ސްޕެއިން ތިން މުބާރާތަށް ފަހު ނޮކްއައުޓް މެޗަކުން މޮޅުވެއްޖެ

ފޯވަޑް މިކޭލް އޮޔާޒަބަލްގެ ދެ ލަނޑުން އޮސްޓްރިއާގެ މައްޗަށް ހޯދި 3-0ގެ ފަސޭހަ މޮޅާ އެކު ސްޕެއިން، 2010ގެ ފަހުން ވޯލްޑް ކަޕްގެ ނޮކްއައުޓް ފުރަތަމަ ބުރުން ފުރަތަމަ ފަހަރަށް މޮޅުވެ ގަދަ 16އަށް ރޭ ދަތުރުކޮށްފި އެވެ.
ލޮސް އެންޖަލިސް ސްޓޭޑިއަމްގައި، 70،000އަށް ވުރެ ގިނަ މީހުންގެ ކުރިމަތީގައި، އޮސްޓްރިއާ ބަލިކުރަން ސްޕެއިންއަށް ޔަގީންކަން ގެނެސްދިން އަނެއް ލަނޑު ޖެހީ ޕެޑްރޯ ޕޯރޯ އެވެ.
ވޯލްޑް ކަޕްގެ ޗެމްޕިއަންކަން 2010ގައި ހޯދި ފަހުން ނިމުނު ތިން މުބާރާތުގައި ވެސް ސްޕެއިންއަށް ހީކުރި ވަރުގެ ކުރިއެރުމެއް ނުލިބެ އެވެ. އެގޮތުން 2014ގައި ކެޓީ ގްރޫޕް ސްޓޭޖުންނެވެ. ދެން އައި 2018 އާއި 2022ގެ މުބާރާތުން ވަކިވާން ޖެހުނީ ގަދަ 16ގަ އެވެ. އެއީ ކުރިން ނަމަ ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރެވެ. ނަމަވެސް 48 ގައުމަށް މުބާރާތް ފުޅާކޮށް މި އަހަރުން ފެށިގެން 32 ޓީމުގެ ނޮކްއައުޓް ފުރަތަމަ ބުރެއް ކުޅެން ހަމަޖެއްސި އެވެ. ގަދަ 16އަށް ދާނީ މި ބުރުން މޮޅުވާ 16 ޓީމެވެ.
ގަދަ 16ގައި ސްޕެއިން ކުޅެން ޖެހޭނީ މިއަދު ފަތިހު ކުޅުނު މެޗުގައި ފަހަތުން އަރާ ކްރޮއޭޝިއާ ބަލިކުރި ޕޯޗުގަލްއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ