ރައީސް ސޯލިހަކީ ވެރިކަން ހޯދުމުގެ ދަހިވެތިކަން އޮތް ބޭފުޅެއް ނޫން: އަބްދުﷲ ވަހީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ އެއްވެސް އިރެއްގައި ވެރިކަމުގެ ދަހިވެތިކަން އޮތް ބޭފުޅެއް ނޫންކަމަށް މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު ވަހީދު ވިދާޅުވެއްޖެ އެވެ. 
ދިއްދޫގައި ބޭއްވި ރައީސް ސޯލިހުގެ ކެމްޕޭނު ޖަލްސާގައި ވާހަަކަ ދައްކަވަމުން ވަހީދު ވިދާޅުވީ ރައީސް ސޯލިހު މިހާ ދުވަސް ވަންދެން ހުންނެވީ އެމްޑީޕީއަށް އިޚްލާސްތެރި މެމްބަރެއްގެ ގޮތުގައި ކަމަށެވެ. 
އެމަނިކުފާނު ވެރިކަމަށް ނިކުމެވަޑައިގަތީ އެމްޑީޕީއަށް ކުރިމަތިވި އެންމެ ހިތާމަވެރި ދުވަސްވަރުގައި، އެ ހިތާމައާއި ބިރުވެރިކަމުގެ ތެރެއިން ޕާޓީ ސަލާމަތް ކުރުމަށްކަމަށް އޭނާ ވިދާޅުވި އެވެ. 
Advertisement
"އަޅުގަނޑުމެންނަށް މި ޕާޓީ އުފެދިގެން އައިއްސުރެ، އަޅުގަނޑުމެންނަކަށް ފާހަގައެއް ނުވޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތުން ރާއްޖޭގެ ރައީސްކަމަށް އައުމަށްޓަކައި އެއްވެސް މަސައްކަތެއް އެއްވެސް ސިފައެއްގައި ކުރެއްވި ތަނެއް. މިޕާޓީގެ އިޚްލާސްތެރި މެމްބަރެއްގެ ގޮތުގައި ހުރިހާ ވަގުތަކުވެސް ހޭދަކުރަމުން ދިޔައީ. އަޅުގަނޑުމެންނަށް ދިމާވި ބިރުވެރި ނާމާން ދުވަސްތަކުގައި 2018 ވަނަ އަހަރުގައި ހިތްވަރާ ކެރުމާ އެކުގައި އަޅުގަނޑުމެން ކުރިމައްޗަށް ނިކުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު"
ދިއްދޫ ދާއިރާގެ މެމްބަރު ވަހީދު
ވަހީދު ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް ސޯލިހު ތަފާތު ދައްކަވާފައިވާކަމަށެވެ. އެގޮތުން އެމަނިކުފާނަކީ ކޯލިޝަނެއް ދަމަހައްޓަން އެނގުވަޑައިގެން ހަމައެކަނި ލީޑަރުގެ އިތުރުން އެމަނިކުފާނު ގެންދަވަނީ ރައްޔިތުންނަށް ވީ ވައުދުތައް ރަނުން ރަނަށް ފުއްދަވާ ދެއްވަމުންކަމަށް އޭނާ ވިދާޅުވިއެވެ. 
އެއާއެކު ވަހީދު ވިދާޅުވީ، އެމަނިކުފާނާއި ނުލާ، މިހާރު ސަރުކާރުން ފަށާފައި ހުރި މަޝްރޫއުތައް ކުރިއަށް ނުގެންދެނޭވެ ކަމަށެވެ. ރައްޔިތުން މިއަދު އެދެނީ ތަރައްގީ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކޮށްދެވޭނެ ބޭފުޅެއްކަމަށާއި، އެކަން ކުރެއްވޭނެ ހަމައެކަނި ލީޑަރަނީ ރައީސް ސޯލިހުކަމަށް ވަހީދު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ