އީމެއިލް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދުން އިތުރު، ހުސްވި ހަފްތާގައި 41 މައްސަލަ!

އީމެއިލް އައިޑީ ބޭނުންކޮށްގެން މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދާފައިވާ ގިނަ މައްސަލަތަކެއް ފުލުހުންނަށް ހުށަހެޅި އެފަދަ މައްސަލަތައް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް ހުށަހެޅޭ އެފަދަ މައްސަލަތަކަށް ބަލާއިރު ފާއިތުވި ހަފްތާ ތެރޭގައި މިފަދަ 41 މައްސަލައެއް އެޑިޕާޓްމަންޓަށް ވަނީ ހުށަހެޅާފައެވެ.
ފުލުހުން ބުނީ މަކަރާއި ހީލަތް ހެދުމަށް މިހާރަކަށް އައިސް ބޭނުންކުރަމުންދާ އެއް އުކުޅަކީ ފްލެޓް ލިބިފައިވާ ކަމަށާއި އެޗްޑީސީގެ ނަމުގައި މޯބައިލް ނަންބަރަކުން ގުޅައި އެކަމާ ގުޅުންހުރި ޑޮކިއުމެންޓްތައް ފޮނުވުމަށްޓަކައި އީމެއިލް އައިޑީ ބޭނުވާ ކަމަށް ބުނާ ކަމަށެވެ. އަދި ޖީމެއިލްއަށް ދާ ކޯޑް ހިއްސާކުރުމާއެކު އެ ކޯޑް ބޭނުންކޮށްގެން އިންޓަނެޓް ބޭންކިންއިން ފައިސާ ހޯދާ ކަމަށެވެ.
ކުރިން އޭޓީއެމްތަކުން ފައިސާ ނެގިކަމުގައި ވީ ނަމަވެސް ބޭންކިން ހިދުމަތުގައި ބޭނުންކުރާ އީވޮލެޓް ހިދުމަތް ބޭނުންކޮށްގެން ފޯނުފަދަ ތަކެތި ގަނެފައިވާކަމަށާއި ނަމަވެސް މިހާރު ވަނީ ގަޑިއާއި ރަން އަދި އެކި ވައްތަރުގެ ގަހަނާއާއި އިލެކްޓްރޯނިކްސް ސާމާނުތައް ގަންނަން ފަށާފައި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ މަކަރާއި ހީލަތުން ފައިސާ ހޯދާ މިފަދަ މައްސަލަތަކަކީ ތަހުގީގުކުރުމުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިވާ މައްސަލަތަކަށްވާއިރު، މިފަދަ މައްސަލަތަކުގައި ގެއްލޭ ފައިސާ ހޯދުން ވެފައި އޮންނަނީވެސް އުނދަގޫ މަސައްކަތަކަށް ކަމަށެވެ. އަދި އެ ފަދަ މައްސަލަތަކަކީ އެންމެވެސް މިހާރަށްވުރެ ހޭލުންތެރިވެ ސަމާލުކަން ދީފިނަމަ މަދުކުރެވޭނެ ބާވަތުގެ މައްސަލައެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ