ކެނދިކުޅުދުއާއި ފުނަދޫގެ ތާރީޚީ މަންޑި މެޗު، އާލާކޮށްދިނީ އިހުގެ ހަނދާންތައް

މަންޑިއަކީ ދިވެހިންގެ ތެރޭގައި ވަރަށް ފޯރިއާއެކު ކުޅެވޭ، ދިވެހިންގެ ސަގާފަތާ ގުޅިފައިވާ ކުޅިވަރެކެވެ. އިހުގައި މި ފޯރިގަދަ ކުޅިވަރު، ރަށު ވާދައިގައި އާންމުކޮށް ކުޅެއުޅެއެވެ. އެހެންނަމަވެސް އެއީ މާޒީއެވެ. މިހާރުވެސް އީދުގައި ބައެއް ރަށްރަށުގައި މަންޑި ކުޅުނުނަމަވެސް ވާދަވެރިކަމާއިއެކު ރަށު ވާދައިގައި މި ކުޅިވަރުކުޅޭތަން ވަރަށް ނުފެނެއެވެ. އިއްޔެ މިވަނީ ށ. ފުނަދޫ އާއި ނ. ކެނދިކުޅުދުއިން އެކުވެރިކަމުގެ ތާރީޚީ މަންޑި މެޗެއް ކުޅެ އިހުގެ ހަނދާންތައް އާކޮށްދީފައެވެ. މިއީ މި ފަހުގެ ތާރީޚެއްގައި ރަށު ވާދައިގައި ސަގާފީ ކުޅިވަރު "މަންޑި' މެޗެއް ކުޅުނު ފުރަތަމަ ފަހަރެވެ. ނ. ކެނދިކުޅުދޫ އާއި ށ. ފުނަދޫ އާއި ދެމެދު ކުޅުނު މަންޑި މެޗުގެ ތެރެއިން--/ ފޮޓޯ، ފަރުފުނަ ސްޕޯޓްސް މި ތާރީޚީ މެޗުން ހަތަރު ލަނޑު ދެ ލަނޑުން ކާމިޔާބު ކޮށްފައިވަނީ ފުނަދޫގެ ޓީމެވެ. މިއީ ކުރިޔަށް އޮތް ބޮޑު އީދުގައި ފުނަދޫގައި އޮންނަ މަންޑި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، އެ މުބާރާތުގައި ވާދަކުރާ ޓީމެއްކަމަށް ވާ "އަރުމަތާ ޕްރޯ" އިން އިސްނަގައިގެން އިންތިޒާމު ކުރި މެޗެކެވެ. އެ ޓީމަކީ ފުނަދޫގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމެވެ. ރާއްޖޭގެ ތާރީޚަށް ބަލާއިރު ރަށްރަށުގެ ދެމެދުގައި ނުވަތަ އެކި ރަށްރަށުން ޓީމުތައް ހަދައިގެން މަންޑި މެޗުތައް ކުޅެފައިވެއެވެ. އޭރު އާންމުކޮށް ކުޅެނީ އީދު ބަންދުގައެވެ. އެގޮތުން އެއް ރަށުން އަނެއް ރަށަށް ޒިޔާރަތްކޮށް "އީދު ކުޅިވަރު" ކުޅުމަކީ އިހު ދިވެހިންގެ އާދައެކެވެ. މީގެތެރޭގައި މަންޑި ކުޅުން ހިމެނެއެވެ. އަޙްމަދު ޝަފީޤުގެ "ދިވެހި ބައެއް ކުޅިވަރު" (1998) ފޮތުގައި ބުނެފައިވާ ގޮތުން މަންޑި ކުޅުމަކީ ވަކި ޚާއްސަ މައިދާނެއް ހަދައިގެން، ދެ ޓީމަކަށް ބަހާލައިގެން ކުޅޭ ފޯރިގަދަ ކުޅިވަރެކެވެ. މަންޑި ކުޅޭ މައިދާނުގެ ބޮޑުމިނަކީ 80 ފޫޓު 80 ފޫޓެވެ. މި މައިދާން ވަކިކުރަނީ ވަށައިގެން ރޮނގެއް ކުރަހައިގެންނެވެ. އަދި ދިގުމިނުގެ ފަސްބައިކުޅަ އެއްބައިގައި "ކަނޑު" ކިޔާ ރޮނގެއް ކުރަހައި، ކުޅޭ މީހުންގެ ކުޑަ ފަޅިއާއި ހޮވާ މީހުންގެ ބޮޑު ފަޅި ވަކިކުރެއެވެ. މި ކުޅިވަރު ކުޅުމަށް ޚާއްޞަ އާލާތްތަކެއް ބޭނުންކުރެއެވެ. އޭގެ ތެރޭގައި ފަސް އިންޗި ބޯމިނުގެ، ކޮންމެ ފަރާތެއްގައި ފޫޓެއް ހުންނަ "މަންޑިގާ" ހިމެނެއެވެ. މި ހިރިގަލުގެ މެދުގައި އިންޗިއެއްގެ ފުންމިނަށް "މަންޑިފޯލިވަޅު" ހަދާފައި ހުރެއެވެ. މީގެ އިތުރުން 15 އިންޗި ދިގު "މަންޑިދަނޑި" އާއި، ކުރެދި ފަދަ ހަރު ލަކުޑިން ހަދާފައި ހުންނަ ދެ އިންޗި ބައިގެ ދިގުމިން ހުންނަ 24 "މަންޑިފޯލި" ބޭނުންކުރެއެވެ. ކުޅޭ ޓީމެއްގައި މަދުވެގެން ފަސް މީހުން ތިބެންޖެހޭއިރު، އެންމެ އެކަށީގެންވާ އަދަދަކީ "މުއްޕަނު" (ކެޕްޓަން) އާއެކު ނުވަ މީހުންނެވެ. އިހުގައި މި ކުޅިވަރު ކުޅެނީ ހުސްފައިގައި، ގަންޖުފަރާހަކާއި ހަރުވާޅެއް ލައިގެން، އަރުވާޖަހާފައި ހުންނަ މުންޑެއްގައެވެ. ކުޅުން ކުރިއަށްދާ ގޮތަށް ބަލާއިރު، ގުރުއަތުން ކުޅޭ ޓީމާއި ހޮވާ ޓީމު ކަނޑައަޅައެވެ. ކުޅޭ ޓީމުގެ ކުޅުންތެރިޔާ މަންޑިގަލުގެ ވަޅުމަތީގައި ފޯލި ބޭއްވުމަށްފަހު، މަންޑިދަނޑިން ޖަހައި ކަނޑުން ބޭރަށް ފޯލި ފޮނުވާލަން ޖެހެއެވެ. ހޮވާ ޓީމަށް ފޯލި ނުހިފިއްޖެނަމަ ކުޅޭ ޓީމަށް ޕޮއިންޓެއް ލިބެއެވެ. މިގޮތަށް 12 ފޯލި ކަނޑުން ބޭރުކޮށް، 13 ވަނަ ފޯލި އަތުން މައްޗަށް އެއްލައި ޖެހުމުން ނުހޮވިއްޖެނަމަ އެއް "ލަނޑު" ލިބެއެވެ. ނަމަވެސް، ޖަހާ ފޯލި ހޮވާ ޓީމަށް ހިފިއްޖެނަމަ ކުޅުންތެރިޔާ ނުބައިވެއެވެ. ކަނޑައެޅިފައިވާ ވަގުތު ހަމަވާއިރު އެންމެ ގިނަ ލަނޑު ހޯދާ ޓީމެއް މޮޅުވެއެވެ. ފުނަދޫ އާއި ކެނދިކުޅުދޫގެ މެޗުން ދައްކުވައިދިނީ މިހާރުވެސް މަންޑި ރަށުފެންވަރުގަ އާއި އަތޮޅު ފެންވަރުގައި ކުޅެވިދާނެކަމަވެ. އެ ފޯރިއާއި ހުނަރާއި ޖޯޝް އަދިވެސް، ދިވެހިންގެ ކިބައިގައި ހުރިކަމެވެ. މިއީ އެ ދެ ރަށުގެ އަންނަން އޮތް ޖީލުތަކަށް މިފަދަ ކުޅިވަރުތައް ފޯރުކޮށްދިނުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅަކަށް ވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ