މަސްދޯނިފަހަރުގައި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ގާއިމުކުރުމުގެ ލޯނަ އެދުމުގެފުރުސަތު ހުޅުވާލައިފި

މަސްދޯނިފަހަރުގައި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު (އާރްއެސްޑަބްލިޔު) ގާއިމުކުރުމުގެ މަޝްރޫއު އަލުން މުރާޖައާކޮށް، ލޯނަށް އެދުމުގެ ފުރުސަތު މަަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ.ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫއަކީ މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ގިނަ ވަގުތު ބެހެއްޓޭނެ އިންތިޒާމު ފަހިކޮށްދިނުމަށާއި، މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ނުލިބުމުގެ ސަބަބުން މަސް ފިނިކުރުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކާއި ލައިވްސް އެންޑް ލައިވްލިހުޑް ފަންޑުގެ އެހީގައި، ފިޝަރީޒް މިނިސްޓްރީއާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެންނެވެ.މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، މިދިޔަ އަހަރު އިފްތިތާހު ކުރެވުނު މި ލޯނު މަޝްރޫއު އަލުން ހުޅުވާލީ މަސްވެރިންގެ ބޭނުންތަކަށް ވަރަށް ބޮޑަށް ރިއާޔަތްކޮށް، ލޯނުގެ ބޭނުން ކުރެވޭނެ ގިނަ ކަންކަން ހިމަނައިގެންނެވެ. އަދި ލޯނު ދެއްކުމަށް ލުއި ފަސޭހަތަކެއް ދިނުމަށް މަސްވެރިންނަށް ދަތިވެފައިވާ ކަންކަން ހައްލުކުރުމަށް ހާއްސަ އިސްކަމެއް ދީފައިވާނެ ކަމަށް ވުޒާރާއިން ބުންޏެވެ.މި މަޝްރޫއުގެ ދަށުން 700,000 ރުފިޔާއިން ފެށިގެން 2 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެވޭނެއެވެ. މި ލޯނަކީ ރަހުނަކާ ނުލައި ދޫކުރާ ލޯނެއް ކަމަށާއި، އަނބުރާ ދެއްކުމަށް 10 އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއްވެސް ލިބޭނެއެވެ.ލޯނަށް އެދުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާއިރު، އެ ފުރުސަތު އަންނަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ. ލޯނަށް އެދި ހުށަހަޅާނީ އެސްޑީއެފްސީގެ ޕޯޓަލް (https://portal.sdfc.mv) މެދުވެރިކޮށެވެ.ފިޝަރީޒް މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، މި ފެސިލިޓީއަށް އެދެވޭނީ މަސްވެރިކަމުގެ ލައިސަންސް ނަގައިގެން މަހަށްދުއްވާ 50 ފޫޓު ހަމަވާ ދޯނިތަކަށެވެ. އަދި އަމިއްލައަށް ނުވަތަ އެސްޑީއެފްސީގައި ރަޖިސްޓަރީކޮށްފައިވާ ވެންޑަރެއް މެދުވެރިކޮށް މި ފެސިލިޓީއަށް އެދެވޭނެ ކަމަށްވެސް މިނިސްޓްރީން ހާމަކުރިއެވެ.މި މަޝްރޫއުގެ ދަށުން ދޫކުރާ ލޯނުގެ އެންމެ ބޮޑު ލުޔަކީ ގަންނަ ތަކެތީގެ އަގުގެ 35 ޕަސަންޓު ޑޑިސްކައުންޓް ކުރެވޭނެ ކަމަށް މިނިސްޓްރީން ފާހަގަކުރިއެވެ. މީގެ އިތުރުން، މި ލޯނުގެ ދަށުން އާރްއެސްޑަބްލިޔު ސިސްޓަމް ގާއިމްކުރުމާއި، ޖެނެރޭޓަރު ސެޓް ގަތުމާއި، ސޯލާ ޕީވީ ސިސްޓަމް ހަރުކުރުމަށްވެސް ހަރަދު ކުރެވޭނެއެވެ.
މި މަޝްރޫއަކީ މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ. މި މަޝްރޫއުގެ ސަބަބުން މަސްވެރިންނަށް ދިމާވާ ގިނަ ދަތިތަކަށް ހައްލު ލިބި، މަސްވެރިކަމުގެ ދާއިރާ އިތުރަށް ކުރިއަރައިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.މަސްވެރިކަމަކީ ދިވެހިރާއްޖޭގެ އިގްތިސާދުގެ މުހިންމު ބައެއް ކަމަށްވާތީ، މި ފަދަ މަޝްރޫއުތަކުން މަސްވެރިންނަށް ލިބޭ އެހީތެރިކަމާއި ލުއިފަސޭހަކަން ވަރަށް ބޮޑުވާނެ ކަމަށް މަސްވެރިން ދެކެއެވެ. މި މަޝްރޫއުގެ ސަބަބުން މަސްވެރިކަމުގެ ދާއިރާއަށް އައު ޓެކްނޮލޮޖީ ތައާރަފުވެ، މަސްވެރިކަމުގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެ ކަމަށްވެސް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ