އައްޑޫ ކައުންސިލުން ވަކިވުމުގެ އުފަލުގައި ހުޅުމީދޫގައި މިރޭ ހަވާ އަރުވަނީ

އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ހުޅުދޫ އާއި މީދޫގެ ރައްޔިތުން ނިންމުމާ ގުޅިގެން މިރޭ ހަވާ އެރުވުމަށް ނިންމައިފި އެވެ.މި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިރޭ ހަވާ އެރުވުން އޮތީ ހުޅުމީދޫގެ މެދު ބަނދަރު ސަރަހައްދުގައި 8:30 ހާއިރެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަން ކުރައްވަނީ ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދާއި މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހްމާނެވެ.ފޭދު އާއި ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ނުވަތަ ނޫންތޯ ބަލަން އިއްޔެ ނެގި ވޯޓުގައި ހުޅުދު އާއި މީދޫން ނިންމީ ވަކިވާށެވެ. ފޭދޫން ނިންމީ ސިޓީކައުންސިލްގައި ދެމިތިބޭށެވެ.ނަތީޖާއަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހްމާން ވިދާޅުވީ 'މިނިވަންކަމާއި މުސްތަގުބަލަށްޓަކައި ތިޔަ ނިންމެވި ނިންމެވުމަށް، އަޅުގަނޑުމެންގެ ދަރިންގެ ދަރިން ވެސް ޝުކުރުވެރި ފަހުރުވެރިވާނެ' ކަމަށެވެ.އެގޮތުން އައްޑޫ ކައުންސިލުން ވަކިވާން ފެންނަ ކަމަށް ހުޅުދޫގެ 723 މީހަކު ވޯޓު ދީފައިވާއިރު، ނުފެންނަ ކަމަށް ވޯޓު ދިނީ 329 މީހުންނެވެ. އަދި އައްޑޫ ކައުންސިލުން ވަކިވާން މީދޫގެ 847 މީހަކު ވޯޓު ދިންއިރު، ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ 144 މީހުންނެވެ.މި ވޯޓުގައި ހުޅުދޫގެ 37 ޕަސެންޓު މީހުން ވޯޓުލާފައިވާއިރު، މީދޫން ވޯޓުލާފައިވަނީ 43 ޕަސެންޓު މީހުންނެވެ.މިއީ ދާދި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ނެގި ފުރަތަމަ ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ