ރިޝްވަތަށް އެދުނުކަމުގެ ތުހުމަތުވާ މީހެއްގެ އޯޑިއޯ ސާމްޕަލް ނެގުމުގެ އަމުރާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިިވާ ނިންމުމުގެ އިސްތިއުނާފު އަޑުއެހުމެއް ބުރާސްފަތިި ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
މި މައްސަލައިގައި ބަޔާން ކުރާ ޙާދިސާ ހިނގިއިރު ތުހުމަތުވާ މީހާއަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ސީޕޯޓް އޮޕަރޭޝަންސް ޑިވިޜަންގެ ޑިވިޜަން ހެޑްގެ މަޤާމުގައި ހުރި މުވައްޒަފެކެވެ.
މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މޯލްޑިވްސް ކަސްޓަމްސް ސަރވިސުން ބަލަމުންދިޔަ މައްސަލައެއްގައި ވަކި ކުންފުންޏަކަށް ފަހިވާގޮތަށް އެމައްސަލަ ނިންމުމަށް ކުންފުނީގެ ކިބައިން އޭނާ ރިޝްވަތަށް އެދުނުކަމަށް ތުހުމަތު ކޮށްފައިވެއެވެ. އަދި އޭނާ ރިޝްވަތަށް އެދުނު މައްސަލަ އޭސީސީން ތަޙްޤީޤު ކުރަމުންދާއިރު، މި ތަޙްޤީޤާއި ގުޅިގެން އޭނާގެ އަޑުގެ ސާމްޕަލަކާއި އަދި ހަށިގަނޑުން ބޭރުންނަގާ ސާމްޕަލްގެ ގޮތުގައި ފޮޓޯ ނެގުމަށް އޭސީސީން ވަނީ އެދިފައެވެ.
އޭސީސީން ކޯޓު އަމުރެއް ހޯދުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން ކްރިމިނަލް ކޯޓުން ވަނީ އަމުރު ނެރެދީފައެވެ. މި މައްސަލައިގައި އަމުރަށް އެދިފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 49 ވަނަ މާއްދާގެ (ނ) ގެ ދަށުންނެވެ. ނަމަވެސް އަމުރު ދޫކޮށްފައިވަނީ 48 ވަނަ މާއްދާއާ ޙަވާލާދީއެވެ.
އެހެންކަމުން އޭނާގެ ފަރާތުން ހައިކޯޓަށް މައްސަލަ ހުށަހެޅީއެވެ. ހައިކޯޓުގައި އޭނާގެ ފަރާތުން ބުނެފައިވަނީ، އޭނާއަކީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވިފައިވާ ފަރާތަކަށް ނުވާއިރު، ހައްޔަރުކުރެވިފައިވާ މީހުންގެ މައްޗަށް ކަނޑައެޅިފައިވާ އިޖުރާއަތުތަކެއް އޭނާގެ މައްޗަށް ހިންގައި އަމުރު ނެރެފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ.
ދައުލަތުން ދެކޭ ގޮތުގައި ޖިނާއީ އިޖުރާއަތުގެ 48 ވަނަ މާއްދާ ކިޔުމުން އެމާއްދާގެ (ނ) ގައި ބަޔާން ކުރާ ”ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާ“ ގެ މާނައިގެ ތެރޭގައި ކުށުގެ ތުހުމަތުގައިވާ މީހާވެސް ހިމެނިގެން ދާނެއެވެ. އެގޮތުން އެ އަކުރުގައި ބަޔާންކުރާ އިޖުރާއަތު ހަމައެކަނި ހިނގާނީ ހައްޔަރުކޮށްފައިވާ މީހުންގެ މައްޗަށް ނޫންކަމަށް ދައުލަތުން ފާހަގަކުރިއެވެ.
ހައިކޯޓުންވެސް ނިންމީ މި މައްސަލައިގައި އޭނާގެ ސާމްޕަލް ހޯދުމަށް ކްރިމިނަލް ކޯޯޓުން ނެރުނު އަމުރަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ. އެހެންކަމުން އޭނާ ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރީއެވެ.
ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމުގައި ދައުލަތުުގެ ވަކީލު ވިދާޅުވީ، ކުށުގެ ތުހުމަތު ކުރެވޭ މީހެއްގެ މައްޗަށް ހެކިވެސް ހުރެމެ، އަދި އޭނާ ހުރީ ބަންދެއްގައި ނޫންކަމުގައިވާނަމަ، އޭނާގެ ނުރުހުމުގައި ސާމްޕަލްއެއް ނަގަންޖެހޭ ޙާލަތުގައި އަމަލުކުރަން ޖެހޭ އިޖުރާއަތާއި، އެފަދަ އަމުރަކަށް އެދެން ޖެހޭ މާއްދާއަކީ ކޮބައިކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުން ސާފުވާން ނެތް ކަމަށެވެ. މިހާރު ހުރި ޤަވާއިދުތަކަށް ބަލާއިރުވެސް މިކަމަށް ޙައްލެއް އޮތްކަމަށް ފެނިިވަޑައިިނުގަންނަވާކަމަށް ވަކީލު ވިދާޅުވިއެވެ.
ވަކީލު ވިިދާޅުވީ، ހަށިގަނޑުން ސާމްޕަލް ނަގަން ދެކޮޅުހަދާ ޙާލަތުުގައި އަމަލުކުރާނެ ގޮތް އެނގެން ނެތް ކަމަށާއި، ނަމަވެސް ސާމްޕަލް ދޭން އެންގިދާނެކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 49 ވަނަ މާއްދާގެ (ނ) އިން އެނގެން އޮންނަކަމަށެވެ. އެގޮތުން ރުހުމުގައި ހަށިގަނޑުން ސާމްޕަލް ނެގިދާނެކަމަށް އެ މާއްދާގައި އޮންނަ ކަމަށާއި، ނަމަވެސް ނުރުހޭނަމަ އަމަލުކުރަން ޖެހޭ ގޮތުގެ ސާފު އިޖުރާއަތެއް ނެތްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
އެ ޙާލަތުގައި އެމީހަކާ ދެކޮޅަށް އިތުރު ހެކި ހުރިކަމުގައިވާނަމަ، އެމީހަކު ހައްޔަރުކޮށްގެން ނުވަތަ ބަންދުކޮށްގެން ކޯޓު އަމުރެއްގެ ދަށުން އެކަން ކުރެވިދާނެކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
އެހެންނަމަވެސް ޖިނާއީ މައްސަލައެއްގައި ތުހުމަތު ކުރެވޭ ކޮންމެ މީހަކީ ހައްޔަރުކޮށް ބަންދު ކުރުމުގެ ބޭނުމެއް އޮތް މީހެއްކަމަށްވެސް ނުވެދާނެ ކަމަށާއި، އެ ޙާލަތުގައި ޤާނޫނުއަސާސީގައި ބުނާ އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ޙައްޤަށް ހުރަސް އެޅުމުގެ ފުރުސަތު އޮތްކަމަށް ދައުލަތުން ފާހަގަކުރިއެވެ. އަދި އެއީ އިންސާފުވެރި ގޮތެއްކަމަށް ދައުލަތަށްވެސް ޤަބޫލު ނުކުރެވޭކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
އެހެންކަމުން ދައުލަތުން ވަނީ މިހާރު ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރާއި، އެއަށް ތާއީދުކޮށް ހައިކޯޓުުން ކޮށްފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިފައެވެ.
މި މައްސަލައިގައި ތުހުމަތުވާ މީހާގެ ފަރާތުން ބުނެފައިވަނީ، އޭސީސީން މި މައްސަލައިގެ ތަޙްޤީޤުގައި އޭނާއަށް ހަނުހުރުމުގެ ޙައްޤު ދީފައިވާ ކަމަށާއި، އަދި އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ހަމައެކަނި ހެއްކަކީ ބަޔާން ކަމަށެވެ. އެހެންކަމުން މާއްދީ ހެކި ތަކާއި އޭނާއާ ގުޅުވާލެވޭނެ ހަމައެކަނި ގޮތަކީ އޭނާގެ ސާމްޕަލް ކަމަށްވާތީ އެފަދަ ސާމްޕަލެއް ނުދީ ހަނުހުރުމަކީ އޭނާއަށް ލިބިދޭ ޙައްޤެއްކަމަށް ފާހަގަކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގައި ދައުލަތާއި، ތުހުމަތުވާ މީހާގެ ފަރާތުން އިސްތިއުނާފީ ނުކުތާތަކަށް ވާހަކަ ދައްކާފައިވާއިރު، ފަނޑިޔާރުންވެސް ވަނީ ބައެއް ކަންކަން ސާފު ކުރައްވާފައެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދެވެ.
ދެން އޮންނާނީ މި މައްސަލައިގެ ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުމެކެވެ.
ރިޝްވަތަށް އެދުނުކަމުގެ ތުހުމަތުވާ މީހެއްގެ އޯޑިއޯ ސާމްޕަލް ނެގުމުގެ އަމުރާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް މައްސަލައެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ