އަނަސްގެ މަރު: ތުހުމަތު އޮތް މީހުން ބަންދުނުކުރި މައްސަލަ ސުޕްރީމް ކޯޓަށް

ގައިގެ އެތަށް ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދީ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ރ. މީދޫ ފެންފިޔާޒުގޭ، މުހައްމަދު އަނަސް މަރާލި މައްސަލައިގައި ބަންދުނުކުރަން ހައި ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
އަނަސް އަނިޔާވެރި ގޮތަކަށް މަރާލީ 31 ޖުލައި 2017ގަ އެވެ. މި މައްސަލާގައި ހަތް މީހެއްގެ މައްޗަށް ދެ ބާވަތެއްގެ ދައުވާ އުފުލިއެވެ.
ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ:
ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ:
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާތަކަށް ރިއާޔަތްކޮށް ދައުވާކޮށްފައިވާ މީހުން ކުށުގައި ބައިވެރިވާކަމަށް އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ސާބިތުވާކަމަށް ކަނޑައެޅެން ނެތް ކަމަށެވެ. އަދި ހުކުމުގައި ވާގޮތުން، މައްސަލައިގައި ހުށަހަޅާފައިވާ ސީސީޓީވީ ފުޓޭޖްތަކާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުތަކުން ވެސް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައި ނެތެވެ. އަދި ފުޓޭޖުތަކުގެ ޗެއިން އޮފް ކަސްޓަޑީ ލިބިފައި ނުވާކަމަށް ހުކުމުގައި ވަނީ ބުނެފައވެއެވެ.
މީގެއިތުރަށް ހައިކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ދައުލަތުން ވަނީ އިސްތިއުނާފީ ނުކުތާތައް ހުށަހަޅުއްވާފައެވެ. އަދި އެއަށްފަހު ކުރިއަށްދިޔައީ މި މައްސަލައިގައި ތުހުމަތުވާ މީހުންގެ ބަންދާމެދު ގޮތް ނިންމުމާގުޅޭ ބައެވެ. މި މައްސަލައިގައި 3 ފަނޑިޔާރުންގެ އިއްތިފާޤުން ނިންމެވީ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް މައްސަލަ ކާމިޔާބުވުމުގެ އިޙްތިމާލު ނުވަތަ ދަށު ކޯޓުގެ ޙުކުމް ބަދަލުވުމުގެ އިޙްތިމާލު ބޮޑުކަން ދައްކުވައިދޭ ސަބަބެއް ހުށަހެޅިފައި ނެތް ކަމަށާއި، އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ތުހުމަތު ކުރެވޭ ކުށް ހުރިކަމަށް ބާރުދޭ ހެކި ހުރިކަން ދައުލަތަށް ބުނެދެވިފައިނުވާކަމަށެވެ.
އެހެންކަމުން އިސްތިއުނާފު ރައްދުވާ ފަރާތްތައް ޝަރީއަތް ނިމެންދެން ބަންދު ކުރަންޖެހޭ ސަބަބެއް ނެތްކަމަށް ފަނޑިޔާރުން ވަނީ ނިންމަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ