ރިޔާސީ ޕްރައިމަރީގައި ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދޭނަން: މީކާއީލް

ރިޔާސީ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދެއްވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
"އިތުބާރު" ކެމްޕޭން ނިންމުމަށް ރޭ ބޭއްވި ޖަލްސާގައި މީކާއީލް ވިދާޅުވީ ކޮންމެ މީހަކަށްވެސް ޕާޓީގެ އެންމެ މަތީ މަގާމުތަކަށް ވާސިލުވެވޭނެ ފުރުސަތު އޮތް ޕާޓީއަކަށް އެމްޑީޕީ ހަދަން ބޭނުންވާ ކަމަށެވެ.
އެ ގޮތުން އޭނާގެ ޗެއާޕާސަން ކަމުގައި އޭނާއަށް ތާއީދުކުރާ މެންބަރުންނާއި ތާއީދު ނުކުރާ މެންބަރުންނަށްވެސް ޕާޓީގެ އެންމެ ކުރީ ސަފުން ޖާގަ ކަށަވަރުކޮށްދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަންވެސް ކުރައްވާ މީކާއީލް ވިދާޅުވި އެވެ.
އެންމެ ބޮޑު އަމާޒަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ހަމައަށްދާއިރު ޕާޓީގެ ސަފުތައް އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު ބޭއްވުން ކަމަށާއި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ލިބުނު ނާކާމިޔާބީ ޕާޓީގެ އާންމު މެންބަރުން މިހާރުވެސް އާކުރަމުންދާ ކަމަށް މީކާއީލް ވިދާޅުވި އެވެ.
މީކާއީލް ވިދާޅުވީ އެންމެފަހުގެ ރިޔާސީ އިންތިހާބު ދުވަސްވަރު ޕާޓީގެ ތެރޭގައި އުފެދުނު ބައިބައިވުންތަކުގެ ސަބަބުން ވެރިކަން ބީވެގެން ދިއުމަކީ ގައުމަށް ލިބުނު އިއާދަނުކުރެވޭ ފަދަ ގެއްލުމެއް ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އޮންނާނީ މާދަމާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ