މުޖުތާޒަށާއި ނާސިހަށާއި ޝަފީގަށް މަޖިލީހުން ރުހުންދީފި
ސިވިލް ސާވިސް ކޮމިޝަންގެ ރައީސްކަމަށް އެ ކޮމިޝަންގެ މިހާރުގެ ނައިބު ރައީސް މުހައްމަދު މުޖުތާޒަށާއި، އެ ކޮމިޝަންގެ ނައިބު ރައީސްކަމަށް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ނާސިހު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. މުޖުތާޒާއި ނާސިހުގެ އިތުރުން، ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސްކަމަށް އައްޔަންކުރުމަށް މުހައްމަދު ޝަފީޤް މަހްމޫދުގެ ނަން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއްޔެ ފޮނުއްވައިފައެވެ. އެ ނަންތަކުގެ ތެރެއިން މުޖުތާޒާއި ނާސިހުގެ ނަން ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދު ފޮނުވިއެވެ. އަދި ޝަފީޤްގެ ނަން ދިރާސާކުރުމަށް ހިއުމަން ރައިޓްސް ކޮމިޓީއަށް ފޮނުވިއެވެ. ކޮމިޓީތަކުން ނިންމީ ތިން ބޭފުޅުންނަށް ރުހުންދޭން ފެންނަ ކަމަށް ފާސްކުރުމަށެވެ. އެހެންކަމުން މިއަދު މެންދުރުފަހު ބޭއްވި ޖަލްސާގައި ތިން ބޭފުޅުންގެ ނަމަށް ރުހުން ދޭން ފެނޭތޯ ވޯޓަށް ވަނީ އަހައިފައެވެ. ތިން ބޭފުޅުންގެ ތެރެއިން މުޖުތާޒަށް ރުހުންދޭން ވޯޓުގައި ބައިވެރިވި 68 މެންބަރުން ވެސް ވޯޓުދެއްވިއެވެ. އަދި ނާސިހަށް ވޯޓުދެއްވި 65 މެންބަރުންގެ ތެރެއިން 64 މެންބަރަކު ރުހުން ދޭން ފެންނަ ކަމަށް ވޯޓުދެއްވިއެވެ. ޝަފީޤަށް ވޯޓުދެއްވި 68 މެންބަރުންގެ ތެރެއިން 67 މެންބަރަކު ރުހުންދޭން ވޯޓު ދެއްވިއެވެ. އެހެންކަމުން ތިން ބޭފުޅުންނަށް ވެސް މަޖިލީހުން ވަނީ ރުހުން ލިބިފައެވެ. ސަތާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރުކަން ކުރެއްވި މުޖުތާޒު، ސީއެސްސީގެ މެންބަރުކަމަށް އައްޔަންކުރެއްވީ މިދިޔަ އޭޕްރިލް މަހުގެ 20ވަނަ ދުވަހެވެ. އެ ކޮމިޝަންގެ ނައިބު ރައީސް ކަމަށް އައްޔަންކުރެއްވީ ހަމަ އެ މަހުގެ 30ވަނަ ދުވަހެވެ. ހަމަ އެއާއެކު ސީއެސްސީގެ ރައީސްކަން ކުރެއްވި ނާސިހު އެ ކޮމިޝަނަށް އަލުން އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދިނީ މިދިޔަ މަހުގެ ފަހުކޮޅެވެ. މިދިޔަ އޮގަސްޓް މަހުގެ 18 ވަނަ ދުވަހު އެޗްއާރުސީއެމަށް އައްޔަންކުރެއްވި ޝަފީޤް ވަނީ މީގެކުރިން ލޯކަލް ގަވަމަންޓް އޮތޯރިޓީ އެލްޖީއޭގެ ސީއީއޯކަން ކުރައްވައިފައެވެ. އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ ކަމާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ