަކުރެވިފައިވާ ކަންކަމުގެ ސަބަބުން ކައުންސިލަށާއި ލާމަރުކަޒީ ނިޒާމަށް ނުހަނު ގެއްލުން ލިބޭނެކަމަށް ފެންނާތީ ފިޔަވަޅުތައް އަޅާ ކަމަށް އެލްޖީއޭ އިން ބުންޏެވެ.
އެ އިންކުއަރީއަށްފަހު އެލްޖީއޭ އިން ވަނީ ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު މުސާރައާއި އިނާޔަތް ނުލިބޭގޮތަށް ތިން މަސް ދުވަހުގެ މުއްދަތަށް މަގާމުގެ މަސްއުލިއްޔަތުން ވަގުތީގޮތުން ސަސްޕެންޑުކުރުމަށް ނިންމައިފައެވެ. އޭގެ އިތުރުން ހޯރަފުށީ ކައުންސިލުގެ ނައިބު ރައީސް އަހުމަދު އިމްދާހާއި ކައުންސިލުގެ މެންބަރު އިބްރާހީމް ޝާކިރާއި އުންސިލުގެ މެންބަރު މަރިޔަމް ވަކީލާ އާއި ކައުންސިލުގެ މެންބަރު އާމިނަތު ވިސާމާ އާއި ކައުންސިލުގެ މެންބަރު އާމިނަތު ނާސިހާ އަދި ކައުންސިލުގެ މެންބަރު އަހުމަދު ރައޫފަށް ނަސޭހަތްތެރިވުމަށް ވަނީ ނިންމައިފައެވެ.
ހޯރަފުށީ ކައުންސިލުގެ ރައީސް ތިން މަހަށް ސަސްޕެންޑުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ