ސިނގިރޭޓުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރަން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް މަޖިލީހުން ގެނައި އިސްލާޙު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފިއެވެ.
މި ބިލު މަޖިލީހުން ފާސްކުރީ އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.
މި އިސްލާޙުގައި، ސިނގިރޭޓް، ބިޑި، ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތައް (ކޮންސިއުމަބަލްސް)އިން ނަގާ ޑިއުޓީއަކީ، 4/- (ހަތަރެއް) ރުފިޔާ ކަމުގައި ހަމަޖައްސައި، އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަދަދަކީ، %30 (ތިރީސް އިންސައްތަ) ކަމަށް ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން، ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުވުމަށް ޚާއްޞަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗާއި އެފަދަ އެހެނިހެން ބާވަތްތަކުން ޑިއުޓީ ދައްކަން ނުޖެހޭގޮތަށް ވެސް ވަނީ ކަނޑައަޅުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤު ކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރެއްވުމާއެކު، މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.
މި އިސްލާޙުގެ ސަބަބުން ބަޖެޓުގައި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރި އާމްދަނީ ދަށަށް ދާނެއެވެ.
މި އިސްލާޙާއެކު ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވުމަށް ޚާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗާއި އެފަދަ އެހެނިހެން ބާވަތްތަކުން ނަގާ ޑިއުޓީ ކަނޑާލުމަށްވެސް ވަނީ ހިމަނާފައެވެ.
ޤާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ޤަވާއިދުތަކާއި އުސޫލުތައް އިސްލާހުކޮށް، އާންމުކުރަން ޖެހޭނެއެވެ.
2024 ވަަނަ އަހަރުގެ ނޮވެންބަރު މަހު، ދުންފަތުގެ އިމްޕޯޓް ޑިއުޓީއަށް ބަދަލު ގެނެސް، ސިނގިރޭޓުން ނަގާ ޑިއުޓީ 3.30ރ އިން 8ރ އަށް ވަނީ ބޮޑުކޮށްފައެވެ.
ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރަން އަނެއްކާވެސް ނިންމާފައިވަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗުއޯގެ ލަފާގެ ދަށުންކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށާއި، ދުންފަތުގެ ވަބާއިން ރައްޔިތުން ސަލާމަތް ކުރުމަށް ގިނަ ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅުއްވާފައެވެ. އެގޮތުން ދުންފަތުގެ ވަބާއިން އަންނަން އޮތް ޖީލު ސަލާމަތް ކުރުމަށްޓަކައި ޖެނެރޭޝަނަލް ބޭން ތައާރަފް ކުރުމުގެ އިތުރުން ވޭޕް އެތެރެކޮށް، ވިއްކުން މަނާކުރުން ފަދަ މުހިންމު ފިޔަވަޅުތަކެއް ފާއިތުވި 2 އަހަރު ތެރޭގައި ސަރުކާރުން ވަނީ އަޅުއްވާފައެވެ.
މީގެ އިތުރުން 31 މެއިގައި ސަރުކާރުން އިޢުލާން ކުރައްވާފައިވާ، ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤައުމީ ކެމްޕޭން ޖޫން 27ގައި ރަސްމީކޮށްވަނީ ފަށާފައެވެ. މި ޕްރޮގްރާމް މެދުވެރިކޮށް ހޭލުންތެރި ކުރުމާއި، ސެޒޭޝަންގެ ޚިދުމަތް ފުޅާކުރުމާއި، ޤާނޫނާއި ޤަވާއިދު ތަންފީޒު ކުރުމުގެ ތެރެއިން ވަށާޖެހޭ އަދި ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނާއި، މުއައްސަސާތަކާއި، މަދަނީ ޖަމްޢިއްޔާތައް ގުޅިގެން ދުންފަތުގެ ނުރައްކަލުން ޤައުމު ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރަން ފާސްކުރި އިޞްލާޙު ތަސްދީޤުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ