މާލެ އަތޮޅު ކާށިދޫ ޞިއްޙީ މަރުކަޒާއި މާފުށީ ހޮސްޕިޓަލްގައި ފިޒިއޮތެރަޕީގެ ޚިދުމަތް ދޭން ފެށުމަށްޓަކައި އެކަމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން މިނިސްޓްރީ އޮފް ހެލްތުން އަނެއްކާވެސް އިއުލާންކޮށްފިއެވެ.
އެ މިނިސްޓްެރީ ގެޖެޓްކުރި އިއުލާނެއްގައި ބުނެފައި ވަނީ މިނިސްޓްރީ އޮފް ހެލްތުން ދޭ މައުލޫމާތާ އެއްގޮތަށް ކ. ކާށިދޫ ޞިއްޙީމަރުކަޒު އަދި ކ. މާފުށީ ހޮސްޕިޓަލްގައި ފިޒިއޮތެރަޕީގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ސާމާނު ސަޕްލައިކޮށް އިންސްޓޯލްކޮށް ތަމްރީނުދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރި އިއުލާނަށް މާ ބޮޑު ތަރުޚީބެއް ނުލިބުނު ކަމުގައެވެ.
އެ މިނިސްޓްރީން ކުރި އިއުލާނާ ގުޅިގެން އެކަމަށް ކުރިމަތިލީ އެންމެ ފަރާތަކަށްވެފައި އެފަރާތުގެ ޝަރުތު ހަމަނުވާތީ އަލުން އިއުލާން ކުރީ ކަމަށް ވެސް ވަނީ ބުނެފައެވެ.
މިނިސްޓްރީ އޮފް ހެލްތުން ބުނީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 19 ނޮވެމްބަރުވާ އަންގާރަ ދުވަހުން ފެށިގެން 28 ނޮވެމްބަރުވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން [email protected] އަށް ގެޒެޓްކޮށްފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރުމަށް އެދޭ ކަމަށެވެ.
މިކަމަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 17 ޑިސެމްބަރުވާ އަންގާރަދުވަހުގެ ހެނދުނު 11:30 ގައި އެ މިނިސްޓްރީގެ އިދާރާ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު)ގައެވެ.
މިނިސްޓްރީން ކުރި އިއުލާނާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ 1 ޑިސެމްބަރުވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދިނުމަށް ހެލްތު މިނިސްޓްރީން އެދެއެވެ. އަދި ރެޖިސްޓަރީކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމަށް ވެސް އިއުލާނުގައި ބަނީ ބުނެފައެވެ.
މާފުށީ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. ނަމަވެސް އޭރުގެ ސަރުކާރުން އެތަން ހޮސްޕިޓަލަކަށް ބަދަލު ކުރީ ހޮސްޕިޓަލަކުން ލިބެން ޖެހޭ ބައެއް އަސާސީ ހިދުމަތްތައް ގާއިމުނުކޮށެވެ.
ކާށިދޫއާއި މާފުށީގައި ފިޒިއޮތެރަޕީގެ ޚިދުމަތް ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ