ރާޖްކުމާރު ގޭންގްސްޓާރެއްގެ ރޯލް ކުޅުނު ފިލްމު އެމެޒޯން ޕްރައިމްއަށް

މިހާތަނަށް ގިނައިން ހޮރޯ ކޮމެޑީ އަދި ކޮމެޑީ ޖޯންރާގެ ފިލްމުތައް ކުޅެފައިވާ ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު ރާޖްކުމާރު ރާއޯގެ ފިލްމު "މާލިކް" އެމެޒޯން ޕްރައިމް ވީޑިއޯއަށް ސްޓްރީމިންއަށް ދޫކޮށްލާފައިވާކަން އިއުލާނުކޮށްފިއެވެ. މިދިޔަ މަހުގެ 11 ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރި ފިލްމު "މާލިކް"އަކީ ޕުލްކިތު ޑައިރެކްޓްކޮށް، ކާމިޔާބު ގިނަ ފިލްމުތަކެއް އުފައްދާފައިވާ ރަމޭޝް ތައުރާނީ ޕްރޮޑިއުސްކޮށްފައިވާ އެކްޝަން ތުރިލާއެކެވެ. ރާޖްއާ އެކު ފިލްމު "މާލިކް"ގެ ބަތަލާގެ ރޯލް ކުޅެފައި ވަނީ މަނޫޝީ ޗިލާއެވެ. ފިލްމުގައި މަނޫޝީ ހިމެނޭކަން އިއުލާނުކުރީ ވެސް ފިލްމުގެ ބަތަލާ އަކީ ކާކުކަން ސިއްރުކޮށްފައި އޮތުމަށްފަހު ފިލްމު ރިލީޒްކުރުމާ ވަރަށް ކައިރިވެފައި ވަނިކޮށެވެ. ރާޖް އަދި މަނޫޝީ ފިލްމު "މާލިކް"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ މި ދެ ތަރިންގެ އިތުރުން ޕްރޮސެންޖިތު ޗެޓަޖީ، ހުމާ ޤުރެއިޝީ، އަންޝުމަން ޕުޝްކަރު އަދި ސުވަނަންދު ކިރްކީ މުހިއްމު ރޯލްތަކުން ފެންނާނެ "މާލިކް"އަކީ މިހާތަނަށް ރާޖް ކުޅެފައިނުވާ ޖޯންރާއެއްގެ ފިލްމެކެވެ. ފިލްމުގައި ރާޖް ވަރަށް ވަރުގަދަ ގޭންގްސްޓާރެއްގެ ރޯލްއިން ދައްކައިލިއިރު ފިލްމުގެ ވިލެން އަކީ ވެސް ޚުދު ރާޖްއެވެ. ފިލްމުގައި ރާޖް ކުޅެފައި ވަނީ 1980ގެ އަހަރުތަކުގެތެރޭ އިންޑިއާގެ އައްލާހުބާދުގައި އުފެދުނު ވަރަށް ވަރުގަދަ ގޭންގްސްޓާ 'މާލިކު'ގެ ރޯލެވެ. މި ފިލްމުގައި މާލިކު ކުށުގެ ވެށްޓަށް ހުށަހެޅުނު ގޮތާއެކު އިންޑިއާގެ އެންމެ ނުރައްކާތެރި ގޭންގުސްޓާރުގެ ލަގަބު މާލިކަށް ލިބުނުގޮތް ދައްކުވައިދޭނެއެވެ. ރާޖް އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ނެޓްފްލިކްސްގައި ޕްރީމިއަ ކުރި ފިލްމު "ޓޯސްޓާ"އިންނެވެ. ރާޖްއާ އެކު މި ފިލްމުން ބަތަލާގެ ރޯލްއިން ފެނުނީ ސާންޔާ މަލްހޯތުރާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ