ސަރުކާރުގެ އަމާޒަކީ އެއްވެސް ރަށެއް ބާކީ ނުކޮށް އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުން މުޅި ރާއްޖެއަށް ހޯދައިދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މ. އަތޮޅުގެ ފަސްރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެން ކުރެއްވި ޓްވީޓެއްގައެވެ. ރައީސް ވިދާޅުވީ މުލަކައަތޮޅުގެ ރަތްމަންދޫ އާއި މަޑުއްވަރީ އަދި ދިއްގަރާއި ވޭވަށާއި މުލީގެ ރައްޔިތުންނާ ބައްދަލުކޮށް ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކާއި މެދު ހިޔާލު ބަދަލުކޮށްލުމުގެ ފުރުސަތު ލިބުނީތީ އުފާ ކުރައްވާ ކަމަށެވެ.
އަދި ސަރުކާރުގެ އަމާޒަކީ އެއްވެސް ރަށެއް ބާކީ ނުކޮށް އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުން މުޅި ރާއްޖެއަށް ހޯދައިދިނުން ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ދެއްވި މެހުމާންދާރީއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" ރައީސްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ރައީސް ސޯލިހް މ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ވޭވަށަށް ވަޑައިގަތުން --
ރައީސްގެ މިދަތުރުފުޅުގައި މިދިޔަ ހޮނިހިރު ދުވަހު އެންމެ ފުރަތަމަ ވަޑައިގެންނެވީ މ. ރަތްމަންދޫ އަށެވެ. އޭގެފަހުން މަޑުއްވަރީ އާއި ދިއްގަރަށް އެދުވަހު ވަޑައިގެންނެވި އެވެ. އަދި އިއްޔެ އެންމެ ފުރަތަމަ ވޭވަށަށް ވަޑައިގަތުމަށްފަހު ދަތުރުފުޅުގެ ފަހު ރަށެއްގެ ގޮތުގައި ވަޑައިގަތީ މ. އަތޮޅުގައި ވެރިކަން ކުރާ މ. މުއްޔަށެވެ.
މިދަތުރުފުޅުގައި ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި އަދި ބައެއް ރަށްރަށުގެ ރައްޔިތުންނާ ވެސް ރައީސް ސޯލިހް ބައްދަލުކުރެއްވެވި އެވެ.
މ. އަތޮޅުގެ ރަށްރަށުގައި ކުރިއަށް ގެންދާ އުމުރާނީ ތަރައްގީގެ މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތްވެސް ރައީސް ބައްލަވާލެއްވެވި އެވެ.
މީގެ އިތުރުން ވޭވަށުގެ ބަނދަރާއި އެރަށުގައި އަލަށް އިމާރާތްކުރި އިންޖީނުގެއާއި އިންޖީނުގޭގެ އޮފީސް ހުޅުއްވައި ދެއްވައި، ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ދިއްގަރުގެ ވޮލީކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި، ވޮލީ ކޯޓު ހުޅުވުމުގެ ގޮތުން ދިއްގަރު ވެޓެރެންސް ވޮލީ ޓީމާއި މޯލްޑިވްސް ވެޓެރެންސް ވޮލީ ޓީމު ބައްދަލުކުރި މެޗުގައި ބައިވެރިވެވަޑައިގެން މޯލްޑިވްސް ވެޓެރެންސް ޓީމަށް ރައީސް ސޯލިހް ވަނީ ކުޅުއްވާފަ އެވެ.
އަމާޒަކީ އެއްވެސް ރަށެއް ބާކީ ނުކޮށް ކުރިއެރުން ހޯދާ ދިނުން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ