ކުޅެދޭ ޙާލުގަ ތިއްބަސް އެންމެ ބޮޑެތި ނުކުޅެދުންތެރިން ގިނަވެއްޖެ! އެންމެ ބޮޑު ނުކުޅެދުންތެރިއަކީ ކޮބައިކަން ނުވެސް އެނގެނީތަ؟

މިލިޔުމުގައި ބަލައިމިލަނީ ހިތަށްއެރިހައި ގޮތަކަށް އުޅެމުން، ކުރަން ބޭނުންވާހައި ކަންކަމެއް ކުރަމުންވެސް ﷲ ތަޢާލާގެ ޙަޟްރަތުން ރަޙްމަތަށާއި ސުވަރުގެ ލިބުމަށް އެދޭމީހާ ވިސްނަން ޖެހޭނެ ކަންކަމަށެވެ.
މިފަދަ މީހުން މިހާރު ވަރަށް ގިނައެވެ. ތިމާ ފާފައެއް ނުކުރާކަމަސް ބުނާ ބައެއް މީހުން ނަމާދުތަކަށް ރައްކައުތެރިއެއް ނުވެއެވެ. ޤަޞްދުގައި ނަމާދު އެޅުމަށްވުރެ ބޮޑު ފާފައަކީ ކޮބައިހެއްޔެވެ؟ ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ޤަޞްދުގައި ނަމާދުއަޅާ މީހާގެ އީމާންކަމެއް ނެތެވެ. އެމީހާގެ ހިތުގައި އީމާންކަން އޮވެ ﷲ ތަޢާލާއަށް ބިރުވެތިވާނަމަ ނަމާދަށް އަވަސްވެގަންނާނެއެވެ. 
ނިކަން ވިސްނައިލަބަލާށެވެ! އެއްގޮތަކަށްވެސް ނަމާދުނުކޮށް ހުރެގެންނާއި ފަރުޟް ނަމާދުތަކަށް ރައްކައުތެރި ނުވެހުރެވެސް ﷲ ތަޢާލާގެ ރަޙްމަތަށް އެދޭ މީހުންވެސް ވަރަށް ގިނައެވެ. އަދި ފާފަތައް ކުރަމުންވެސްމެއެވެ. އެފަދަ މީހުން ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުން އެދެމެވެ.  
މުސްލިމް އަޚުންނޭވެ! ތާބިޢީ ބޭކަލުންގެ އަރިހުން އައިސްފައިވާ ގޮތުގައި ޝައިޠާނާއަށް އެންމެ އުނދަގޫ ކަމަކީ ބުއްދިވެރި މުއުމިނަކު މަގުފުރެއްދުމެވެ. ބުއްދިވެރި މުއުމިނަކަށް ވަސްވާސް ދިނުމަށް ވުރެ، ސަތޭކަ ޖާހިލުން މަގުފުރެއްދުން ޝައިޠާނާއަށް ފަސޭހަވެގެން ވެއެވެ. ވީމާ، ބުއްދދީގެ ބޭނުންކޮށް ކޮންމެ މުސްލިމަކު ވެސް ދުނިޔޭގެޙަޔާތް ވޭތިކުރަންވާނީ އުޚްރަވީ ޙަޔާތް ބާއްޖަވެރިވާނެ ގޮތަށެވެ. މި ކަމަށް އިޝާރަތް ކުރައްވަވައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ. 
"ބުއްދިވެރިއަކީ ތިމާ ގެ އަމިއްލަ ނަފުސު ގެ ލަގަން ކޮންޓްރޯލްކޮށް، މަރުވުމަށް ފަހު އަންނަން އޮތް ދުވަހަށްޓަކައި ހެޔޮ ޢަމަލު ކުރާ މީހާ އެވެ. އަދި ނުކުޅެދުންތެރި އަކީ ތިމާގެ އަމިއްލަ ނަފުސު ގެ ލަގަން ހިތް އެދޭހާ ގޮތަކަށް ދޫކޮށްލައިގެން ހުރެ، الله ގެ ޙަޟްރަތުން އުއްމީދުތައް ކުރާ މީހާއެވެ." 
އެންމެހައި މުއުމިނުންނޭވެ! ބުއްދި އަކީ އިންސާނާގެ ފާރަވެރިޔާ އެވެ! އޭނާގެ ކަރާމަތާއި އަބުރާއި ޝަރަފުގެ ތަޅުދަނޑި އެވެ. ބައެއް ދަންނަބޭކަލުންނާއި ޙަކީމުންގެ ކިބައިން އައިސްފައިވެ އެވެ. ބުއްދިވެރި އިންސާނާ ތިން ކަމަކަށް ވަގުތު ހުސްކުރާނެ އެވެ. އެއީ އޭނާ އަމިއްލައަށް އޭނާގެ ޢަމަލުތައް މުރާޖަޢާކޮށް ނަފްސުގެ ހިސާބު ބެލުމަށް ހޭދަކުރާ ވަގުތާއި، އޭނާގެ ވެރި ރަސްކަލާނގެއަށް އިސްތިޣުފާރުކޮށް މުނާޖާ ދެންނެވުމަށް ހޭދަކުރާ ވަގުތާއި، އޭނާގެ ނަފްސުގައި ހުރި އުނި ސިފަތައް ހޯދައި ބެލުމަށް އޭނާގެ އަޚުންނާ އެކު ހޭދަކުރާ ވަގުތެވެ. މިކަންކަމަކީ ދުނިޔެ އާއި އާޚިރަތުގެ ބާއްޖަވެރިކަމަށް އިންސާނާ އަށް މަގު ދައްކައިދޭނޭ ކަންކަމެވެ. 
މުސްލިމް އަޚުންނޭވެ! ޢިލްމުވެރީންގެ އަރިހުން ވާރިދުވެގެންވެއެވެ. ދުނިޔޭގެ އެއްވެސް އެދުމެއް ނެތް، ބުއްދިވެރިކަމުގެ ސިފަ މަލާއިކަތުންނަށް الله ދެއްވާފައިވެއެވެ. އަދި ބުއްދިވެރިކަމާ ނުލައި ދުނިޔޭގެ އެދުން ޖަނަވާރުންގެ ކިބައިގައި ލައްވާފައިވެއެވެ. ނަމަވެސް މި ދެބައި އިންސާނާ އަށް ދެއްވާފައިވެއެވެ. އެމީހެއްގެ ދުންޔަވީ އެދުމާއި، ދަހިވެތިކަމުގެ މައްޗަށް ބުއްދިވެރިކަން އިސްކޮށްފި މީހާގެ ހެޔޮކަން ބޮޑު ވެގެންވެއެވެ. އަދި އެ މީހެއްގެ ބުއްދިވެރިކަމުގެ މައްޗަށް ދުނިޔޭގެ އެދުމާއި، ދަހިވެތިކަން އިސްކޮށްފި މީހާ ޖަނަވާރުންގެ ދަރަޖައަށް ވެއްޓިދެއެވެ. 
އިސްވެދިޔަ ވާހަކަތަކުން އެނގި ފާޅުވަނީ ބުއްދި އަކީ ނިޢުމަތެއް ކަމެވެ. އެއާ މެދު އިންސާނާ އޭނާ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ޙަޟްރަތަށް ޝުކުރުވެރިވާން ޖެހޭނެއެވެ. ބުއްދިއަށް އުނިކަން ލިބޭ ޒާތުގެ ކަންކަމުން ދުރުހެލިވާން ޖެހޭނެއެވެ. ޖުވާ ކުޅުމާއި، ރާބުއިމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ޙަރާމްތަކެތި ކެއުން ފަދަ ކަންކަމީ ދެ ދުނިޔޭގައި ވެސް ގެއްލުންހުރި ކަންކަމެވެ. ބުއްދިވެރި ހެޔޮ ލަފާ މުޖުތަމަޢެއް ބިނާކުރެވޭނީ މުޖުތަމަޢުގެ އެންމެހައި އަފްރާދުން އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ ވާގިވެރިވެގެންނެވެ. މުއުމިނުންގެ ސިފައަކީ އެއީއެވެ.  ނަމަވެސް ހިތާމައަކީ މިއަދު މިފަދަ ކަންކަމާ މެދު މުޖުތަމަޢުގެ އެއް ބަޔަކު ޣާފިލުވެފައިވާ ކަމެވެ.
 
- ޚުޠުބާއަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ