އެމެރިކާއިން ގޭންގު މެމްބަރުންތަކެއް ޑީޕޯޓުރުން މަޑުޖައްސާލަން އެގައުމުގެ ސުޕްރީމް ކޯޓުގެ އަމުރެއް!

އެމެރިކާގެ ސުޕްރީމް ކޯޓުން އެ ގައުމުގެ ޖަލެއްގައި ގައިދުކޮށްފައިވާ ވެނެޒުއޭލާގެ ގޭންގު މެމްބަރުންތަކެއް ކަމަށް ބުނާ ބަޔަކު ޑީޕޯޓުކުރުން ހުއްޓުވައިިފިއެވެ.
ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން ގޭންގު މެމްބަރުންތަކެއް ކަމަށް ތުހުމަތުކޮށް ވެނެޒުއޭލާގެ ރައްޔިތުންތަކެއް އެ ގައުމުން ބޭރުކުރުމަށް މަސައްކަތްކޮށްފައިވަނީ އެގައުމުގެ ރައީސް ޓްރަމްޕުގެ ސަރުކާރުންނެވެ. އެމީހުން ބަންދުކޮށްފައި ތިބީ ޓެކްސަސްގެ އުތުރު ސަރަހައްދެއްގައިކަމަށްވާއިރު ޑީޕޯޓްކުރުން ހުއްޓުވާލާފައިވަނީ ހަނގުރާމައިގެ ހާލަތަށް ބިނާކޮށްފައިވާ ގާނޫނަކަށް ރިއާޔަތްކޮށްގެންކަން ފާހަގަކުރެވެއެވެ. ހައްގުތަކަށް ވަކާލާތުކުރާ ބައެއް ޖަމާއަތްތަކުންވަނީ އެ ގައުމުގެ ސަރުކާރުން ދިފާއުވުމަށ އެކަށީގެންވާ ފުރުސަތު ދީފައިނުވާކަމުގެ ދައުވާވެސް ކޯޓަށް ހުށައަޅާފައެވެ.
ނޫސްތަކުން ބުނާގޮތުން ގޭންގު މެމްބަރުންތަކެއް ކަމަށް ތުހުމަތުކުރާ މީހުންތައް ބަންދުކޮށްފައިވަނީ ނުރައްކާތެރިކަމަށް މަޝްހޫރު އެލް ސެލްވަޑޯރގައި ހުންނަ ބޮޑު ޖަލެއްގައެވެ. ޓްރަމްޕުގެ ސަރުކާރުން މި މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ 1798 ވަނަ އަހަރު އެކުލަވާލާފައިވާ އެނެމީ އޭލިއެން އެކްޓުގެ ދަށުން އެގައުމުގެ ރައީސްއަށް ލިބިދީފައިވާ ބާރުގެ ދަށުންނެވެ. އެ ގާނޫނުގެ ދަށުން އާންމު އުސޫލުން ބޭރުން އެހެނިހެން ގައުމުތަކުގެ ރައްޔިތުން ޑީޕޯޓުކުރުމަށް ފުރުސަތު ލިބިގެންދެއެވެ. ނަމަވެސް މިހާތަނަށް މި ބާރުގެ ބޭނުން ހިފާފައިވަނީ ތިން ފަހަރެއްގެ މަތިންކަމަށާއި އެ ތިން ފަހަރަކީވެސް ހަނގުރާމައިގެ ހާލަތްތައްކަން ފާހަގަކޮށްފައިވެއެވެ.
ރިޕޯޓުތަކުގައިވާގޮތުން އެންމެ ފަހުން މިބާރުގެ ބޭނުން ހިފާފައިވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގައިކަމަށެވެ. ވެރިކަމަށް އައި ފަހުން ޓްރަމްޕުގެ ސަރުކާރުން ގެންގުޅެމުންދާ ހަރުކަށި އިމިގްރޭޝަން އުސޫލުތަކުގެ ތެރެއިން ކުރަމުންދާ މަސައްކަތްތަކަށް ބައެއް ދަތިތައް ކުރިމަތިވެފައިވެއެވެ. ޓްރަމްޕުވަނީ ވެނެޒުއޭލާގެ ގޭންގެއްކަމަށްވާ ތްރެން ޑި އަރާގުއާގެ މައްޗަށް އެ ގައުމުގައި ބައެއް ނަހަމަ އަމަލުތައް ހިންގުމަށް ރާވަމުންދާކަމުގެ ތުހުމަތުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ